ރަސްމާލޭގައި މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ މަޝްރޫއު ހިންގަން ޔޫއޭއީގެ އީގަލް ހިލްސްއާއެކު އެއްބަސްވެފައިވާ ކަންކަމުގެ ތަފްސީލުތައް ހާމަކުރަން ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
އެއް މަހުގެ ޗުއްޓީއަކަށް ފަހު މަޖިލީހުގެ ޖަލްސާތައް މިއަދު ފަށާފައިވާއިރު، އެ ޖަލްސާގައި އީގަލް ހިލްސްގެ އެއްބަސްވުން ހާމަކުރަން ގޮވާލައި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން މީކާއިލް ވަނީ، ދައުލަތުގެ މިލްކުގައި ހިމެނޭ އެއްވެސް އެއްޗެއް ވިއްކަން، ކުއްޔަށް ދޭން، ރަހުނުކުރަން، ނުވަތަ ދޫކުރަން ވާނީ ވެސް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން އަދި ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ ފަރާތްތަކަށް މިލްކު ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކޮށްފައެވެ.
އޭގެ އިތުރުން، މައުލޫމާތު ހޯދުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާއިރު، ރަސްމާލޭގައި އީގަލް ހިލްސްއަށް ހިންގަން ހަވާލުކޮށްފައިވާ މަޝްރޫއުގެ ކޮމާޝަލް ޓާމްސް އެގްރީމަންޓުގެ ތަފްސީލުތައް ހަމަކޮށްފައިނުވާ ކަމާއި، އަދި ރަސްމާލެއަކީ ގައުމުގެ އަގު ބޮޑު ރައުސުލްމާލެއް ކަމަށް ސަރުކާރުން ބުނާއިރު، އެތަން ދޫކޮށްފައިވާ ގޮތާމެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަ ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
އެ އެއްބަސްވުމާ މެދު އޮތް ކަންބޮޑުވުންތައް އޭނާ ހިއްސާކުރައްވާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:
- އެއްބަސްވުމުގެ ތަފްސީލު ހާމަކޮށްފައި ނުވުން
- ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކުމަށްފަހު އެ ހަރަދު ދައުލަތަށް އަނބުރާ ނުލިބޭ ގޮތަށް އެއްބަސްވުން އެކުލަވާލާފައިވުން
- 500 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް 99 އަހަރަށް ދީފައި އޮތުން
- އެކިއުޒިޝަން ކޮސްޓެއް ނުވަތަ ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް އޮތުން
- އެ ބިމުން ތަރައްގީކުރާ ތަންތަން ތިން ވަނަ ފަރާތަކަށް ދޫކުރުމުގެ ރޯލިން ލީސް އިންޓްރެސްޓް އުފެއްދުމުގެ ހައްގު ދީފައި އޮތުން
- އެފަދަ ބޮޑު މަޝްރޫއެއްގެ އެއްބަސްވުން ސިއްރުކުރުމުގެ ސަބަބުން ކޮރަޕްޝަަނަށް މަގުފަހިވުން
ރަސްމާލެ އަކީ އެއްވެސް ފަަރާތަކަށް ހިލޭ ދޭނެ ތަނެއް ނޫންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ނަމަވެސް، ވެރިކަން ހިންގާ ބާރުގެ ފަރާތުން ކުރާ ކަންތައް ހިނގާ ނުހިނގާ ގޮތް ބެލުމުގެ ބާރަކީ މަޖިލީހަށް އޮތް ބާރަކަށް ވާއިރު، އެއްބަސްވުން ފުރިހަމަ ތަފްސީލުތަކާއެކު މަޖިލީހަށް ގެނައުމަށާއި އެކަމާ މެދު މަޖިލީހުގައި ބަހުސްކުރުމަށް އެ ކުއްލި މައްސަލަައިގައި ގޮވާލާފައިވެއެވެ.

