ޕީޕީއެމްގެ ވެރިކަމުގައި ސިޔާސީ ވާދަވެރިން ޖަލަށްލީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެންކަމަށް ބުނެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދެއްކެވީ އެމަނިކުފާނަކީ އަދުލުވެރިއެއްކަމަށް ރައްޔިތުންނަށް ދެއްކުމުގެ ގޮތުންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނޭ ގޮތަށް، ސިޔާސީ ގޮތުން އިދިކޮޅު ގިނަ ލީޑަރުންތަކެއް ޖަލަށްލީ މައްސަލައިގައި، ރައީސް މުއިއްޒު ވަނީ އެއީ ޝަރުއީ ދާއިރާއަށް ފޯރުވި ނުފޫޒެއްގެ ގޮތުގައި ސިފަ ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އަދި އެ ލީޑަރުން މިނިވަން ކުރުމަށްޓަކައި 1 ފެބްރުއަރީ 2018 ގެ ރޭ ސުޕްރީމް ކޯޓުން ކުއްލި އަމުރެއް ނެރުނުއިރު، އެ އަމުރު ނެރުނީ އެއްވެސް އަޑުއެހުމެއް ވެސް ނުބާއްވައި، އެ މައްސަލަތައް ސުޕްރީމް ކޯޓުން ނިންމިތާ އެތައް ދުވަހެއް ފަހުންކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ޕީއެންއެފް ޖަލްސާގައި ރައީސް ޔާމީން ވަނީ، ރައީސް މުއީއްޒު އެ ވާހަކަތައް ދައްކަވަނީ ވަރަށް އަދުލުވެރި ބޭފުޅަކަށް ވެވަޑައިގަންނަވަންކަމަށް ވިދާޅުވެފަ އެވެ. ރައީސް ޔާމީން ވިދާޅުވީ، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރުންނަކީ މާ މާތް ބައެއް ނޫންކަމަށާއި އެއީ ވެސް އާދައިގެ އިންސާނުން ކަމަށެވެ. ފަނޑިޔާރުންނަށް އިހުތިރާމް ލިބެނީ އެ މީހުންގެ ޒިންމާތައް ތެދުވެރިކަމާއެކު އަދާކުރުމުންކަމަށާއި، ދާއިރާއިން ބޭރުވެ ސަރުކާރަކާ ދެކޮޅަށް ބަޣާވާތް ކުރުމުން ސުޕްރީމް ކޯޓެއް ނޯންނާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ކަންކަން ބަލަހައްޓަން ހުންނަނީ އިންތިހާބުކޮށްފައި ހުންނަ ރައީސެއްކަމަށާއި، ސުޕްރީމް ކޯޓަކީ އެކަން ކުރަން ރައްޔިތުން ބާރުތަކެއް ދީފައިވާ ބައެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އޭރު ސަރުކާރު ތެރޭގައި ކަންކަން ހިނގި ގޮތް އެނގޭ ހިސާބެއްގައި ރައީސް މުއިއްޒު ނޫޅުއްވާކަމަށާއި، އެހެންކަމުން އަދުލުވެރިކަމުގެ ވާހަކަ ދައްކަވަން ރައީސް މުއިއްޒަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ.
މީގެއިތުރުން، ރައީސް މައުމޫނާއި ފަނޑިޔާރުން ޖަލުގައި ބަންދުކުރި ތަނާ ގުޅޭގޮތުން ރައީސް ޔާމީން ވިދާޅުވީ، އެ ބޭފުޅުން ތިއްބެވީ އާންމު ގޮޅިއެއްގައި ނޫންކަމަށާއި، އެއީ މައި ޖަލާ ވަކިން ހުންނަ ”ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް“ (އެސްޕީޔޫ) ކަމަށެވެ. އެ ތަނަކީ ކުރިން ރައީސް ނަޝީދާއި، ކާނަލް ނާޒިމް އަދި ޚުދު އެމަނިކުފާނު ވެސް ހުންނެވި ތަންކަމަށް ވިދާޅުވިއެވެ.
ދެންވެސް އެ ތަނަށް ވަންނަން ތިބީ ރައީސުން. އެހާ އެކަމާ ހިތްޕުޅު ބަލިވެގެން އުޅުއްވާނަމަ އެ ތަން ޕެންޓްހައުސްއަކަށް ހައްދަވާ، ފައިވް ސްޓާ ފެންވަރަށް ގެންނަވާ…
ރައީސް ޔާމީން ވިދާޅުވީ ރައީސް މައުމޫން ޖަލަށް ވަޑައިގަންނަވަން ޖެހުނީ ޝަރުއީ ތިން މަރުހާލާ ފުރިހަމަވެގެން ކަމަށެވެ. އަދި ރައީސް މުއިއްޒަކީ އަދުލުވެރި ބޭފުޅެއް ނަމަ، އެމަނިކުފާނުގެ އަރިހުގައި ތިއްބެވި މީހުން ކުރި ވައްކަންތަކާއި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތައް ބައްލަވައި ތަހުގީގު ކުރުމަށް ރައީސް ޔާމީން ގޮވާލެއްވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ސިޔާސީ ބޭފުޅުން ޖަލަށް ލުމަކީ އަދުލުވެރިކަން މިނެކިރާ މިންގަނޑު ނޫނެވެ، އަދި ހަގީގީ އަދުލުވެރިކަމަކީ ރައްޔިތުންގެ ގެއްލިފައިވާ ފައިސާ ހޯދައިދިނުންކަމަށް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ، ގައުމުގައި އުފެދޭ ނިކަމެތިކަމަކީ ސަރުކާރުގެ ތެރޭގައި ތިބޭ ވަކި ބައެއްގެ ސަބަބުން ނުކުންނަ ނަތީޖާއެއް ކަމަށާއި، އަނިޔާވެރިކަމަކީ ވެސް އެއީ ކަމަށެވެ. އެހެންކަމުން، ރައީސް މުއިއްޒުގެ އަރިހުގައި ތިއްބެވި ބޮޑެތި ހިޔާނާތްތެރިންނާއި ވައްކަންކުރާ ފަރާތްތަކުގެ މައްސަލަތައް އިންސާފުވެރިކަމާއެކު ބެއްލެވުމަށްފަހު މެނުވީ، އަދުލުވެރިކަމުގެ ވާހަކަ ދެއްކެވުމުގެ އެއްވެސް ހައްގެއް މި ސަރުކާރަށް ލިބިގެން ނުވާކަމަށް ވިދާޅުވި އެވެ.

