ހާއްސަ އެހީއަށް ބޭނުންވާ ދަރިފުޅު ގޮވައިގެން ސައިކަލުގައ ދަނިކޮށް ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ މަރުވެއްޖެއެވެ.
މިދިޔަ އޮގަސްޓު 31 ވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބި، ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ ޅ. ކުރެންދޫ، މާޖެހިގެ، މުހައްމަދު އަފީފް، 62 އެވެ.
ދަރިފުޅު ގޮވައިގެން އޮފީހަށް ފިންގާ ޖަހަން ދިޔަ މަގުމަތީގައި އެ އެކްސިޑެންޓު ހިނގީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅޭ ހަތަރު އަނގޮޅީގައި ކާރަކުން އޭނާގެ ސައިކަލުގައި ޖެހިގެންނެވެ.
އެ އެކްސިޑެންޓުގައި އަފީފްގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، އޭނާގެ ސިކުނޑިއަށް ލޭ އެޅިފައިވެއެވެ. އެ ހާދިސާގައި އޭނާގެ ދަރިފުޅަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބުނެވެ.
އަފީފަކީ ކުރީގެ އެމްއީއެސް، އީޕީއެސް، އަމީނިއްޔާ ސްކޫލް، އަލިއްޔާ ސްކޫލް އަދި ޣާޒީ ސްކޫލްގައި ވެސް ދިވެހި މުދައްރިސްކަން ކުރެއްވި ތައުލީމީ ދާއިރާގައި ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ ފަރާތެކެވެ.

