އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ތާއީދުކުރައްވާ އެންމެ މައިގަނޑު ސަބަބުތަކަކީ އޭނާގެ ތެދުވެރިކަމާއި، ވެރިކަމުގެ ނިޒާމަށް ގެންނަން ބޭނުންވާ އިސްލާހީ ބަދަލުތަކުގެ އިތުރުން ރައްޔިތުންގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ގެންގުޅުއްވާ ހަގީގީ ތަސައްވުރު ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވެއްޖެއެވެ.
މޭޔަރު އާތިފް މިހެން ވިދާޅުވީ ފައްޔާޒް އިސްމާއީލް މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ”ސަންގުން“ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އާތިފް ވިދާޅުވީ ފައްޔާޒަށް ތާއީދުކުރައްވަން ނިންމެވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރައްޔިތުންނަށް ކަންކަމުގެ ހަގީގަތް ހާމަކޮށްދިނުމުގެ ސިފަ ހިމެނޭ ކަމަށެވެ.
”ފައްޔާޒް އަބަދުވެސް ވިދާޅުވާނީ ތެދެއް. ފައްޔާޒް އެ ވިދާޅެއް ނުވާނެ އައްޑޫއާ ކުޅުދުއްފުއްޓާ ދޭތެރޭގައި ބިއްލޫރި ޓަނަލްއަކުން ގުޅާލެވިދާނެއޭ. ފައްޔާޒް ވިދާޅުވާނީ ކަމެއް އޮތް ގޮތަށް. އެކަމެއް ވަންޏާ ވާނެ ކަމަށް، ނުވަންޏާ ނުވާނެ ކަމަށް. އެއީ މައިގަނޑު އެއް ސަބަބު،“ އާތިފް ވިދާޅުވިއެވެ.
މީގެ އިތުރުން، އާތިފް ވިދާޅުވީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ ބޮޑު ބަދަލަކީ މިވަގުތު ގައުމަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށާއި، އެ ބަދަލު ގެނައުމުގެ ހިތްވަރާއި ވިސްނުން ފައްޔާޒުގެ ކިބައިގައި އެބަހުރި ކަމަށެވެ. އަދި ފައްޔާޒުގެ ސިޔާސީ މަސައްކަތްތަކުގެ އެންމެ މުހިންމު އަސާސަކީ ދިވެހި ރައްޔިތުންގެ ޖީބުތަކަށް ފައިސާ ވަންނާނެ މަގު ތަނަވަސްކޮށްދިނުން ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.
”ފަޔާ ދައްކަވާ ވާހަކަ ނުވަތަ ރައްޔިތުންނާ މެދު އޮތް މައިގަނޑު ތަސައްވަރަކީ ދިވެހި ރައްޔިތުންގެ މާލީ ފުދުންތެރިކަން ނުވަތަ މާލީ ތަނަވަސްކަން ރައްޔިތުންނަށް ހޯދައިދިނުން. ތަނަވަސް ދިވެހިރާއްޖެއެއް އުފެއްދުން. ފަޔާގެ އެ ތަސައްވަރަކީ، އަމިއްލަ މަސައްކަތްކުރާ މީހުންނަށް އެހީތެރިވެދީގެން އެ މީހުންގެ އަމިއްލަ ފައިމައްޗަށް ކޮޅަށް ނެގުން. އެއީ ފަޔާގެ އެންމެ ބޮޑު މެގަ ޕްރޮޖެކްޓަކީ،“ މޭޔަރު އާތިފް ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ފައްޔާޒް ކެމްޕެއިން ފައްޓަވާފައިވާއިރު، ފައްޔާޒް މިއަދު ގެންދަވަނީ އައްޑޫ ސިޓީގައި ދޮރުން ދޮރަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން އަޑުއައްސަވަމުންނެވެ.

