އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރަށް ފުރައްސާރަކޮށްގެން އިންވެސްޓަރުން ނުގުޑާނެ ކަމަށާއި އިންވެސްޓަރުން ގުޑަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައި މިވަނީ، ރަސްމާލޭގައި ހިންގަން ހަވާލުކުރާ މަޝްރޫއުއާ ގުޅިގެން އަލައްބާރަށް ފުރައްސާރަކުރުމަކީ ރާއްޖޭގައި ހުރި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އިންވެސްޓްމަންޓްތަކަށް ވެސް ހުއްޓުން އަންނާނެ ކަމެއް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސެޕް ގްރޫޕުގައި އެ ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޕީއެންއެފްގެ ޓައުންހޯލް ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، އެފަދަ ވާހަކަތައް ދައްކަވަން ރައީސް ނަޝީދަކީ އެންމެ ރަނގަޅު ބޭފުޅާ ނޫން ކަމަށާއި، ސަރުކާރަށް ބޮޑު ފައިދާއެއް ލިބެމުންދިޔަ ރާއްޖޭގެ މައި އެއާޕޯޓު ޖީއެމްއާރްއަށް ވިއްކާލެއްވީ އެމަނިކުފާނު ކަމަށް ވިދާޅުވެފައެވެ.
އޭގެ އިތުރުން، ރަސްމާލޭގެ މަޝްރޫއާ ގުޅުވައި އަލައްބާރަށް ފުރައްސާރަކުރައްވާނެ ކަމަށާއި ރަސްމާލޭގެ ކުރަން އުޅޭ ކަންތަކަށް ފުރައްސާރަކޮށްގެން ދިވެހި ރާއްޖޭގެ އިންވެސްޓަރުންގެ ތެރެއިން އެކަކު ވެސް ނުގުޑާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
”އަޅުގަނޑުމެން ފުރައްސާރަކުރާނަން. އަލައްބާރަށް ފުރައްސާރަކޮށްގެން، ރަސްމާލޭގެ މިކުރަން އުޅޭ ކަންތަކަށް ފުރައްސާރަކޮށްގެން ދިވެހި ރާއްޖޭގެ އިންވެސްޓަރުންގެ ތެރެއިން ހަމަ އެކަކު ވެސް ނުގުޑާނެ،“ ރައީސް ޔާމީން
އިންވެސްޓަރުން ގުޑަންޏާ ގުޑާނީ ރައީސް ޑރ. މުއިއްޒުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިންވެސްޓަރުންނަށް އުނދަގޫވެގެން އުޅޭ ސަބަބަކީ 40 ޕަސެންޓް ޑޮލަރު މާރުކުރަން މަޖުބޫރުކުރުން ކަމަށް ވިދާޅުވިއެވެ.
ރާއްޖެއަށް މި ވަރުގެ ބޮޑު ކަމެއް ދިމާވީމާ ރައްޔިތުންގެ ހައްގުގައި ބަސް ބުނަން ބޭނުންވާ ބަޔަކު ނެތް ކަމަށާއި އެމްޑީޕިން ވެސް އެ މަޝްރޫއު ކުށްވެރިނުކުރާ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ އެ ޕާޓީއަށް ވެސް ފާޑުވިދާޅުވެފައެވެ.
”ރާއްޖެއަށް މި ވަރުގެ ބޮޑު ކަމެއް ދިމާވީމާ ރައްޔިތުންގެ ހައްގުގައި މި މީހުން ވެސް ބޭނުމެއްނުވޭ ބަހެއް ބުނާކަށް. ދެން ރައީސް ނަޝީދު އެ އޮތީ ދުރާލާ ބުނެފައި މިއީ ތިމަންނަމެން ތާއީދުކުރާ ކަމެކޭ،“ ރައީސް ޔާމީން
ރަސްމާލޭގެ އެއްބަސްވުމުގެ ދަށުން އީގަލް ހިލްސްއިން ހުޅުމާލޭގައި 5000 ހައުސިން ޔުނިޓް އަޅާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު ދައުލަތުގެ ސިޔާދަތުގެ އަގަކީ 5000 ހައުސިން ޔުނިޓުތޯ ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ. އަދި ވެރިކަން ލިބިވަޑައިގެންފިނަމަ އެމަނިކުފާނު އަމިއްލަފުޅަށް ވެސް އެ 5000 ގެ އަޅައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ރަސްމާލޭގެ މަޝްރޫއުގެ މައްސަލައިގައި އެމްޑީޕީގެ ތެރޭގައި ބަހުސް ހޫނުވެފައިވާއިރު، އެ ޕާޓީގެ ބައެއް މަޖިލިސް މެމްބަރުން ވަނީ ކުރީގެ ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ އާއި ޕީއެންއެފްގެ ބައެއް އިސްވެރިންނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މަޝްރޫއާ ދެކޮޅަށް ގައުމީ ހަރަކާތެއް ފަށަން ނިންމާފައިވަކަން ވެސް އިއުލާނުކޮށްފައެވެ.

