ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
”ސަންގަށް“ އެނގިފައިވާ ގޮތުގައި، އެމަނިކުފާނު ޕާކިސްތާނަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް، ސަރުކާރުން ރަސްމީ ގޮތެއްގައި މިހާތަނަށް އެ ދަތުރުފުޅު އިއުލާނުކޮށްފައިނުވެއެވެ.
މިދިޔަ މަހުގެ ތެރޭގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއެކު ޕީއެންސީގެ 16 މެމްބަރުންގެ ވަފުދެއް ވެސް ޕާކިސްތާނަށް ޒިޔާރަތްކޮށްފައިވެއެވެ.
އެ ދަތުރުފުޅުގެ ތެރެއިން އަބްދުއްރަހީމް ވަނީ ޕާކިސްތާނުގެ އާމީ ޗީފް ފީލްޑް މާޝަލް އާސިމް މުނީރުއާ ވެސް ބައްދަލުކުރައްވައިފައެވެ.
ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް ކުރެއްވި އެ ދަތުރުފުޅުގައި ޕީއެންސީ ޕާލިމަންޓްރީ ގުރޫޕުގެ ނައިބު ލީޑަރުންނާއި، ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިބްރާހީމް ޝުޖާއު ވެސް ބައިވެރިވަޑައިގެންނެވިއެވެ.
އެންމެ ފަހުން ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވީ 2015 ވަނަ އަހަރުއެވެ. އެއީ އެ ގައުމުގެ އޭރުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ދައުވަތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެ ދުވަހުގެ މުއްދަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
އޭގެ އިތުރުންް، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ތިން ފަހަރު ރަސްމީ ދަތުރުފުޅުތަކުގައި ޕާކިސްތާނަށް ވަޑައިގެންނެވިއެވެ.

