ދިވެހިރާއްޖޭގެ އައު ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ އައު އުސޫލުތަކަށް އަމަލުކުރުމަށް އަންގަން މަސައްކަތްކޮށް، ނުގުޅުނު ބޭރުގެ 8 ކުންފުންޏެއްގެ މައުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން އާންމުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ 3 ސެޕްޓެންބަރު 2024 ގައި ތަސްދީގު ކުރެވުނު ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން، ފޮރިން އިންވެސްޓްމަންޓްގެ އައު ދާއިރާތައް 8 އޮކްޓޯބަރު 2025 ގައި އިއުލާނުކޮށްފައިވާ ކަމަށެވެ. އެ އިއުލާނުގައި ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ވިޔަފާރިކުރެވޭނެ ދާއިރާތަކާއި، މަނާ ދާއިރާތައް އަދި ވަކި ޝަރުތުތަކަކާއެކު ހުއްދަދެވޭ ދާއިރާތައް ވަނީ ބަޔާންކޮށްފައެވެ.
އައު އުސޫލުތަކުގެ ދަށުން، ދިވެހިންނަށް އެކަނި ހާއްސަ ބޭރުގެ ފަރާތްތަކަށް ބަންދުކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިއާއި، ކާގޯ ސޭލްސް އޭޖެންޓް (ސީއެސްއޭ)، ޖެނެރަލް ސޭލްސް އޭޖެންޓް (ޖީއެސްއޭ) އަދި ޕެސެންޖަރ ސޭލްސް އޭޖެންޓް (ޕީއެސްއޭ) ގެ ހިދުމަތްތައް ހިމެނެއެވެ. ކުރިން ދޫކޮށްފައިވާ ހުއްދަތަކުގެ ދަށުން މި ދާއިރާތަކުގައި މިހާރު ހަރަކާތްތެރިވަމުންދާ ބޭރުގެ ކުންފުނިތަކުން، 8 އޮކްޓޯބަރު 2026 ގެ ނިޔަލަށް އެ ވިޔަފާރިތަކުން އެގްޒިޓްވާން ޖެހޭނެކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
މި ބަދަލުތަކާ ގުޅިގެން ކުންފުނިތަކަށް އިންތިގާލީ މަރުހަލާގައި ބޭނުންވާ އެހީތެރިކަން ދިނުމަށް މިނިސްޓްރީގެ ރެކޯޑުތަކުގައިވާ މައުލޫމާތުތަކަށް ބަލައި ގިނަ ކުންފުނިތަކަކަށް ފޯނުންނާއި އީމެއިލް މެދުވެރިކޮށް ގުޅުމަށް މަސައްކަތްކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
ނަމަވެސް، ރެކޯޑުތަކުގައިވާ ނަންބަރުތަކުން 8 ކުންފުންޏަކާ ގުޅޭގޮތް ވެފައި ނުވާތީ، އެ މައުލޫމާތުތައް ވަނީ އާންމުކޮށްފަ އެވެ.
ގުޅޭގޮތް ނުވި 8 ކުންފުނި:
މެގަ ސްޕީޑްލައިނަރސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް
އެސްލިޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
އިސޯލާ ކްރިއޭޝަން (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް
ދީނަމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ލެމިންޓަންސް ޖުވެލްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް
އެމްޔޫކޭ އެޕަރަލްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް
ލަކްޖެމްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް
އޯޝަން ވެލް ގާމެންޓްސް ޕްރައިވެޓް ލިމިޓެޑް
އެހެންކަމުން، މި ކުންފުނިތަކުގެ ޑައިރެކްޓަރުން، ހިއްސާދާރުން ނުވަތަ ހުއްދަދެވިފައިވާ މަންދޫބުން ވީއެންމެ އަވަހަކަށް ”އިންވެސްޓް މޯލްޑިވްސް“ އާ ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި އައު ގަވާއިދުތަކަށް ފެތުމަށްޓަކައި އިންތިގާލީ މަރުހަލާގެ ޝަރުތުތައް ކަށަވަރުކޮށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

