ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި ނޭޕާލްގެ ދެ މީހަކު ހައްޔަރުކޮށް ބަންދު ޖަހައިފި އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ކުށުގައި، ހައްޔަރުކޮށްފައި ވަނީ ނޭޕާލަށް ނިސްބަތްވާ އުމުރުން 47 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ އަންހެނެކެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 3 ދުވަހުގެ މުއްދަތެއް ދީފައެވެ.
ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކޮށްފައިވާތީ އެވެ. އަދި އެ މީހުންގެ ހަށިގަނޑުގައި މަސްތުވާތަކެތި ހުރުމުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާތީ، ބަންދު މަޖިލިސް ކުރިއަށް ގެންގޮސްފައި ވަނީ އެމީހުންގެ ޣައިރު ހާޒިރުގައެވެ.
މީގެއިތުރުން، އެ މީހުންގެ ސިއްހީ ހާލަތު ރަނގަޅުވެ، ކޯޓަށް ހާޒިރުކުރެވޭ ފަދަ ހާލަތަކަށް އައުމުން ކޯޓަށް ހާޒިރުކުރަންޖެހޭނެކަމަށް އަމުރުގައި ވެއެވެ.
ފުލުހުން ބުނި ގޮތުގައި މި ދެ މީހުންގެ ހަށިގަނޑުން ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. ނަމަވެސް އެ މީހުންގެ ހަށިގަނޑުން ފެނުނު މަސްތުވާތަކެތީގެ ސީދާ ބަރުދަނާއި އަދަދު ހާމަކޮށްފައެއް ނުވެއެވެ.

