އިންޑިއާ ސަރުކާރުން ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ދިނުމަށް ނިންމާފައިވާ 500 މިލިއަން ޑޮލަރު (48.50 ބިލިއަން އިންޑިއަން ރޫޕީޒް) ގެ ލައިން އޮފް ކްރެޑިޓް މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން އެކްޓިވްވެ، ބޭނުންކުރަން ފެށޭގޮތް ވެއްޖެއެވެ.
މި ފެސިލިޓީ އެކްޓިވްވުމާ ގުޅިގެން، މި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ވަކިވަކި ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ދޫކުރުމަށް ވާންޖެހޭ އެއްބަސްވުންތައް އެކުލަވާލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ. ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ބަޔާންކޮށްފައިވާ ގޮތުގައި، މި ކްރެޑިޓް ލައިންގެ ދަށުން ހިންގާ ކޮންމެ މަޝްރޫއަކަށް މަދުވެގެން ފަސް ބިލިއަން އިންޑިއަން ރޫޕީޒްގެ ވަކި އެއްބަސްވުމެއް ގާއިމުކުރަން ޖެހޭނެއެވެ.
މި ކްރެޑިޓް ލައިންގެ ދަށުން ހިންގޭ މަޝްރޫއުތަކަށް ބޭނުންވާ މުދަލާއި، މަސައްކަތްތެރިންގެ އިތުރުން އެކި ކަހަލަ ހިދުމަތްތަކުގެ މަދުވެގެން 75 އިންސައްތަ ހޯދަން ޖެހޭނީ އިންޑިއާގެ ފަރާތްތަކުންނެވެ. އަދި ބާކީ 25 އިންސައްތަ އެހެން ގައުމުތަކުން ހޯދުމުގެ އިހުތިޔާރު ލިބިގެންވެއެވެ. ނަމަވެސް، މި ފައިސާ އެކްސްޕޯޓް ކުރުމުގެ މުއާމަލާތްތަކުގައި ދޭންޖެހޭ އެޖެންސީ ކޮމިޝަންތައް ދެއްކުމަށް ބޭނުން ނުކުރެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
މި ކްރެޑިޓް ލައިނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ދިނުމަށް ދެ ގައުމުގެ ދެމެދުގައި އެއްބަސްވެފައިވާ މުހިންމު ފެސިލިޓީއެކެވެ.

