މި މަހު ރާއްޖެ ޑިފޯލްޓްނުވެ ސަލާމަތްވީ އިންޑިއާއިން ކަރަންސީ ސްވަޕް ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދިނުމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޔޫއެސް ޑޮލަރުގެ އަގު އަދިވެސް ދަނީ މައްޗަށް ކަމަށާއި އެކައުންޓުގައި ދިވެހި ރުފިޔާ ހުއްޓަސް އެ ފައިސާ ޑޮލަރަށް މާރުނުކުރެވޭ ކަމަށެވެ. ކުދިން މަދަރުސާއަށް ލައިގެން ބޭރުގައި ދިރިއުޅޭ އާއިލާތަކާއި ގިނަ ވިޔަފާރިވެރިންނަށް އިންތިހާއަށް ދަތިވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ސަރުކާރުން ޔޫއެސް ޑޮލަރު ހޯދުމަށް ގެނައި ހުރިހާ ސިޔާސަތެއް ފެއިލްވެފައިވާ ކަމަށެވެ. އަދި މި މަހު ވެސް ރާއްޖެ ޑިފޯލްޓުނުވެ ސަލާމަތްވީ، އިންޑިއާއިން ކަރަންްސީ ސްވަޕް ފެސިލިޓީ އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދިނުމުން ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އުޅުއްވަނީ ޕާކިސްތާނަށް ވަޑައިގަންނަވަންކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”މި މަހު ވެސް ރާއްޖެ ޑިފޯލްޓްނުވެ ސަލާމަތްވީ އިންޑިއާގެ ކަރަންސީ ސްވަޕް ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދިނުމުން. ދެން ރައީސް އެ ވަޑައިގަންނަވަނީ ޕާކިސްތާނަށް،“ ރައީސް ނަޝީދު
އެ ކަރަންސީ ސްވަޕް ފެސިލިޓީއަކީ ރައީސް ޑރ. މުއިއްޒު 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާން ދަތުރުފުޅުގައި ސާކް ގައުމުތަކަށް ހާއްސަކޮށްފައިވާ ކަރަންސީ ސުވަޕް އިންތިޒާމުގެ ދަށުން ހަމަޖެއްސި ފެސިލިޓީއެކެވެ. އެ ފެސިލިޓީ ރޯލްއޯވަރ ކޮށްދިންކަން އިންޑިއާ ސަރުކާރުން ހާމަކުރީ މިދިޔަ ހުކުރު ދުވަހުއެވެ.
ރައީސް ޑރ. މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި މާދަމާ ޕާކިސްތާނަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު، އެ ދަތުރުފުޅުގެ ތެރެއިން އެކި ދާއިރާތަކުން އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

