ދިވެހިރާއްޖޭގައި އެންމެ ބުރަކޮށް މަސައްކަތްކުރާ ނަރުހުންނާއި ޓީޗަރުންނަށް އެލަވަންސް ނުލިބޭއިރު ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ހަމަކުރާ މެމްބަރަކަށް ބޮޑެތި އެލަވަންސްތައް ލިބުމަކީ އިންސާފެއް ނޫންކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މެންބަރުންނަށް ލިބިވަޑައިގަންނަވާ ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލައި 7،225 މީހެއްގެ ސޮޔާ އެކު މަޖިލީހަށް ހުށަހަޅާފައިވާ ޕެނިޝަނަށް މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ޑރ. ޝަމްހީދު ވިދާޅުވީ، ތަފާތުކުރުންތައް އޮތީ ހަމަ އެކަނި ސިއްހީ ދާއިރާގައި އެކަނި ނޫންކަމަށާއި ހުރިހާ ދާއިރާއެއްގައިވެސް ތަފާތުކުރުން އެބަހުރިކަމަށެވެ.
އެގޮތުން ރިޓަޔާ ކޮށްފައިވާ ފަރާތްތަކުންވެސް އެއްވެސް ހަމައެއް ލަމައެއް ނެތި ބޮޑެތި އެލަވަންސްތައް ނަގާއިރު ނަރުހުންނާއި ޓީޗަރުންނަށް އެލަވަންސް ނުލިބޭކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން މެމްބަރު ވަނީ ފާޅުކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ދައުލަތުން ދޭ ހެލްތު އިންޝުއަރެންސް މަޖިލިސް މެމްބަރަކަށް ވިޔަސް އަދި އެހެން މީހަކަށް ވިޔަސް އެއް ހަމައަކުން ލިބެންޖެހޭކަމަށް ފުރިހަމައަށް ޤަބޫލުކުރައްވާކަމަށް މެމްބަރު ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ތެރޭގައި ތަފާތުކުރުންތައް އޮތީ ހަމަ އެކަނި ސިއްހީ ދާއިރާގައި އެކަންޏެއް ނޫން. އަޅުގަނޑުމެންގެ ތެރޭގައި އޮންނަނީ ބޮޑު މީހާއަށް ބޮޑުގޮތް. ކުޑަ މީހާއަށް ކުޑަގޮތް. ރިޓަޔާ ކޮށްފައިވާ ފަރާތްތަކުންވެސް އެއްވެސް ހަމައެއް ލަމައެއް ނެތި ބޮޑެތި އެލަވަންސްތައް ނަގާއިރު ދިވެހިރާއްޖޭގައި އެންމެ ބުރަކޮށް މަސައްކަތްކުރާ ނަރުހުންނާއި ޓީޗަރުންނަށް އެލަވަންސް ނުލިބޭ. އެހެންވީމަ މިތަފާތުކުރުންތައް ހުއްޓާލަން އެބަޖެހޭ“ ޑރ. ޝަމްހީދު
މެމްބަރު ވިދާޅުވީ ދައުލަތެއްގެ ކުރިމަތީގައި ހުރިހާ ރައްޔިތުންގެ ފުރާނަ މިނަކިރަން ޖެހޭނީ އެއް ހަމައަކުން ކަމަށެވެ.
”އަޅުގަނޑު ޤަބޫލެއް ނުކުރަން އަޅުގަނޑުގެ ދަރިއެކޭ އާދައިގެ މީހެއްގެ ދަރިއެކޭ ދައުލަތެއްގެ ކުރިމަތީގައި އެމީހެއްގެ ފުރާނަ ދަރަޖަކުރަން ޖެހޭނެކަމަށް“ ޑރ. ޝަމްހީދު
ވާހަކަ ކުރިއަށް ގެންދަވަމުން އޭނާ ވިދާޅުވީ، ރާއްޖޭގެ ކޯޓުތަކުން ކޮށްފައިވާ ހުކުމްތަކަށް ބަލާއިރު ހުކުމް ކޮށްފައިވަނީވެސް ނިކަމެތިންނަށް އެކަނި ކަމަށާއި އެގޮތުން މިއަދާ ހަމައަށް އައިއިރުވެސް ކޮރަޕްޝަނުގެ މައްސަލައެއްގައި ދައުލަތުގެ އެއްވެސް ވެރިއެއްގެ މައްޗަށް ކުށް ސާބިތުވެފައިނުވާކަން ފާހަގަކުރެވޭކަމަށެވެ.
މީގެ އިތުރުން، ދަރިވަރުންގެ ކުރިއެރުންވެސް ބިނާވެފައިވަނީ އެ ދަރިވަރެއްގެ މައިންބަފައިންގެ ހުރި ތަނަވަސްކަމެއްގެ މައްޗަށް ކަމަށް މެމްބަރު ޝަމްހީދު ވިދާޅުވިއެވެ. އަދި ބޯހިޔާވަހިކަމަށް ބެލިކަމުގައި ވީނަމަވެސް ކަން އޮތީ ހަމަ އެހެންކަމަށް ޝަމްހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިފަދަ ތަފާތުކުރުންތައް ނައްތާލުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.
ޖުމްލަ ގޮތެއްގައި މެމްބަރު ވަނީ ހުށަހަޅާފައިވާ ޕެޓިޝަނުގަައި ފާހަގަކޮށްފައިވާ ކަންކަމަކީ އޭގެ ޒާތުގައި އޭނާ ގަބޫލުކުރައްވާ ކަންކަންކަމުގައި ވިދާޅުވެފައެވެ. އަދި އޭގައި ފާހަގަކޮށްފައިވާ ގޮތަށް ޖުމްލަ މައްސަލައަށް ބަލާ ދިވެހި ހުރިހާ ރައްޔިތުންނަށް މަޖިލީހުގެ މެމްބަރުންނަށް އާދޭސްނުކޮށް ބޭސް ފަރުވާ ކުރެވޭނެ ގޮތެއް ހައްދަވައިދެއްވުމަށް މެމްބަރު ގޮވާލެއްވިއެވެ.

