ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫއޭއީއަށް ދިޔަ ނޫސްވެރިންނަށް ސޯޝަލް މީޑިއާގައި ކުރާ ފުރައްސާރަ ތަހުގީގުކުރަން އެމްޖޭއޭ އިން ފުލުހަށް ހުށަހަޅައިފި

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލޭގައި ކުރިއަށް ގެންދާ މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ މަޝްރޫއާ ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ޒިޔާރަތްކުރި ދިވެހި ނޫސްވެރިންނަށް ސޯޝަލް މީޑިއާގައި ފުރައްސާރަކޮށް، އެ މީހުންނާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް އެދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅައިފިއެވެ.

މި ދަތުރަކީ ރަސްމާލޭގެ މަޝްރޫއު ހަވާލުކޮށްފައިވާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން އެ ގައުމުގައި ހިންގާފައިވާ ބައެއް ބޮޑެތި މަޝްރޫއުތަކުގެ މައުލޫމާތު ދިވެހި ރައްޔިތުންނަށް ގެނެސްދިނުމަށްޓަކައި އެ ކުންފުނިން އިންތިޒާމުކުރި މީޑިއާ ދަތުރެކެވެ. ނަމަވެސް މި ދަތުރުގައި ބައިވެރިވި ނޫސްވެރިންގެ ފޮޓޯއާއި އެ މީހުން ކަވަރޭޖު ދިނުމަށް ކުރި މަސައްކަތްތައް ފެންނަ ވީޑިއޯތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި ދަނީ އެ ނޫސްވެރިންނާ މެދު ނަފުރަތު އުފެދޭ ގޮތަށް ކެމްޕޭނެއް ހިންގަމުންނެވެ.

ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދަށް އެޑްރެސްކޮށް އެމްޖޭއޭ އިން ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ނޫސްވެރިންގެ ފޮޓޯ އާއި ވީޑިއޯ އާންމުކޮށް، އެ ނޫސްވެރިންނަކީ ”ހާއިނުން“ އަދި ”ޒަޔަނިސްޓުން“ ގޮތުގައި ސިފަކޮށް ހުތުރު ބަހުން ދަނީ މުހާތަބުކުރަމުންނެވެ. އަދި ވަކިވަކި ނޫސްވެރިންގެ ކަރާމާތް ގެއްލޭ ގޮތަށް އަމާޒުކޮށް ދެމުންދާ މިފަދަ ހަމަލާތަކުގެ ސަބަބުން ނޫސްވެރިންނަށާއި އެ މީހުންގެ އާއިލާތަކަށް ބޮޑު ނަފްސާނީ ބިރުވެރިކަމެއް ކުރިމަތިވެފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.

ނޫސްވެރިން އެ ދަތުރުގައި މަސައްކަތް ކުރީ އެ ބަޔަކު ނިސްބަތްވާ މީޑިއާ އިދާރާތަކުގެ އެޑިޓޯރިއަލް މިންގަނޑުތަކާއި ސިޔާސަތުތަކާ އެއްގޮތަށްކަން އެމްޖޭއޭގެ ސިޓީގައި ހަނދާންކޮށްދީފައިވެއެވެ. އެހެންކަމުން، އެ މީހުންގެ ފަންނީ މަސްއޫލިއްޔަތު އަދާކުރުމުގެ ސަބަބުން ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް މިފަދަ ނުރައްކާތެރި ހަމަލާތައް ދިނުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގައި ފުލުހުން އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އެދި އެމްޖޭއޭ އިން ވަނީ މައިގަނޑު ތިން ކަމަކަށް ހުށަހަޅާފައެވެ:

  • ސޯޝަލް މީޑިއާ މެދުވެރިކޮށް ނޫސްވެރިންގެ އަބުރު ކަތިލުމަށާއި ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކުގެ ފަހަތުގައި ތިބި ފަރާތްތައް ހޯދުމަށް ރަސްމީ އަދި އަވަސް ތަހުގީގެއް ފެށުން.
  • ފުރައްސާރައާއި އިންޒާރުތައް އަމާޒުވެފައިވާ ނޫސްވެރިންނަށް ކުރިމަތިވެފައިވާ ސަލާމަތީ ނުރައްކާތައް ވަގުތުން ވަޒަންކުރުން (security risk assessment ހެދުން).
  • ނޫސްވެރިންނާއި އެ މީހުންގެ އާއިލާތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ ފަރާތުން ބޭނުންވާ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން.

އެމްޖޭއޭ އިން ފާހަގަކުރި ގޮތުގައި، މި ދަތުރާ ގުޅިގެން ނޫސްވެރިންނަށް އަމާޒުވި ފުރައްސާރަތަކުގެ އިތުރުން ވެސް، ފަހަކަށް އައިސް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ނޫސްވެރިންގެ މަސައްކަތަށް ހުރަސްއަޅައި ކުރިމަތިކުރާ ފުރައްސާރަތައް ވަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: