އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއަކީ ހުއްޓާލައިގެން ނުވަތަ ދޫކޮށްލައިގެން ވާނެ މަޝްރޫއެއް ނޫން ކަމަށާއި، އަދި އެއީ ދޫކޮށްލެވެން އޮތް ފުރުސަތެއް ވެސް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.
ތޯރިގް ފާހަގަކުރެއްވި ގޮތުގައި، ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރަސްމާލެ މަޝްރޫއަށް އެދުނު 250 މިލިއަން ރުފިޔާގެ ބަޖެޓު އޭރުގެ އެމްޑީޕީ މެޖޯރިޓީން ފާސްނުކޮށް އެހެން މަޝްރޫއުތަކަށް ބަހާލުމުން، ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެހެން ގޮތްތައް ހޯދަން ސަރުކާރަށް މަޖުބޫރުވިއެވެ.
ރާއްޖޭގެ މިހާރުގެ ދަރަނީގެ ހާލަތު ހުރި ގޮތުން އިތުރު ލޯނު ހޯދުން ދަތިވެފައިވާކަން ފާހަގަކުރައްވަމުން ތޯރިގް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މިފަދަ ބިޔަ މަޝްރޫއަކަށް އެއްފަހަރާ 500 މިލިއަން ޑޮލަރު ދޫކުރާނެ ބޭންކެއް ނެތް ކަމަށެވެ. އެހެންކަމުން މި މަޝްރޫއު ކުރިއަށް ގެންދަން ނިންމީ ދައުލަތަށް ފައިދާވާނެ އަގުހުރި އެސެޓެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، މަޝްރޫއާ ގުޅިގެން ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިވެދާނެ ގެއްލުންތައް ކުޑަކުރާނީ އެއްބަސްވުމުގެ ތެރެއިންނާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކުގެ ތެރެއިން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫއަކީ ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ތަރައްގީކުރާ ބައިނަލްއަގްވާމީ ފެންވަރުގެ ވޯޓަރފްރަންޓް ސިޓީއެކެވެ. މިއީ 20 ބިލިއަން ޑޮލަރުގެ ސީދާ އިންވެސްޓްމަންޓަކުން ފެށިގެން ގޮސް، ޖުމްލަ 30 ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ގެނެސްދޭނެ ބިޔަ މަޝްރޫއެކެވެ.

