މާލޭގެ ސޯސަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ޒުވާން އަންހެނަކު ނިޔާވެއްޖެއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެކްސިޑެންޓްގައި އަނިޔާވި 26 އަހަރުގެ އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، ނިޔާވެފައިވާކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އޭނާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ހޯދަމުން ދަނިކޮށް، މިއަދު ހަވީރު އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، ސޯސަން މަގުން ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހިގެންނެވެ. މި ހާދިސާގައި މާހިދާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ.

