އިސްލާމްދީން ގަބޫލުކުރުމަކީ ދިވެހި ތާރީހުގައި ދިވެހިން ނިންމި އެންމެ އިންގިލާބީ އަދި މުހިންމު ނިންމުން ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހީނާ ވިދާޅުވީ، މިއަދަކީ އިސްލާމް ދީނުގެ ނޫރާނީ އަލިން ދިވެހިރާއްޖެ އަލިވެގެން ދިޔަތާ 900 އަހަރު ފުރިގެންދާ ދުވަސް ކަމަށާއި، މިއީ ދިވެހިން ދުށް އެންމެ ނަސީބުވެރި ދުވަސް ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ދަރުމަވަންތަ ރަސްގެފާނު އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުއްވި ދުވަހަކީ މި ކުޑަކުޑަ ރާއްޖޭގެ ޒަމާނުގައިވެސް ހިނގި އެންމެ ބޮޑު ހާދިސާ ކަމުގައި ފާހަގަކުރެއްވިއެވެ.
ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާހިރު މަހު ދިވެހިން އިސްލާމްދީން ގަބޫލުކުރުމާ އެކު، ގައުމުގެ އިޖުތިމާއީ އަދި ސަގާފީ މިންގަނޑުތަކަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް އައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން ދިވެހިންގެ ވިސްނުމާއި، އިޖުތިމާއީ މިންގަނޑުތަކާއި، އަދަބު އިހުތިރާމުގެ ގަވައިދުތަކާއި، މެހެމާންދާރީއާއި، އިންސާފު ގާއިމްކުރުމާއި، އާއިލީ ދިރިއުޅުން ފަދަ އެތައް ކަމެއް އިސްލާމްދީނުގެ ހަމަތަކާ އެއްގޮތަށް ބަދަލުވެގެން ދިޔަކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދިވެހިންގެ މާޒީގެ ސަފުހާތަކުން ކަށަވަރުވަނީ ކާބަފައިންނަކީ ހުރިހާ ދާއިރާއަކުންވެސް އިންތިހާއަށް ގާބިލު، ހިކުމަތްތެރި ބައެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.
އާކިއޮލޮޖިކަލް ދިރާސާތަކުން އިސްލާމްދީނުގެ ކުރިން ދިވެހިން ދިރިއުޅުނު ގޮތާއި އުޅުން ބައްޓަންވެފައި ހުރި ގޮތް ދެނެގަނެވިފައިވާ ކަމަށާއި، ރާއްޖެ އިސްލާމްވުމުން އައި ހެޔޮ ބަދަލުތައް އެ މައުލޫމާތުތަކުގެ އަލީގައި ސާފުވާ ކަމަށް ހީނާ ވިދާޅުވިއެވެ. އެހެންކަމުން މި ބަދަލުތައް އިތުރަށް ދެނެގަތުމަށް ދިރާސާތައް ކުރުމުގެ ގާބިލުކަން ހުރި މީހުން ބިނާކުރުމަށް ސަރުކާރުން އިސްކަންދޭކަން ހާމަކުރައްވަމުން، ދިވެހި ގައުމިއްޔަތު އިއާދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހާއްސަ ސިޔާސަތުތަކަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
ވަޒީރު ހީނާ އިތުރަށް ވިދާޅުވީ، ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމިއޮތުމުގެ އެންމެ ބޮޑު ސިއްރަކީ އިސްލާމީ އަގީދާ ކަމަށާއި، ގައުމީ އަބްތާލުން ގުރުބާނީތައް ވެވަޑައިގަތީވެސް މި ދީނުގެ ހައްގުގައި ކަމަށެވެ. އަދި ދުނިޔެއަށް އަންނަ ބަދަލުތަކާއެކު ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިވެ، އިސްލާމީ ހިދާޔަތުގެ މަތީގައި ގައުމު ސާބިތުކަންމަތީ ބޭއްވުމަށް އެންމެން އަޒުމު ކަނޑައަޅަންޖެހޭ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

