އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނަގަންޖެހޭ ގޮތަށް ޖީއެސްޓީގެ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރުން ފަސްކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މާލިއްޔަތު ކޮމިޓީން އެ މައްސަލަ ބަލައި އިތުރަށް ދިރާސާކުރުމަށް އެދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސިޓީ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)އެވެ.
އެ ގާނޫނަށް އިސްލާހު ގެނައިއިރު ސަރުކާރުން އިގްތިސާދީ ގޮތުން ކުރާނެ އަސަރުތަކުގެ ދިރާސާއެއް ނުވަތަ މާކެޓް ރިސްކް އެނަލިސިސްއެއް ހަދާފައިނުވާ ކަމަށް ކުޑޫ ވިދާޅުވިއެވެ. އަދި ކަމާބެހޭ ބޭރުގެ ފަރާތްތަކާ ގުޅިގެން ފީސިބިލިޓީ ސްޓަޑީއެއްވެސް ހަދާފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުޑޫ ހުށަހެޅުއްވި މައްސަލައިގައި، ޓޫރިޒަމް އެޑްވޮކަސީ ޖަމިއްޔާ ”ޑެސްޓިނޭޝަން ފިއުޗާ“ އިން ތައްޔާރުކޮށްފައިވާ ރިޕޯޓުގައިވާ މުހިންމު ނުކާތަކަށް އަލިއެޅުއްވިއެވެ.
ޑެސްޓިނޭޝަން ފިއުޗާގެ ރިޕޯޓުގައި ވަނީ، އަންނަ މަހުން ފެށިގެން ޑޮލަރު މާރުކުރާ މިންވަރު 40 ޕަސެންޓަށް މަތިކުރުމާއި، ”ޑެސްޓިނޭޝަން ޕްރިންސިޕަލް“ގެ ދަށުން ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންގެ އަތުން ޓެކްސް ނެގުން މަޑުޖައްސާލުމަށް ގޮވާލާފައެވެ.
އެ ޖަމިއްޔާއިން ސަރުކާރަށް ހުށަހެޅި ކަރުދާހުގައި ބުނެފައިވަނީ، މިއީ ފަތުރުވެރިކަމުގެ ސިނާއަތުގެ ހާލަތާ ނުބައްދަލު އަދި އިއާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެ ބަދަލުތަކެއް ކަމަށެވެ. އެގޮތުން، ފާޅުގައި ރާއްޖެ ދޫކޮށް ނުދިޔަޔަސް، ރާއްޖެއަށް ޓޫރިސްޓުން ފޮނުވާ ފަރާތްތަކުން ވާދަވެރި މަންޒިލްތަކަށް ވިޔަފާރި ބަދަލުކުރުމުގެ ފުރުސަތު ބޮޑުކަމަށް ބުނެފައިވެއެވެ.
އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެންމެ 3 އިންސައްތަ ދަށްކުރި ނަމަވެސް، އެ ޓެކްސްއިން ލިބޭނެ ކަމަށް އަންދާޒާކުރި ހުރިހާ ފައިދާއެއް ގެއްލިގެންދާނެ ކަމަށް ކުޑޫގެ ސިޓީގައި ފާހަގަކުރެއްވިއެވެ.
އަވަސް އަރުވާލައިގެން ސަރުކާރުން މި ބަދަލުތައް ގެނައިއިރު، ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީއާއި މި ޓެކްސް ނެގުމުގެ އިދާރީ ކަންކަމަށް ހިނގާނެ ހަރަދާ މެދު ޑެސްޓިނޭޝަން ފިއުޗާއިން ސުވާާލު އުފައްދާކަން ވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
އޭގެ އިތުރުން، މިއީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިދާނެ ގެއްލުމެއް ބެލުމެއް ނެތި ހަމައެކަނި ދައުލަތުގެ ބަޖެޓުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އަވަސް ގޮތެއްގައި އާމްދަނީ ހޯދުމަށް ނިންމާފައިވާ ނިންމުމެއްކަން ވެސް ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ފަރާތުން ޖީއެސްޓީ ގާނޫނަށް އިސްލާހު ގެނައީ އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން 17 ޕަސެންޓު ޖީއެސްޓީ ނެގޭނެ ގޮތަށެވެ. އެ އިސްލާހަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
އެ ބަދަލުތަކާ ގުޅިގެން ރިސޯޓުތަކާއި ޓްރެވަލް އެޖެންޓުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ބައެއް ޓުއާ އޮޕަރޭޓަރުން ވަނީ ރާއްޖެ ވިއްކުން ހުއްޓާލާނެކަމުގެ އިންޒާރުވެސް ދީފައެވެ.

