ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖު ކިޔޫއިން ޖާގަ ނުލިބި 3 އަހަރުވެފައިވާ 70 އަހަރުން މަތީގެ އެންމެނަށް އަންނަ އަހަރު ފުރުސަތު ދެނީ

އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވުޒާރާއާއި މޯލްޑިވްސް ޙާއްޖު ކޯޕަރޭޝަނުން މިއަދު ބޭއްވި ޕޮރެސްކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ހައްޖު ކިޔޫއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ އުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

އެކަން ހާމަކޮށްފައިވަނީ އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މިއަދު ބޭއްވި ޕޮރެސް ކޮންފަރެންސްގެ ތެރެއިންނެވެ.

އެގޮތުން ހައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި، އެ ނިންމުން ނިންމާފައިވަނީ ރާއްޖެއަށް ލިބޭ ހައްޖުގެ ކޯޓާގެ އަދަދަށް ބަލާއިރު، ހައްޖު ކިޔޫގައި ދޮށީ އުމުރުގެ ގިނަ އަދަދެއްގެ ބޭފުޅުން ތިބުމާއެކު، އަދި ހައްޖަށް ދިއުމަށް ފައިސާ ދައްކައި، ދިގު މުއްދަތަކަށް އިންތިޒާރުކުރަން ޖެހި، ހައްޖުވުމުގެ ފުރުސަތު ނުލިބިދާނެކަމުގެ ކަންބޮޑުވުން އިންތިހާއަށް އޮތުމާއެކު، ވީހާވެސް ގިނަ ދޮށީ އުމުރުގެ ބޭފުޅުންނަށް ފަރުޟު ހައްޖު އަދާކުރުމަށް ފުރުސަތު ފަހިކޮށްދިނުމަށެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ފިރްޒުލް އަބްދުالله ހަލީލް ވިދާޅުވީ، އެ އުސޫލު ތަންފީޒުކުރާނީ، މައުޟޫއީ ގޮތެއްގައި އުމުރަށާއި ކިޔޫއިން ޖާގަލިބުނު ތާރީހަށް ބަލައިގެން ކަމަށެވެ. އަދި މިއީ އެންމެންނަށް ހަމަހަމަ އުސޫލަކުން ތަފާތުކުރުމެއްނެތި މައުޟޫއީ ގޮތެއްގައި ތަންފީޒުކުރާނެ އުސޫލެއްކަންވެސް ފާހަގަކުރެއްވިއެވެ.

”އަޅުގަނޑުމެން ކިޔު ސިސްޓަމްގެ ތެރެއިން މި ގެންނަ ބަދަލަކީ ހަގީގަތުގައި ވަރަށް ގިނަ ރައްޔިތުންގެ ހައްލު ހޯދުމަށްޓަކައި ގެނެވޭ ބަދަލެއް. އުމުރުން ދުވަސްވީ މީހުންނަށް 70 އަހަރުން މަތީ މީހުންނަށް 80 އަހަރު ވެފައިވާ މީހުންނަށް ހައްޖަށް ނުދެވި ގިނަ ދުވަހު ކިޔޫގައި ތިބެން ޖެހުމުގެ ސަބަބުން އެކަމުގައި ހުރި ހިތްދަތިކަން ފިލުވުމަށްޓަކައި ގެނެވޭ ބަދަލެއް މި ބަދަލަކީ،“ ޝަހީމް

އެކަމުގެ ސަބަބުން ރާއްޖެއަށް ލިބޭ ކޯޓާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދުވަސްވީ މީހުންނަށް ވީހާވެސް އަވަހަށް ފުރުސަތު ލިބި، ހައްޖު ކިޔޫގައި ތިބި އުމުރުން ދުވަސްވީ މީހުންގެ އަދަދު މަދުވެގެން ދާނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ. އެއާއެކު، ކުރިއަށް އޮތް ތަނުގައި ހައްޖު ކިޔޫގައި ހިމެނޭ މީހުންގެ ނިސްބަތް ޒުވާން އުމުރުފުރާތަކަށް ބަދަލުވެގެން ދިއުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެ އުސޫލުގެ ދަށުން ހައްޖު ކިޔޫގައި ތިބޭތާ 3 އަހަރު ވެފައިވާ ފަރާތްތައް ކަމުގައި ބަލާނީ، 31 ޑިސެންބަރު 2023 ގެ ނިޔަލަށް ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ، އުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކެވެ. އަދި 70 އަހަރުން މަތީގެ އުމުރުފުރާ ކަމުގައި ބަލާނީ، 31 ޑިސެންބަރު 2026 ގެ ނިޔަލަށް އުމުރުން 70 އަހަރު ފުރިފައިވާ ފަރާތްތައް ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

އެގޮތުން 70 އަހަރުން މަތީގެ 324 މީހުންނަށް އެ އުސޫލުގެ ދަށުން 1448 ވަނަ އަހަރުގެ ހައްޖުން ފުރުސަތު ލިބިދެވޭނެ ކަމަށާ، އެގޮތުން 75 އަހަރުން މަތީގެ 86 މީހުންނަށް ފުރުސަތު ލިބިދެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: