2014 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ސަރުކާރުގެ އޮފީސްތައް ހިންގި އިމާރާތްތަކުގެ ތެރެއިން އިންޝުއަރެންސް ކޮށްފައިވަނީ ހަމައެކަނި އެންވަޔަރަމެންޓް މިނިސްޓްރީ ހިންގި އިމާރާތް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މި ހިތާމަވެރި ހާދިސާގައި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތް އެއްކޮށް އަނދައި އަޅިއަށްވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ނަމަވެސް އެންވަޔަރަމެންޓް މިނިސްޓްރީ އަދި މާލޭ ސިޓީ ކައުންސިލް ހިންގި އިމާރާތުން ބައެއް ތަކެތި ސަލާމަތް ކުރެވިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި އަލިފާނުގެ ހާދިސާގައި ގްރީން ބިލްޑިން ކޮމްޕްލެކްސް އެއްކޮށް ބޭނުންނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާއިރު، އެ އިމާރާތްތަކުގައި ހުރި ގިނަ އަދަދެއްގެ މުހިންމު ލިޔެކިޔުންތައް ވަނީ ގެއްލިފައެވެ. މި ހާދިސާގައި ލިބުނު ގެއްލުމުގެ މުޅި އަގު އަދި މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.
މީގެއިތުރުން، އަލިފާނުގެ ގަދަ ހޫނުގެ ސަބަބުން ކައިރީގައި ހުރި ތިން ގެއެއްގެ ނުވަ އެޕާޓްމަންޓަކަށާއި ކައިރީގައި ހުރި ފިހާރައަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

