މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، މަސައްކަތުގެ ބުރަ ކުޑަކުރުމާއި، ވަޒީފާގެ މާހައުލު ރަނގަޅުކުރުމަކީ ސަރުކާރުގެ އަމާޒުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔެއަށް އަންނަމުންދާ ހަލުވި ބަދަލުތަކާއެކު، ޒުވާން ޖީލުތަކަށް މަގުދައްކައިދިނުމުގައި އެދުރުން އަދާކުރައްވަނީ ނުހަނު މުހިންމު ދައުރެއް ކަމަށެވެ. ބައިނަލްއަގްވާމީ އެދުރުންގެ ދުވަހުގެ މުނާސަބަތުގައި، އިލްމީ ގާބިލުކަމާއި، ވަރުބަލިކަމެއް ނެތް މަސައްކަތްތަކާއި، ދަރިވަރުންގެ ކުރިމަގު ބައްޓަންކުރުމުގައި ކުރައްވާ މިންނެތް މަސައްކަތުގެ އަގުވަޒަންކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގައުމުގެ ކުރިމަގަށް ޓަކައި މުދައްރިސުން ވެވަޑައިގަންނަވާ ގުރުބާނީއާއި ކުރައްވާ ހިދުމަތަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އެދުރުންގެ މުހިންމު ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެކަށީގެންވާ މާހައުލެއް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުގެ އަމާޒަކީ މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، މަސައްކަތުގެ ބުރަ ކުޑަކުރުމާއި، ވަޒީފާގެ މާހައުލު ރަނގަޅުކުރުން ކަމަށާއި ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ނިޒާމު ހަރުދަނާކޮށް، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިވުމަށް މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމަށް އިސްކަންދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
މުދައްރިސުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ، ދަރިންނާއި މުޅި ގައުމުގެ ކުރިމަގު ބިނާވާ ބިންގާ ވަރުގަދަކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ކިޔަވައިދިނުމުގެ ދާއިރާގެ އަގުވަޒަންކޮށް، މުދައްރިސުންގެ ކުރިއެރުމަށް އިންވެސްޓްކޮށް، ކޮންމެ ކުއްޖަކަށްވެސް އެ ކުއްޖެއްގެ ފުރިހަމަ ގާބިލުކަން ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދެވޭނެ ފަދަ، މުދައްރިސުންނަށް އެހީތެރިކަން ލިބިދޭ ތައުލީމީ ނިޒާމެއް ބިނާކުރުމުގައި ދެމިތިބުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

