ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރަށު މައްސަލަ: ޔާމީންގެ ދިފާއީ ހެކީންނާއި، ދައުލަތުން ހުށަހެޅި އަދީބާއި ޒިޔަތު ވެސް ކޯޓުން ބަލައިގެންފި

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތު
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. އާރަށުގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތުގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކީންގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ހެކީންގެ ގޮތުގައި ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާ އުފުލާފައިވަނީ، ވ. އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އެއް މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާކުރެއްވިކަމުގެ ތުހުމަތުގައެވެ.

އެ މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާމެދު ގޮތް ނިންމަން މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ނިންމަވާފައިވަނީ، ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ދިފާއީ ހެކިތައް ބަލައިގަތުމަށެވެ. އެ ހެކިތައް ބަލައިނުގަތުމަށް އެދި ދައުލަތުން ފާހަގަކުރީ ހެކިބަހަށް ބުރަދަން ދިނުމާ ގުޅޭ ވާހަކަތަށް ވާއިރު، އެ މީހުންގެ ހެކިބަސް ނެގުމަށްފަހު ޝަރީއަތުން ގޮތް ކަނޑައަޅާއިރު ވެސް ބުރަދަން ދިނުމާމެދު ގޮތް ނިންމޭނެކަން ގާޒީ ފާހަގަކުރެއްވިއެވެ.

އެ މައްސަލައިގައި ޔާމީންގެ ފަރާތުން ދިފާއީ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ މީހުންގެ ތެރޭގައި މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަދި ޔޫތު މިނިސްޓްރީގެ މިހާރުގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ނަރީޝް އާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) އާއި ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލާއި، އަބްދުﷲ ރަޝީދު ހިމެނެއެވެ.

ޔާމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ތެރޭގައި ހިމެނޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ހެކީންގެ ގޮތުގައި ބަލައިނުގަންނަން އެދުން ހިމެނެވެ.

އެކަމާމެދު މިއަދު ގާޒީ ނިންމަވާފައިވަނީ، މައްސަލާގައި ހިމެނޭ ވާގިއާތަކާ ގުޅޭ ގޮތުން ކާފީ ހެއްކަކަށްވާ މިންވަރަށް ހެކިބަސް ދޭން ތިބީ އެ ދެ މީހުން ކަމަށް ވާތީ އަދި އެ މީހުން ބަލައިގަތުމުގެ ޖާގަ ހެއްކާ ބެހޭ ގާނޫނުން ލިބިދޭތީ އެ ދެ މީހުން ހެކީންގެ ގޮތުގައި ބަލައިގަތުމަށެވެ.

ދައުލަތުން ހުށަހެޅި އިތުރު ހެކީންވެސް ބަލައިގެންފައިވާއިރު، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް ވެސް މިއަދު ނިންމާފައިވެއެވެ.

އާރަށު މައްސަލައިގެ ދައުވާތަކުގެ ދިފާއުގައި ރައީސް ޔާމީން ސާބިތުކުރަން މަސައްކަތްކުރައްވަނީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ސައްހަ ޑޮލަރު މާރުކުރުމުގެ މުއާމަލާތަކުން ލިބުނު ފައިސާ ކަމެވެ. އެ ފައިސާގެ މުގާބިލުގައި އެއަށް ވާ ވަރަށް ދިވެހި ރުފިޔާ، އެ މައްސަލައިގައި ދެން ދައުވާ އުފުލާފައިވާ ޔޫސުފް ނައީމަށް ހަވާލުކުރީ ނަގުދު ފައިސާއިން ކަމަށާއި އެ ފައިސާ ގުނުމަށްފަހު ގެންދިޔައީ ނަރީޝް ކަމަށް މީގެ ކުރިން ވެސް ޔާމީންގެ ފަރާތުން ބުނެފައިވެއެވެ.

ވ. އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނެންގެވިކަން ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބަލަން އެންގީ ހައިކޯޓުންނެވެ. ދައުލަތުން އެ މައްސަލައިގައި ދަށު ކޯޓުގައި ހުށަހެޅި އާ ހެކިތައް ބަލައިގަތީ ގޯސްކޮށް ކަމަށް ހައިކޯޓުން ނިންމިއިރު، އެ ހެކިތައް ބަލައިގަތުމާ ގުޅޭ ބައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވެސް ނިންމާފައިވަނީ ހައިކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: