ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާގެ އަސްލަކީ ރަސްމާލެ ހިއްކުން ކަމަށާއި އެ މަޝްރޫއުގެ އަސްލަކީ ރާއްޖޭގައި މިވަގުތު ހުންނެވި ނާގާބިލު ރައީސުލްޖުމްހޫރިއްޔާ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
އީގަލް ހިލްސްއާއެކު ސަރުކާރުން އެއްބަސްވެފައިވާ ކަންކަމުގެ ތަފްސީލުތައް ހާމަކުރަން ގޮވާލައި މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން މައުރޫފް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ޓޯޓަލް ސޮލޫޝަން ގެނެސްދޭނެ ކަމަށް ބުނެ ރަސްމާލެ ހިއްކާއިރު، ބ. އަތޮޅު ކެންދޫގެ މިސްކިތުގެ މަސައްކަތް ކިހާދޫގެ ނަރުދަމާ، ދޮންފަނުގެ ނަރުދަމާ އަދި ކުޑަރިކިލުގެ ނަރުދަމާ ހުރީ ހުއްޓިފައި ކަމަށެވެ.
އޭނާ ވިދާޅުވެފައިވަނީ، ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާގެ އަސްލަކީ ރަސްމާލެ މަޝްރޫއު ކަމަށާއި، އެ މަޝްރޫއުގެ އަސްލަކީ މި ގައުމާ ހަވާލުވެ ހުންނެވި ނާގާބިލު ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
”ރާއްޖޭގެއަށް ދިމާވެފައިވާ ހުރިހާ މައްސަލައެއްގެ އަސްލަކީ ރަސްމާލެއޭ. މުޅި މި ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާގެ އަސްލަކީ ރަސްމާލެއޭ.“ މައުރޫފް
އެ ވާހަކަތަކުގެ މެދުތެރެއިން މައުލޫއަށް ވަޑައިގަތުމަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސް އަހުމަދު ސަލީމް އެދިވަޑައިގަތުމުން، މައުރޫފް ވަނީ އޭނާ ދައްކަވާ ވާހަކަ އަޑުއެއްސެވުމުން ވާހަކަ ދައްކަވަނީ މައުލޫއަށް ކަން ސާފުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކެންދޫގެ މިސްކިތުގެ މަސައްކަތް ކިހާދޫގެ ނަރުދަމާ، ދޮންފަނުގެ ނަރުދަމާ އަދި ކުޑަރިކިލުގެ ނަރުދަމާގެ މަސައްކަތް ހުއްޓިފައި ހުރީ ރަސްމާލެއާ ހެދި ކަމަށް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ، ދައުލަތަށް ލިބޭހާ ލާރިއެއް ހުސްކުރަމުންދަނީ ރަސްމާލެ ހިއްކަން ކަމަށެވެ. ރައްޔިތުން ޑޮލަރަށް ޖެހި ކާބޯތަކެތީގެ އަގު އުފުލިގެންދަނީ ރަސްމާލެއާ ހެދި ކަމަށް ވިދާޅުވިއެވެ.
”ދައުލަތަށް ލިބުނު އާމްދަނީ އެއްކޮށް އެތަނަށް އަޅާލީ. ދިވެހި ރައްޔިތުން ޑޮލަރަށް ޖެހި ބެންކުތަކުގައި ޑޮލަރު ހުސްވެ، ކާބޯތަކެތި އަގު މައްޗަށް އަރައިގެން އެ ދަނީ ތިޔަ ރަސްމާލެއަކާ ހެދިއޭ ރައީސް،“
އެ ވަރުގެ މުހިންމު ތަނަކަށް ވާއިރު، އެތަން ހިއްކާފައި ވިއްކާލީ ރިޔާސީ އިންތިހާބަށް ކަޓު ނަގާ ޕްރޮޖެކްްޓެއްގެ ގޮތުގައި ކަމަށް ތުހުމަތުކުރައްވައި، އެކަމަށް ޖާގައެއް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ޔަހޫދީން ރާއްޖެއަށް ގެނައުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ސިފަކުރެއްވިއެވެ.

