ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރުން ލިބޭ އާމްދަނީ އިތުރުވި ނަމަވެސް މާކެޓަށް ޑޮލަރު ދޫކުރަންޖެހޭ އަދަދު އަދިވެސް ބޮޑު: ޒަރީރު

ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ މާލީ ސިޔާސަތުތަކަށާއި ބޭރު ފައިސާއާ ގުޅޭ ގަވާއިދުތަކަށް ގެނައި ހަރުދަނާ އިސްލާހީ ބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އެތައް ގުނައަކުން ރަނގަޅުވެ، ބަޖެޓުގެ ޑެފިސިޓް ކުޑަކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މާލީ ހިސާބުތަކާއި ޑޮލަރުގެ މައްސަލައިގެ ތަފްސީލު ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ޕީއެންސީގެ ކޮންގްރެސްއަށް ހުށަހަޅައި މިނިސްޓަރ ވިދާޅުވީ، ދައުލަތުގެ ބަޖެޓުގެ ޖުމްލަ ހަރަދުން ލޯނުތަކުގެ އިންޓްރެސްޓް ފައިސާ އުނިކުރުމުން ދައުލަތުގެ ބަޖެޓު މިހާރު ވަނީ 0.4 އިންސައްތައިގެ ޕްރައިމަރީ ސާޕްލަސްއަކަށް ބަދަލުވެފައި ކަމަށެވެ. މިއީ 2018 އަދި 2019 ވަނަ އަހަރަށްފަހު، އަހަރުތަކެއް ވަންދެން ދެމިގެންދިޔަ ޑެފިސިޓް ފިލުވާލައި ބަޖެޓަށް މިފަދަ ހެޔޮ ބަދަލެއް އައި ފުރަތަމަ ފަހަރުކަމަށް ޒަރީރު ވިދާޅުވި އެވެ.

މީގެއިތުރުން، ބޭރު ފައިސާ މާރުކުރުމުގެ ސިޔާސަތުތަކާއި ފޮރިން ކަރަންސީގެ ގާނޫނުތަކަށް ގެނެވުނު ބަދަލުތަކާއެކު، މީގެ ކުރިން ބޭރުގެ ފަރާތްތަކަށް ފައިސާ ދައްކަން ޖެހުމުގެ ސަބަބުން ދަށްވަމުން ދިޔަ ރަސްމީ ރިޒާވް ވަނީ ބޮޑުތަނުން އުފުލުކަން ޒަރީރު ފާހަގަކުރެއްވި އެވެ. އެގޮތުން ވިދާޅުވީ މި އަހަރުގެ މާޗު މަހާ ހަމައަށް އައިއިރު ދައުލަތުގެ ރަސްމީ ރިޒާވް ވަނީ 400 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރައި، މަހުން މަހަށް ދައުލަތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ ވެސް ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައި ކަމަށެވެ.

މި ސިޔާސަތުތަކުގެ އެންމެ ބޮޑު އެއް ކާމިޔާބީއެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ، މާޗު މަހުގެ ތެރޭގައި ދައުލަތުން ދައްކަން ޖެހުނު 500 މިލިއަން ޑޮލަރުގެ ބޮޑު ސުކޫކު އެއްވެސް އާ ދަރަންޏެއް ނުނަގައި ދައްކައި ހަލާސްކުރެވުމެވެ. ޒަރީރު ވިދާޅުވީ މި ފައިސާ ދައްކާފައިވަނީ ކުރިއާލައި ވަރަށް ރަނގަޅަށް ރޭވިގެން، ހަރުދަނާ ޕްލޭނެއްގެ ދަށުން ރިޒާވް ވަރުގަދަކޮށް، އެ ރިޒާވްގެ ބޭނުން ހިފައިގެން ކަމަށެވެ.

ސުކޫކު ދެއްކުމަށްފަހު ވެސް ބޭރު ފައިސާ މެނޭޖުކުރުމުގައި ގޮންޖެހުންތަކެއް ހުރިއިރު ޒަރީރު ވިދާޅުވީ، ދައުލަތަށް ޑޮލަރުން ލިބޭ އާމްދަނީ އިތުރުވަމުން އަންނަ ނަމަވެސް، އެ ފައިސާ އެކި ބޭނުންތަކަށް އަލުން ބާޒާރަށް އިންޖެކްޓް ކުރަން ޖެހޭ މިންވަރު ވެސް އިންތިހާއަށް އިތުރުވަމުންދާ ކަމަށެވެ. ހާއްސަކޮށް، ރާއްޖެއަށް ބޭނުންވާ ތެލާއި އަސާސީ އެހެނިހެން މުދާ އެތެރެކުރުމަށާއި، ބޭރުގެ ލޯނުތައް އަނބުރާ ދެއްކުމަށްޓަކައި މިދިޔަ އަހަރު ނިމުނުއިރު ވެސް އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު މާކެޓަށް ދޫކުރަން ޖެހުނުކަމަށް ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ، 2022 ވަނަ އަހަރަށްފަހު ދަށްވަމުން އައި އިމްޕޯޓުގެ ޑޮލަރު ޑިމާންޑް މިހާރު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައި ކަމަށެވެ. އަދި މި ހިނގާ އަހަރުގެ ތެރޭގައި ވެސް މާކެޓަށް ޑޮލަރު ފޯރުކޮށްދޭންޖެހޭ މިންވަރު އެއަށްވުރެ އިތުރުވާނެކަމަށް ލަފާކުރެވޭތީ، ބޭރު ފައިސާގެ ރިޒާވް ހިފެހެއްޓުމަށާއި ގައުމުގެ މާލީ ހަމަޖެހުން ދެމެހެއްޓުމަށް ސަރުކާރުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ވަރަށް ހަރުދަނާކަމާއެކު އަޅަމުން ގެންދާނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: