ވައިގެ މަގުން އެތެރެކުރަން އުޅުނު 3.3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނީ މިތަކެތި އަތުލައިގަތީ ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި މިމަހުގެ 22 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގެ ތެރެއިންކަމަށެވެ.
އެ އޮޕަރޭޝަންގެ ތެރެއިން މިމަހުގެ 22 ވަނަ ދުވަހު އިންޑީއާއިން ރާއްޖެއައި އިންޑިއާގެ 2 ފަސިންޖަރުންގެ ލަގެޖުން މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަން ޝައްކުކުރެވިގެން، ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި 3.3 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.
އެ 2 ފަސިންޖަރުން ބަލައި ފާސްކުރުމުގެ ތެރޭގައި ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން މަަސައްކަތްކުރި 2 ފަސިންޖަރަކު ގަން އިންޓަރނޭޝަނަލް އެއާޕޯޓުން ހިފަހައްޓާފައިވާއިރު، މިދިޔަ މަހުގެ 29 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންވެސް ދެ ފަސިންޖަރަކު ބަލައިފާސްކުރުމުގެ ތެރޭގައި 2 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ.

