އއ. ތޮއްޑޫގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 107 ބިދޭސީއަކު، މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހިންގި ހާއްސަ އިންސްޕެކްޝަނެއްގެ ތެރެއިން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި، އެ ރަށުގައި މި އޮޕަރޭޝަން ހިންގަން ނިންމީ ގަވާއިދާ ހިލާފަށް ބިދޭސީން ދިރިއުޅެމުންދާ މައްސަލައިގައި އާންމު ރައްޔިތުންގެ ފަރާތުން ގިނަ ކަންބޮޑުވުންތަކަކާއި ޝަކުވާތަކެއް ލިބުމާ ގުޅިގެންނެވެ.
އިމިގްރޭޝަންގެ ޓާސްކްފޯހުން އިއްޔެގެ ހެނދުނު 6:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ކުރިއަށްގެންދިޔަ މި ހަރަކާތުގައި، ޖުމްލަ 507 ބިދޭސީއެއްގެ ވިސާ އާއި ލިޔެކިޔުންތައް ޗެކްކޮށް ބަލައި ފާސްކޮށްފައިވެއެވެ. އޭގެ ތެރެއިން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭކަން ފާހަގަކުރެވުނު 107 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ރާއްޖޭގައި ބިދޭސީން ގަވާއިދާ ޚިލާފަށް ކުރަމުންދާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަންގެ ދަށުން، މިހާތަނަށް 107 ވިޔަފާރިއެއް ވަނީ ބަންދުކޮށްފަ އެވެ.
ވިޔަފާރިތައް ބަންދުކުރުމަށް ނިންމާފައިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށް ވިޔަފާރި ހިންގުމާއި، ހުއްދަ ދީފައިވާ ދާއިރާ ނޫން އެހެން ދާއިރާތަކުގައި ވިޔަފާރިކުރުން ހިމެނެއެވެ. މީގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ސިއްހީ މިންގަނޑުތަކާއި އުޞޫލުތަކާ ޚިލާފަށް ހިންގާ ތަންތަން ވެސް މި އޮޕަރޭޝަންގެ ދަށުން ވަނީ ބަންދުކޮށްފައެވެ.

