ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ދިޔަ މީހެއްގެ އަތުން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި އޭނާއަކީ މަޖުބޫރުން ޑްރަގް މިއުލްއަކަށް ހެދި މީހެއް ކަމަށް ޝަރީއަތުގައި ބުނި ނަމަވެސް، އެކަން ސާބިތުނުކޮށްދެވުމުން، އެ މީހާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އޮކްޓޯބަރު 7، 2024 ވަނަ ދުވަހުގެ ހަވީރު 16:30 ހާއިރު ވެލާނާ އިންޓަނެޝަނަލް އެއާޕޯޓުން ގއ. ކޫއްޑޫއަށް ފުރަން ގޮސް ޑިޕާޗާ ހޯލަށް ވަންނަން ދިޔަ ވަގުތު ށ. ނޫމަރާ، ހަވީރީގެ، އަބްދުﷲ ފަސީހުއާ މެދު ޝައްކުވެގެން ބަލައިފާސްކުރަން އޭވިއޭޝަން ސެކިއުރިޓީގެ މުވައްޒަފުން އޭނާ ފިޒިކަލް ސާޗް ރޫމަށް ވެއްދުމުން އޭނާ އަތުގައި މަސްތުވާތަކެތި ހުރި ކަމަށް އަމިއްލައަށް ބުނެފައިވެއެވެ. އެގޮތުން، ފުލުހުންގެ ކަސްޓޯޑިއަލްއަށް ގެންގޮސް ބެލި ބެލުމުން، އޭނާ ލައިގެން ހުރި ޖިންސުގެ ދަށުން ލައިގެން ހުރި ސޯޓާއެކު ޓޭޕު އަޅައި ތަތްކޮށްފައި ހުރި މަސްތުވާތަކެތި ފެނިފައިވެއެވެ.
އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ، 10 ފިލްމު ހުސްކުރި ދަޅުގައި ހުރި ގާތްގަނޑަކަށް 250 ގްރާމްގެ ކެނަބިސް އާއި ދެ ރަބަރު ޕެކެޓުގައި ހުރި ގާތްގަނޑަކަށް 23.5 ގްރާމްގެ ޑައިމޯފިންއެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލީ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އާއި ކެނަބިސް ޓްރެފިކްކުރުމުގެ ދައުވާއެވެ. އެ ދެ ދައުވާއަކީ ވެސް ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ފަދަ ދެ ދައުވާއެވެ.
އެ މައްސަލައިގެ ޝަރީއަތުގައި ފަސީހް ބުނެފައިވަނީ، އޭނާ އަކީ ދިމާވި ހާލަތެއްގެ ވިކްޓިމްއެއް ކަމަށެވެ. އަދި މިހާރު ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކުގެ އަލީގައި މަސްތުވާތަކެތީގެ ޓްރެފިކިން މައްސަލައެއް ސާބިތުކުރާއިރު، ހިޔާޒަތުގެ އިތުރުން، އެ ހިޔާޒަތާ ގުޅުވާލެވޭގޮތަށް މޯޓިވްއެއް އޮންނަންޖެހޭނެ ކަމަށް އަމިއްލަ ދިފާއުގައި ބުނެފައިވެއެވެ. އަދި އޭނާ ޑްރަގް މިއުލްއެއްގެ ގޮތުގައި ބޭނުންކޮށް، އަމިއްލަ އިހްތިޔާރު ގެއްލޭ ހާލަތުގައި އޭނާއާ މަސްތުވާތަކެތި ހަވާލުވެފައިވާކަން ފެންނަ ނަމަވެސް، ޖިނާއީ މަސްއޫލިއްޔަތެއް އުފުލަންޖެހޭނެ ކަމަށް ގަބޫލުނުކުރާކަމަށް ބުނެފައިވެއެވެ.
މަސްތުވާތަކެތީގެ ޓްރެފިކިންގެ ތެރޭގައި ހިމެނޭ ހިއުމަން ޓްރެފިކިންގެ ތެރެއަށް ފެތޭ ހާލަތްތަކުގައި، އެ މީހެއްގެ ހާލަތެއްގެ ނާޖާއިޒު ފައިދާ ނަގައިގެން އެ މީހަކަށް އެކަން ކުރަން މަޖުބޫރުކުރުވާ ހާލަތްތަކުގައި ކުށް ސާބިތުނުކުރެވޭނެ ކަމަށް ވެސް އޭނާ ކޯޓުގައި ބުނެފައިވެއެވެ. އޭނާ ހައްޔަރުކުުރުމުން ވެސް ޑްރަގް ހުރި ކަމަށް ބުނެދީ، އޭނާގެ ބޮލުގައި މަސްތާވާތަކެތި އެޅުވީ ކޮން ފަރާތެއްކަން ފުލުހުންނަށް ކިޔައިދީފައިވާނެ ކަމަށާއި އަދި އެ މީހާ އަތުލައިގަތުމަށް ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ފުލުހުން ނުހިންގީ ފުލުހުންގެ އިހްތިޔާރުގެ ދަށުން ކަމަށް ވެސް ބުނެފައިވެއެވެ.
މި މައްސަލައިގައި ޝަރީއަތުން ނިންމާފައިވަނީ، އޭނާ އަކީ ހިއުމަން ޓްރެފިކިންގެ ވިކްޓިމްއެއް ކަމަށް ބުނާ ނަމަވެސް، އެހެން ބުނުމުގެ އިތުރަށް، އެކަން ސާބިތުކުރަން އޭނާގެ ފަރާތުން ޝަރީއަތަށް އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމެވެ. އަދި ޓޭޕު އަޅައިގެން އޭނާގެ ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވާފައިވާއިރު، އަދި އަތުގައި މަސްތުވާތަކެތި ހުރިކަމަށް އަމިއްލައަށް އެއްބަސްވެފައިވާއިރު، އެއީ އޭނާގެ އެނގުމެއް ނެތި ގައިގައި ތަތްކުރެވޭނެ އެއްޗަކަށް ނުވާތީ، އެއީ އޭނާގެ ގަސްތު އޮވެ މަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ މަގްސަދު އޮވެގެން ތަތްކޮށްފައިވާ އެއްޗެއްކަމަށް ބެލެވޭތީ ކުށުގެ ނިޔަތް ވެސް ސާބިތުވާކަމަށް ހުކުމުގައި ވަނީ ކަނޑައަޅައިފައެވެ.
އޭގެ އިތުރުން، އޭނާ ހައްޔަރުކުރި އިރު އަމިއްލަ ދިފާއުގައި ބައެއް ވާހަކަތައް ފުލުހުންނަށް ކިޔައިދިން ނަމަވެސް، ތަހުގީގު މަރުހަލާގައި ހުރީ ހަނުކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ. ފަސީހު ބުނެފައިވަނީ، އޭނާ ތަހުގީގުގައި ހަނުހުރެފައިވަނީ ދިފާއީ ވަކީލުގެ އިރުޝާދުގެ މަތިން ކަމަށާއި އެއީ އޭނާ ވެސް އޭނާގެ އާއިލާއިން ވެސް އެދުނު ގޮތެއް ނޫން ކަމަށެވެ. ނަމަވެސް، އޭނާ ބަންދުގައި ހުރި އިރު އާއިލާއާ މަޝްވަރާކުރި ކަމަށާއި އެ މީހުން ވެސް ބޭނުންވަނީ ހަނުހުރުމަށް ކަމަށް ބުނެ ވަކީލު ލަފާދިން ކަމަށާއި އެއީ ވަކީލު ހެދި ދޮގެއް ކަމަށް އޭނާ ބުނެފައިވެއެވެ. އެ މައްސަލަ ޝަރީއަތުގައި ފާހަގަކުރުމުން، އެ ވަކީލުގެ މައްސަލަ ބާ ކައުންސިލަށް ހުށަހަޅަން ޝަރީއަތުން އެންގިނަމަވެސް، އެގޮތަށް އަމަލުކޮށްފައިވާކަން ދައްކައިދޭ އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާތީ، ހަނުހުރީ ދިފާއީ ވަކީލުގެ ސަބަބުން ކަމަށް ގަބޫލުކުރަން ދަތިކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައިވެއެވެ.
އެހެންކަމުން އޭނާގެ މައްޗަށް އުފުލި ދެ ދައުވާ ވެސް ސާބިތުވެ، މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ހުކުމްކުރެއްވީ އެއިން ކޮންމެ ދައުވާއަކަށް އޭނާ އުމުރަށް ޖަލަށްލުމަށް ހުކުމްކުރުމާއެކު ކޮންމެ ދައުވާއަކަށް 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށެވެ. އަދި އެ 200،000 ރުފިޔާ 12 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އަންގާފައިވެއެވެ.

