މާލޭ ސިޓީ ލޮކްޑައުންކޮށްފައިވަނިކޮށް، ލޮކްޑައުންގެ އަމުރުތަކާއި ޚިލާފުވެ މަގުމައްޗަށް ނިކުމެ އުޅުނު އިތުރު 234 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ހާާމަކޮށްފިއެވެ.
ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އާދިއްތަދުވަހު ލޮކްޑައުންގެ އަމުރުތަކާއި ޚިލާފުވި 234 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ، ލޮކްޑައުންގެ އަމުރުތަކާއި ޚިލާފުވެ އާދިއްތަ ދުވަހު މަގުމައްޗަށް ނިކުމެ އުޅުނު 06 މީހަކު ހައްޔަރުކޮށްފައިވާނެކަމަށާއި، މި ހުސްވި މަހުގެ 15 ވަނަ ދުވަހުން ފެށިގެން، މިހާތަނަށް ޖުމްލަ 282 މީހަކު ހައްޔަރުކޮށްފައިވާނެކަމަށެވެ.
https://twitter.com/PoliceMv/status/1264745843183108096?s=19
މާލޭ ސިޓީ ލޮކްޑައުން ކުރުމާއި ގުޅިގެން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. މި ގޮތުން، ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ތަބާނުވާނަމަ، ހައްޔަރުކުރުމުގެ ބާާރު ތަންފީޒީ އިދާރާތަކަށް ލިބިގެންވެއެވެ. މި ކަން ހާމަކޮށް ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، ކަނޑައެޅިފައިވާ އުސޫލުގެ ބޭރުން ގެއިން ބޭރަށް ނުކުންނަ މީހަކު 1000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި އެ އަމަލު ތަކުރާރުކުރާނަމަ ހައްޔަރުކުރާނެކަމަށް ވެސް ފުލުހުންވަނީ ކުރިން ބުނެފައެވެ.

