ދިވެހިރާއްޖޭގެ އިގްތިސާދީ މުހިންމު ދާއިރާތަކުން އިންވެސްޓްކުރުމުގެ ފަހި ފުރުސަތުތަކެއް ސައުދީ އަރަބިއްޔާގެ ވިޔަފާރިވެރިންނަށާއި އިންވެސްޓަރުންނަށް ހުޅުވާލެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސައޫދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ އަހުވަންތަ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް ދެ ގައުމުންވެސް ތައްޔާރަށް އޮތް ކަމަށެވެ.
ސައުދީ އަރަބިއްޔާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) މެދުވެރިކޮށް ރާއްޖޭގެ ދަތުރުފަތުރާއި، ސިއްހީ ދާއިރާއާއި، މަސްވެރިކަމާއި، ބޯހިޔާވަހިކަން އަދި އަރބަން ޑިވެލޮޕްމަންޓްގެ ގިނަ މަޝްރޫއުތަކަކަށް އަގުހުރި އެހީތަކެއް ލިބިފައިވާ ކަމަށެވެ. އަދި 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ދަތި އުނދަގޫ ދަނޑިވަޅުގައި ސައުދީން ވެދިން އެހީތެރިކަން ދިވެހިން އަބަދުވެސް ހަނދާން ބަހައްޓާނެކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރު ހާމަކުރެއްވިއެވެ. އެގޮތުން، ރާއްޖޭގައި އިންވެސްޓްމަންޓް މާހައުލު އިތުރަށް ހަރުދަނާކޮށް، ސައުދީގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނަށް ފަހި ފުރުސަތުތައް ހުޅުވާލާފައިވާކަމަށް ވަނީ ވިދާޅުވެފަ އެވެ. ހާއްސަކޮށް ފަތުރުވެރިކަން، އުމްރާނީ ތަރައްގީ، ބޯހިޔާވަހިކަން، ސިއްހީ ދާއިރާ، މަސްވެރިކަން، އިޔާދަކުރަނިވި ހަކަތަ އަދި ލޮޖިސްޓިކްސް ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ރާއްޖެ ތައްޔާރަށް އޮތްކަމަށް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރާއްޖެއަކީ ހަމައެކަނި ތަރައްގީގެ އެހީ ހޯދާ ގައުމެއްގެ ބަދަލުގައި، ސައުދީ އަރަބިއްޔާއާއެކު ވިޔަފާރިއާއި އިގްތިސާދީ ގޮތުން ހަމަހަމަ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރަން ތައްޔާރަށް އޮތް ގައުމެއް ކަމަށެވެ. އަދި ސައުދީގެ ރިޔާދްގައި ބޭއްވުމަށް ހަމަޖެހިފައިވާ ”އެކްސްޕޯ 2030“ ގައި ރާއްޖެއިން ފުރިހަމައަށް ބައިވެރިވެ، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރިއާއި ފަތުރުވެރިކަމުގެ ގުޅުންތައް އައު ހަރުފަތަކަށް ގެންދިއުމަށް މި ފުރުސަތުގެ ބޭނުން ހިފާނެކަމަށް ވެސް ވިދާޅުވިއެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ސަލާމަތީ އަދި ސިޔާސީ ގުޅުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ ދާދިފަހުން ސޮއިކުރެވުނު ”މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ޗާޓަރ“ އަކީ ރާއްޖެ ފަދަ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަމަށް ބަރޯސާވާ ގައުމަކަށް ވަރަށް މުހިންމު ފިޔަވަޅެއްކަ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި، ސަރަހައްދީ އަމަންއަމާންކަން ދެމެހެއްޓުމުގައި ސައުދީ އަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރައްވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

