އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ގުޅުވައިދޭ މައި ލިންކް ރޯޑް މަރާމާތުކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލުކޮށް، އަންނަ މަސް ނިމުމުގެ ކުރިން އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ހައުސިން ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މުއްތަލިބު ވިދާޅުވީ، ލިންކް ރޯޑުގެ މަސައްކަތް ހަވާލުކުރުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މި ހަފުތާގެ ތެރޭގައި ނިންމައި، އަންނަ ހަފުތާގައި އެ މަސައްކަތް ކޮންޓްރެކްޓަރަކާ ރަސްމީކޮށް ހަވާލުކުރެވޭނެ ކަމަށެވެ. އަދި މަސައްކަތް ހަވާލުކުރުމާއެކު، އަންނަ މަސް ނިމުމުގެ ކުރިން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ފެށިގެން ކުރިއަށްދާނެކަމަށް ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާނީ ލިންކް ރޯޑުގެ ހަލާކުވެފައިވާ ބައިތައް މަރާމާތުކޮށް އަލުން ތާރުއެޅުމުގެ މަސައްކަތްތައްކަަމަށް މުއްތަލިބު ފާހަގަކުރެއްވި އެވެ. އެގޮތުން ރަށްތަކުގެ ދެމެދުގައި އޮންނަ ސަރަޙައްދުތަކާއި މަގުގެ އެކި ބައިތަކުގެ ތެރެއިން ހަލާކުވެފައިވާ ތަންތަން ރަނގަޅު ފެންވަރަކަށް އަލުން ތާރުއަޅައި ހަދާނެކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މުއްތަލިބު ވިދާޅުވީ ލިންކް ރޯޑުގެ މަސައްކަތުގެ ތެރެއިން ދެވަނައަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރިއަށްދާނީ ފޭދޫގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކަމަށެވެ.
އައްޑޫ ލިންކް ރޯޑަކީ ގިނަ ދުވަސްތަކެއް ވަންދެން މަރާމާތު ނުކުރެވި ދޫކޮށްލެވިފައި އޮތުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި، ދަތުރުފަތުރު ކުރުމުގައި އާންމުންނަށް ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ މަގެކެވެ. އަދި މިފަހުން އައްޑުއަށް ކުރި ވިއްސާރައިގައި، ލިންކްރޯޑު މަގުން ވެހިކަލްތައް ނުދުއްވުމަށް އިލްތިމާސްކޮށް ސިޓީ ކައުންސިލުން ބަޔާނެއް ވެސް އާންމު ކުރި އެވެ.

