ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ބިދޭސީއަކު ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހެދުމުން، އުމުރު ދުވަހުގެ ޖަލު ހުކުމަކުން ސަލާމަތްވެއްޖެއެވެ.
މި އަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހުގެ ދަންވަރު 00:00 ހާއިރު ބަންގްލަދޭޝަށް ނިސްބަތްވާ ހަނީފް ހައްޔަރުކުރީ، އޭނާ އިތުރު ބަޔަކާ ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރީގެ މުއާމަލާތެއް ހިންގަން އުޅޭކަމަށް ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސްއަށް މައުލޫމާތު ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އެގޮތުން އޭނާއަށް ފާރަލަމުން ދަނިކޮށް އޭނާ އަތުގައި އޮތް ފޮތި ކޮތަޅެއް ސައިކަލެއްގެ މަޑި ދަށަށް ލާ މަންޒަރު ފެނުމުން ފުލުހުން އޭނާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
ބާރުގެ ބޭނުންކޮށްގެން ފުލުހުން އެ ސައިކަލުގެ މަޑިދަށް ހުޅުވިއިރު، ސައިކަލުގެ މަޑިދަށުގައި އޮތް ބޭރުން ސެލޯޓޭޕު އަޅާފައި އޮތް ދެ ރަބަރު ޕެކެޓުގައި ޖުމްލަ 1030 ގްރާމުގެ މެތަމްފެޓަމިން ރެސިމޭޓު ހުރިކަމަށް އޭނާގެ މައްޗަށް އުފުލި ދައުވާގައިވެއެވެ. އަދި އޭނާއާ އިތުރަށް ސުވާލުކުރުމުން، މާލޭ ބަނދަރުގައި އަޅާފައި އޮތް ލޯންޗެއްގެ ވަތު ތެރޭގައި އިތުރު މަސްތުވާތަކެތި ހުންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ލޯންޗު ބަލައިފާސްކޮށް އެ ލޯންޗުގެ ވަތު ތެރެއިން ހޯދި ހަތަރު ރަބަރު ޕެކެޓުގައި ޖުމްލަ 2083 ގްރާމުގެ މެތަމްފެޓަމިން ރެސިމޭޓު ހުރި ކަމަށާއި އޭގެ އިތުރުން ފެނުނު ނުވަ ޖޫސްޕެޓީ ކޮތަޅުން 497.6 ގްރާމުގެ މެތަމްފެޓަމިން ރެސިމޭޓު ފެނުނު ކަމަށް ހަނީފްގެ މައްޗަށް އުފުލި ދައުވާގައި ބުނެފައިވެއެވެ. އޭގެ އިތުރުން އެ ލޯންޗުން ހުސް ޖޫސްޕެޓީ ކޮތަޅުތަކާއި ދެ ޑިޖިޓަލް ކައްޓާ ފެނުނުކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
އެ މައްސަލައިގައި ހަނީފްގެ މައްޗަށް އުފުލީ ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއްް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާއަކީ ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމަކާއެކު 100،000 ރ. އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް އަންނާނެ ފަދަ ދައުވާއެކެވެ.
އެ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ހަނީފް ދައުވާއަށް އިންކާރުކުރިނަމަވެސް، ފަހުން އޭނާ ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދައި ލުއި އަދަބެއް ހޯދައިފައެވެ.
އެގޮތުން އޮކްޓޯބަރު 8 ވަނަ ދުވަހު ދައުލަތުން ކޯޓަށް ހުށަހެޅި އެ އިއުތިރާފު އެއްބަސްވުމުގެ ދަށުން ކްރިމިނަލް ކޯޓުން ހަނީފްގެ މައްޗަށް ކަނޑައަޅާފައިވަނީ، 15 އަހަރުގެ ޖަލު ހުކުމަކާއި 100،000 ރ. ގެ ޖޫރިމަނާއެކެވެ.
މައްސަލައިގެ ތަހުގީގު މަރުހަލާގައި އޭނާ ބަންދުގައި ހަތް މަހާއި 18 ދުވަސް ހޭދަކޮށްފައިވާއިރު، އެ މުއްދަތު ހުކުމުން އުނިކުރުމުން އޭނާ ތަންފީޒުކުރަން ޖެހޭނީ 14 އަހަރާއި ހަތަރު މަހާއި 12 ދުވަސް ކަން ގާޒީ މުޒައްމިލް ނާސިރުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

