ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީގަލް ހިލްސްގެ މަޝްރޫއުގެ ޖަވާބު ނުލިބޭ ބޮޑެތި ސުވާލުތައް!

އީގަލްސް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު އާއި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު/ ފޮޓޯ: ހައުސިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ މަޝްރޫއުގެ ދަށުން އެކުލަވާލަން އުޅޭ ރިއަލް އެސްޓޭޓް ގާނޫނީ އޮނިގަނޑާއި، އީގަލް ހިލްސްއާއެކު ޔޫއޭއީގައި ސޮއިކުރެވުނު ކޮމާޝަލް ޓާމްސް އެގްރީމަންޓުގެ ގާނޫނީ ނުފޫޒާއި، ސޮއިކުރަން ކުރިއަށް ހުރި އެއްބަސްވުންތަކާމެދު އުފެދޭ ބޮޑެތި ސުވާލުތަކަކީ ދައުލަތުގެ ސިޔާދަތާއި ގާނޫނީ ހިމާޔަތާ ސީދާ ގުޅުންހުރި ކަންކަމެވެ. ރަސްމާލޭގެ އެއް ފަޅީގައި ދިވެހީން، އަދި އަނެއް ފަޅީގައި ބޭރުގެ މުއްސަނދީން ލަގްޒަރީ ދިރިއުޅުމެއްގައި އުޅޭ ފަދަ ގޮތަކަށް މި މަޝްރޫއު ތަސައްވުރުކޮށްފައި ވާއިރު، ކިތަންމެ ގިނަ އަދަދެއްގެ ފައިސާ ދައުލަތަށް ވަން ނަމަވެސް، ދައުލަތުގެ ސިޔާދަތާއި މިިނިވަންކަމަކީ އަގުނުކުރެވޭނެ ކަންކަމަށް ވާތީ، މަޝްރޫއާމެދު ބޮޑެތި ސުވާލުތަކެއް ދަނީ އުފައްދަމުންނެވެ. މިއީ އޭގެ ތެރެއިން މުހިންމު ބައެއް ސުވާލުތަކެވެ.

ވަޒީރުންގެ އަހާ ފޯރަމްގައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެފައިވަނީ، މުޅިން އާ ރިއަލް އެސްޓޭޓް ގާނޫނެއް އެކުލަވާލަން އުޅެނީ އީގަލް ހިލްސް މަޝްރޫއަށް މަގުފަހިކުރަން ނޫން ކަމަށެވެ. އެ ގާނޫނުގެ ދަށުން ރާއްޖޭގެ އެހެން ހުރިހާ ސަރަހައްދަކަށް ވެސް ރިއަލް އެސްޓޭޓް ޕްރޮޖެކްޓުތައް ހިންގުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވެފައިވެއެވެ. ވަކި މަޝްރޫއަކަށް މަގުފަހިކުރަން ގާނޫނެއް ފާސްކުރަނީ ނޫންކަމަށް ވިދާޅުވި ނަމަވެސް، އެ ވާހަކަތަކުން ވެސް ސާފުވަނީ އީގަލް ހިލްސްއިން ހިންގަން އުޅޭ މަޝްރޫއު ފަދަ މަޝްރޫއަކަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް މިވަގުތު ނެތް ކަމެވެ.

އެހެންކަމުން، އެފަދަ އޮނިގަނޑެއް ނެތީސް ބޮޑު މަޝްރޫއެއް ހަވާލުކުރުމުގެ ކޮމާޝަލް ޓާމްސް އެގްރީމަންޓެއްގައި ސޮއިކޮށްފައި މިވަނީ ކީއްވެގެންތޯއެވެ؟ މަޝްރޫއު ހަވާލުކުރަން ނިންމުމުގެ ކުރިން އެ ގާނޫނީ އޮނިގަނޑު އެކުލަވާލާފައި ނެތުމުން، މިއީ އެ މަޝްރޫއަށް މަގުފަހިކުރާ ގާނޫނީ އޮނިގަނޑެއްގެ ގޮތުގައި ނުބަލަންވީ ކީއްވެގެންތޯއެވެ؟ ފުރަތަމަ އެކުލަވާލަންވާނީ ގާނޫނީ އޮނިގަނޑު ނޫންތޯއެވެ؟

އެ މަޝްރޫއުގެ ދަށުން ދިވެހި ދައުލަތަށް މައިގަނޑު ގޮތެއްގައި އާމްދަނީއަކީ އީގަލް ހިލްސްއިން ތަރައްގީކޮށް، ވިއްކާ ޕްރޮަޕަޓީތަކުގެ އަގުގެ 10 ޕަސެންޓު ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވެފައިވެއެވެ. އަދި އީގަލް ހިލްސްއިން އެ ކުންފުނީގެ އަމިއްލަ ހަަރަދުގައި ހުޅުމާލޭގައި 5000 ހައުސިން ޔުނިޓް އަޅައިދޭނެ ކަމަށް މުއްތަލިބް ވިދާޅުވެފައިވެއެވެ. ނަމަވެސް، މިނިސްޓަރު އޭގެ ފަހުން ވިދާޅުވެފައިވަނީ، އެކަމަށް ހަރަދުވާ 500 މިލިއަން ޑޮލަރު އެ މަޝްރޫއިން ލިބޭ 10 ޕަސެންޓުުގެ އާމްދަނީން ކެނޑޭނެ ކަމަށެވެ.

އެހެންކަމުން، ދައުލަތަށް އެކިއުޒިޝަން ކޮސްޓެއް ނުވަތަ ޑައިރެކްޓް ފައިސާއެއް ނުވަންނަ މި މަޝްރޫއަށް ޓަކައި ދިވެހީންގެ ބޯހިޔާވަހިކަމާ ގުޅޭ ފަސްގަނޑަކުން ބައެއް ދޫކޮށްލާއިރު، އޭގެ މުގާބިލުގައި އެ ކުންފުނީގެ ހަރަދުގައި 5000 ހައުސިން ޔުނިޓު އަޅައިދެނީ ކަމަށް ދޭހަވާގޮތަށް ވާހަކަ ދެއްކެވުމަކީ އެންމެ ސާފުކަން ބޮޑު ގޮތްތޯއެވެ؟ މި މަޝްރޫއިން ދައުލަތަށް ލިބޭ އާމްދަނީ، އީގަލް ހިލްސްއިން ޕްރޮޕަޓީތައް ވިއްކުމުގައި ކާމިޔާބުވުމާ ގުޅިފައިވާއިރު، އަދި ހައުސިން ޔުނިޓްތަކުގެ 500 މިލިއަން ޑޮލަރު ވެސް އެއިން ކެނޑޭއިރު، ސަރުކާރުން އަންދާޒާކުރާ 10 ޕަސެންޓުގެ އާމްދަނީ ލިބެން ކިހާ މުއްދަތެއް ހޭދަވާނެތޯއެވެ؟ އަދި މިވަރުގެ ބޮޑު މަޝްރޫއަކުން ދިވެހީންނަށް ހައްގީ 10 ޕަސެންޓުތޯއެވެ؟

އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތައް ހާމަނުކޮށް ސަރުކާރުން ބުނެފައިވަނީ އެއީ ކޮމާޝަލް ޓާމްސް އެގްރީމަންޓެއް ނުވަތަ ލެޓާ އޮފް އިންޓެންޓެއް ކަމަށެވެ. އެހެންނަމަވެސް، ކޮމާޝަލް ޓާމްސް އެގްރީމަންޓްތައް ވެސް ކޮންޓްރެކްޓެއްގައި ހިމެނޭ ސިފަތައް ފުރިހަމަވާނަމަ ގާނޫނީ ގޮތުން ބަނދެވޭ އެއްޗަކަށް ވެގެންދާ ހާލަތްތަކެއް ހުރެއެވެ. އެއީ ކޮމާޝަލް ޓާމްސް އެގްރީމަންޓެކޭ އެކަނި ބުނުމަކުން ނުފުދެއެވެ. އޭގައި ހިމެނޭ ކަންކަން ސާފުނުވާހާ ހިނދަކު އެ އެގްރީމަންޓަކީ ގާނޫނީ ގޮތުން ކިހާ މިންވަރަކަށް ބަނދެވޭ އެއްޗެއް ކަމެއް ވެސް ސާފެއް ނުވާނެއެވެ.

އެހެންކަމުން، މި އެއްބަސްވުމުގައި ގާނޫނީ ގޮތުން ބަނދެވޭ އެއްވެސް މާއްދާއެއް ނުވަތަ މާއްދާއެއްގެ އަކުރެއް ވިޔަސް، ވާނެތޯއެވެ؟ ދިވެހި ދައުލަތަށް މި އެއްބަސްވުމުގެ ސަބަބުން ލާޒިމުވާ އެއްވެސް ކަމެއް އެބަ އޮތްތޯއެވެ؟ ގާނޫނީ ގޮތުން ބަނދެވޭ އެއްވެސް ކަމެއް ނެތި ދުނިޔޭގެ ނަގާ ކިޔާ މިވަރުގެ ބޮޑު ކުންފުންޏަކުން އެ ކުންފުނީގެ ވެބްސައިޓުގައި އެކަން އިއުލާނުކޮށް، ކުންފުނީގެ ވެރިން ބައިނަލްއަގުވާމީ މީޑިއާތަކަށް މައުލޫމާތު ދެއްވާނެތޯއެވެ؟

މިފަދަ މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރާއިރު، އެ އެއްބަސްވުމެއްގައި ސޮއިކުރާ ފަސްގަނޑުގެ ގޮތުން ވެސް މުސްތަގުބަލުގައި ގާނޫނީ ގޮންޖެހުންތަކެއް ރާއްޖެއަށް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށް ގާނޫނީ ވަކީލުން ދަނީ ބުނަމުންނެވެ. ސަބަބަކީ އެއްބަސްވުން ބާތިލުކުރުން ފަދަ ހާލަތްތަކުގައި ކުރިމަތިވާ ދެބަސްވުންތައް އާބިޓްރޭޝަނަން ނުވަތަ ޝަރީއަތް މެދުވެރިކޮށް ހައްލުކުރުމުގެ އިހްތިސާސަށް އެ އެއްބަސްވުމެއްގައި ސޮއިކުރާ ފަސްގަނޑުގެ ގޮތުން އަސަރުކުރާނެތީއެވެ. އީގަލް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރީމަންޓުގައި ސޮއިކޮށްފައިވަނީ ޔޫއޭއީގައެވެ.

އެހެންކަމުން، އޮތީ ކޮން އެއްޗެއް ކަމެއް ސާފުކޮށް ނުދީ، ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ދިވެހީންގެ ފަސްގަނޑުން ބޭރުގައި ސޮއިކޮށްފައި މިވަނީ ދިވެހީންގެ މަސްލަހަތު އެންމެ ރަނގަޅަށް ހިމާޔަތްކުރެވޭ ގޮތަށް ތޯއެވެ؟ ކޮމާޝަލް ޓާމްސް އެގްރީމަންޓުގައި ރާއްޖެއިން ބޭރުގައި ސޮއިކުރީ ކީއްވެތޯއެވެ؟ މަޝްރޫއު ހަވާލުކުރުމަށް ރަސްމީ އެއްބަސްވުމެއް އެކުލަވާލާ ހާލަތެއްގައި ވެސް ދިވެހި ފަސްގަނޑު ނޫން އެހެން ފަސްގަނޑެއްގައި ސޮއިކުރުމަށް އެއްވެސް މަޖުބޫރުކަމެއް އެބަ އޮތްތޯއެވެ؟

ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ތަރައްގީކުރާ ރިއަލް އެސްޓޭޓް ޕްރޮޕަޓީއަކަށް އިންވެސްޓްކޮށްގެން ރާއްޖޭގެ ރެޒިޑެންސް ވިސާއެއް ލިބޭ ގޮތަށް މޯލްޑިވްސް ޕާލް ރެޒިޑެންސްގެ ނަމުގައި ސަރުކާރުން ޕްރޮގްރާމެއް ހިންގަން އުޅޭއިރު، އީގަލް ހިލްސްގެ މަޝްރޫއިން ތަރައްގީކުރާ ޕްރޮޕަޓީތައް ގަނެގެން އެ ފަރާތްތަކަށް ރާއްޖޭގެ ރެޒިޑެންސީ ހޯދުމުގެ ފުރުސަތު އެބަ އޮތެވެ. މި މަޝްރޫއުގެ ދަށުން ބޭރުގެ މުއްސަނދީންނަށް ރަސްމާލޭގައި ވަޒަންވެރިވެ، ބޭނުންވެއްޖެނަމަ ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވުމަށް ޖާގަ ހުޅުވިގެންދާނެއެވެ.

އެހެންކަމުން، މި މަޝްރޫއިން ބޭރު މީހުން ރާއްްޖޭގައި ވަޒަންވެރިވެ، ދާހިލީ ކަންކަމުގެ ތެރެއަށް ނުވަންނާނެކަން ކަށަވަރުކުރެވޭނެ ގޮތެއް އެބަ އޮތްތޯއެވެ؟ އަދި ޑުއަލް ޕާސްޕޯޓު ގެންގުޅޭ އިސްރާއީލު މީހުންނަށް ރާއްޖޭގެ ރެޒިޑެންސީ ހޯދައި ރާއްޖޭގެ ބޮޑު ރިއަލް އެސްޓޭޓް ޕްރޮޕަޓީއެއްގެ ވެރިފަރާތަކަށް ވާން އޮތީ ކޮން ހުރަހެއްތޯއެވެ؟

މަޝްރޫއު އިއުލާނުކުރިއިރު އީގަލް ހިލްސްއިން ބުނެފައިވަނީ، އެ ބިމުގައި ތަރައްގީކުރާ ޕްރޮޕަޓީތައް ގަންނަ ފަރާތްތަކަށް 99 އަހަރަށް އެތަނުގެ މިލްކުވެރިކަން ލިބޭނެ ކަމަށެވެ. އެ ކުންފުނިން ބުނި ގޮތުންނަމަ، އެއީ ތަކުރާރުކޮށް އާވާ ގޮތަށް 99 އަހަރަށް ބޭރުގެ ފަރާތްތަކުގެ މިލްކުގައި ދިވެހި ބިމުން 500 ހެކްޓަރުގެ ބިން ލިބިލިބި އޮންނާނެ ފަދަ އުސޫލެކެވެ. އީގަލް ހިލްސްއިން އެފަދައިން ބުނި ބުނުން މިހާރު ބަދަލުކޮށްފައިވާއިރު، ސަރުކާރުން ބުނެފައިވަނީ ޕްރޮޕަޓީތައް ގަންނަ ފަރާތްތަކަށް މިލްކުވާނީ އެ އިމާރާތެއް ކަމަށާއި ބިމެއް ނޫން ކަމަށެވެ.

ބިމުން ބައެއް މިލްކުނުވިޔަސް، ރާއްޖޭގައި ތަރައްގީކުރާ ބޮޑު ރިއަލް އެސްޓޭޓް ޕްރޮޕަޓީއެއްގެ މިލްކިއްޔާތު، ރެޒިޑެންޝަލް ބިމަކުން، އަބަދުގެ އަބަދަށް ލިބޭނަމަ ނުވަތަ ލިބޭނެ މަގެއް ފަހިވެފައި އޮތްނަމަ އެއީ ދާދި އެއް ނަތީޖާއެއް ނުކުންނާނެ ކަމެއް ނޫންތޯއެވެ؟ މި ވިއްކާލެވެނީ ދިވެހީން ވެސް ދިރިއުޅޭނެ ބިމަކުން ނުފޫޒު ނޫންތޯއެވެ؟

ދައުލަތަށް ބޮޑެތި މާލީ ބުރަތަކެއް ކުރިމަތިވާ ގޮތަށް ހިއްކާފައިވާ ރަސްމާލޭގެ ބިމުން 500 އަށް ވުރެ ގިނަ ހެކްޓަރު ބޭރުގެ ކުންފުންޏަކަށް ދީފައިވާއިރު، ރަސްމާލޭގެ މުޅި ބިން މިހާތަނަށް ރަސްމީ އެއްވެސް ފަރާތަކުން އަގުކޮށްފައި ނެތެވެ. އަގުކޮށްފައި ނެތް ބިމެއްގެ 500 ހެކްޓަރު، ކުއްޔެއް ނުވަތަ އިކުއިޒިޝަން ކޮސްޓަކާ ނުލައި، 99 އަހަރަށް ދޫކޮށްލާއިރު، ގެއްލިގެންދާ ބިމުގެ އަގު ވެސް އެނގޭކަށް ނެތެވެ.

އެހެންކަމުން، ގެއްލިގެން މިދާ ބިމުގެ އަގަކީ ކޮބައިތޯއެވެ؟ އަދި އެ އަގު އަލުން އަނބުރާ ލިބެން މި މަޝްރޫއުގެ ތެރެއިން ހިނގާނީ ކިހާ މުއްދަތެއްތޯއެވެ؟

”މޯލްޑިވްސް ޕާލް ރެޒިޑެންސް“ ޕްރޮގްރާމުގެ ދަށުން ބޭރުގެ މުއްސަނދިންނަށް ރެޒިޑެންސީ ދިނުމާއި، އިސްރާއީލު ފަދަ ޑުއަލް ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކަށް ރާއްޖޭގެ ބޮޑެތި ރިއަލް އެސްޓޭޓް ޕްރޮޕަޓީތައް މިލްކުކުރެވޭ ގޮތަށް އޮތުމަކީ ރާއްޖޭގެ ދާހިލީ ކަންކަމަށް ބޭރުގެ ނުފޫޒު ފޯރުމުގެ ނުރައްކާ އޮތް ކަމެކެވެ. އަދި ބިން ނޫން ކަމަށް ބުންޏަސް އިމާރާތުގެ މިލްކުވެރިކަން އަބަދުގެ އަބަދަށް ލިބޭ ގޮތަށް އޮތުމާއި، ދައުލަތުގެ އަގުނުކުރެވޭ 500 ހެކްޓަރުގެ ބިން ކުއްޔަކާ ނުލައި 99 އަހަރަށް ދޫކޮށްލުމުން ދައުލަތަށް ގެއްލިގެންދާ މާލީ އަދި އިގްތިސާދީ އަގު އަނބުރާ ހޯދޭނެ މުއްދަތެއް ސާފުނުވުމަކީ، މުޅި ގައުމުގެ މުސްތަގުބަލާއި އިގްތިސާދީ މިނިވަންކަމާ ގުޅިފައިވާ ސީރިއަސް ކަންބޮޑުވުންތަކެވެ. މި ކަންބޮޑުވުންތައް ފިލައިދާނެ ހަމައެކަނި ގޮތަކީ އެއްބަސްވުމުގައި އޮތް އެއްޗެއް އާންމުކުރުމެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: