ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ މަޝްރޫއު ހަވާލުކުރީ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ”ކަޓު“ ނަގަން: މީކާއިލް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ރަސްމާލޭގެ ބިމެއް ބޭރުގެ ފަރާތަކަށް ވިއްކާލުމަށް ނިންމީ 2028 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ރިޝްވަތު ނަގަން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ތުހުމަތުކުރައްވައިފިއެވެ.

މީކާއިލް މިހެން ވިދާޅުވީ، މިއަދުގެ މަޖިލީހަށް އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުންނެވެ.

ރަސްމާލެ މަޝްރޫއުއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ މީކާއިލް ވިދާޅުވީ، މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމާލޭގެ ބިމުން ބޭރުގެ އެއްވެސް ފަރާތަކަށް އެންމެ ދުވަހަކަށްވެސް ކުއްޔަށްވެސް އަދި ހިލޭވެސް އެތަނުން ވެލިފުކެއްގެ މިންވަރުވެސް ނުދެއްވާނެކަމަށް ވިދާޅުވި ނަމަވެސް މިހާރު ކަންތައްތައް ކުރަންވަމުން ގެންދަވަނީ ދިމާ އިދިކޮޅަށް ކަމަށެވެ.

ރަސްމާލެ ހިއްކަނީ ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އަސާސީ ހިދުމަތް ދިނުމަށް ކަމަށާއި އަދި ރަސްމާލޭގެ ބިމުން ބޭރުގެ އެއްވެސް ފަރާތަކަށް އެންމެ ދުވަހަކަށްވެސް ކުއްޔަށް ނުވަތަ ހިލޭވެސް އެތަނުން ވެލިފުކެއްވެސް ނުދޭނެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި ނަމަވެސް މިހާރު ރާއްޖޭގެ މިލްކިއްޔާތެއް ބޭރުގެ ފަރާތަކަށް ވިއްކާލުމުގެ ބޮޑު މަޝްރޫއެއް ފަށާ އެތަކެއް ސަތޭކަ އަހަރަކަށް އެ ބިން ބޭރުގެ ފަރާތަކަށް ދީފައިވާކަމަށް ވިދާޅުވެ މީކާއިލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

”ދިވެހިރާއްޖޭގެ އެތަކެއް ހެކްޓަރެއްގެ ބިމެއް ބޭރުގެ ގޮތް ނޭނގޭ ފަރާތްތަކަކަށް ގޮތް ނޭނގޭ އުސޫލުތަކެއްގެ ދަށުން ހަމަ އެކަނި 2028 ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ”ކަޓު“ ހޯދުމުގެ ބޭނުމުގައި ބޮޑު މަޝްރޫއެއް ހިންގާ ދިވެހިރާއްޖެ ވިއްކާލަން ތައްޔާރުވަމުން އެދަނީ،“ މީކާއިލް

ރަސްމާލެއިން ބިން ބޭރުގެ އެއްވެސް ފަރާތަކަށް ނުދޭނަމޭ ބުނީކީ އެމްޑީޕީންނެއް ނޫންކަމަށާއި އެއީ މި ސަރުކާރުން ބުނި ބުނުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ޕީއެންސީއަށް ބާރު ލިބޭ ކޮންމެ ފަހަރަކު ކަން ކުރަނީ އެއާ ހިލާފަށް ކަމަށް ވިދާޅުވިއެވެ.

އެގޮތުން، މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ އަތޮޅެއް ވިއްކާލަން އުޅުނުކަމަށާއި އަނެއްކާވެސް މިހާރު މި ސަރުކާރުންވެސް އުޅެނީ ރާއްޖޭ ވިއްކާލަން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އަދި 99 އަހަރަށް ދިވެހިރާއްޖޭގެ އޯނަރޝިޕް އޮންނަ ބަޔަކު މުސްތަގުބަލުގައި ރައްޔިތުންގެ މައްޗަށް ބަސް ބުނަން ފެށުމުން ރައްޔިތުން ކަރުނަ އަޅައި ރޯނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމުގެ ހުރިހާ ގެއްލުމެއް ލިބޭނީ އަންނަން އޮތް ޖީލަށް ކަމަށް އޭނާ ވިދާޅުވިއެވެ.

”ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަނީ، ބޭރުގެ އެއްވެސް ފަރާތަތަކަށް… ”ރަސްމާލެއަކީ ބޭރުގެ އެއްވެސް ފަރާތަކަށް“ އެންމެ ދުވަހަކަށްވެސް ކުއްޔަށް ނުވަތަ ހިލޭ ދެވޭނެ ތަނެއް ނޫނޭ. މިއީ އަޅުގަނޑު ބުނާ ވާހަކައެއް ނޫން. މިއީ އެމްޑީޕީން ބުނާ ވާހަކައެއް ނޫން. މިއީ މަޖިލީހުގައި ތިއްބެވި އިދިކޮޅު މެމްބަރުން ދައްކާ ވާހަކައެއް ނޫން. މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ވަލީއުލް އަމްރު ވިދާޅުވެފައިވާ ބަސްފުޅު،“ މީކާއިލް

މީކާއިލްގެ ވާހަކަ ކުރިއަށް ގެންދަވަމުން ވަނީ މިފަދަ ބޮޑު މަޝްރޫއެއް ހިންގަން ޖެހުނު ސަބަބާމެދު ސުވާލު އުފައްދާފައެވެ. އަދި ރަސްމާލެ މަޝްރޫއު މި ސަރުކާރުން ހިންގަން ނިންމީ އިތުރު މަޝްރޫއެއް ހިންގުމުގެ ގާބިލުކަން މި ސަރުކާރުގައި ނެތުމުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަސްމާލެ މަޝްރޫއަކީ މި ސަރުކާރުގެ ވެރިން ”ކަޓު“ ނަގަން ހޯދި ބޮޑު ވަޅެއް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

މީގެ އިތުރުން، ރައްޔިތުންނަށް މިހާރު ދިމާވެފައިވާ ޑޮލަރުގެ ތާށިކަމަކީވެސް ރަސްމާލެ މަޝްރޫއުކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގުޅީފަޅާއި، ގިރާވަރު ފަޅުގެ އިތުރުން ހުޅުމާލެ ފޭސް 3 ގެ އަސާސީ ހިދުމަތްތައް ދިނުމަށްފަހު ނޫނީ އެފަދަ މަޝްރޫއެއް ނުހިންގުމަށް އެވަރަށް އިދިކޮޅުން ގޮވާއިރުވެސް ސަރުކާރުން ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދަނީ ކަޓު ނަގާ ރިޝްވަތުގެ ބޭނުމުގައި ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.

މީކާއިލް ވަނީ އިންތިޚާބެއް ކާމިޔާބުކުރުމަށް އެފަދަ ކަންކަން ނުކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: