ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓަމްސްއަށް ލިބެންޖެހޭ 461 މިލިއަން ރުފިޔާ ނުލިބިވާކަން އޮޑިޓުން ހާމަވެއްޖެ

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި، 2023 ވަނަ އަހަރުގެ ނިޔަލަށް އެ އިދާރާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 461 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި ހުރިކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު މާލީ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ކަސްޓަމްސްގެ 2023 ވަނަ އަހަރުގެ މާލީ ބަޔާންތަކާ ގުޅޭގޮތުން 21 އޮކްޓޫބަރު 2026 ގައި ޝާއިޢުކުރި އޮޑިޓް ރިޕޯޓުގައެވެ.

އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ކަސްޓަމްސްގެ މާލީ ހިސާބުތަކުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ، ދައުލަތަށް ލިބެންޖެހޭ އާމްދަނީ އާއި އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ހޯދުމުގައި ހުރި ދަތިތަކާއި އިހުމާލުތަކެވެ. އެގޮތުން އަހަރުތަކެއް ވަންދެން ނުލިބި ހުރި ފައިސާގެ ޖުމުލަ އަދަދު 461 މިލިއަން ރުފިޔާއަށް އަރާއިރު، މިއީ ދައުލަތުގެ ބަޖެޓަށާއި ކޭޝްފްލޯއަށް ނުހަނު ބޮޑު އަސަރެއް ފޯރާނެ އަދަދެއްކަން ވަނީ ފާހަގަކޮށްފައެވެ..

އޮޑިޓުގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު ކަމަކީ ގިނަ ދުވަސްތަކެއް ވެފައިވާ ފައިސާ ހޯދުމަށް އެކަށީގެންވާ އަވަސް ފިޔަވަޅުތަކެއް އެޅިފައި ނުވުމެވެ. ވިޔަފާރިވެރިންނާއި އެކި ފަރާތްތަކުން ޑިއުޓީ އާއި އެހެނިހެން ފީތަކުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ގަވާއިދުން ނުދައްކާ ހުރުމުގެ ސަބަބުން މި އަދަދު އަހަރުން އަހަރަށް ބޮޑުވަމުން އަންނަކަން އޮޑިޓުން ފާހަގަކުރެވެއެވެ. އަދި މި ފައިސާ ހޯދުމަށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ލަސްތަކެއް ހުރިކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދާއި ކަމާގުޅޭ އުސޫލުތަކުގައި ބަޔާންކޮށްފައިވާ ގޮތަށް، ދައުލަތަށް ލިބެންޖެހޭ ފައިސާ ވަގުތުން ވަގުތަށް ހޯދުމަކީ މާލީ ޒިންމާދާރު ވެރިޔާގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ. ނަމަވެސް، އެކަށީގެންވާ މޮނިޓަރިންގ ނިޒާމެއް ނެތުމާއި ފައިސާ ހޯދުމުގެ މަސައްކަތް ހަރުދަނާ ނުވުމަކީ ދައުލަތަށް ލިބެންޖެހޭ ބޮޑެތި އަދަދުތަކުގެ ފައިސާ ނުލިބި ބާކީވެގެންދާ މައިގަނޑު އެއް ސަބަބެވެ.

މާލީ ހިސާބުތަކުގައި ފައިސާ ނުލިބި ހުރި މައްސަލަ ފާހަގަކުރެވުނު ނަމަވެސް، ކަސްޓަމްސްގެ މާލީ ބަޔާންތައް ތައްޔާރުކޮށްފައިވާ ގޮތާމެދު އޮޑިޓަރ ޖެނެރަލް ދެއްވާފައިވަނީ ”އަންކޮލިފައިޑް“ ނުވަތަ ސާފު އޮޕީނިއަނެކެވެ. ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، 31 ޑިސެމްބަރު 2023 ގެ ނިޔަލަށް ނިމުނު މާލީ އަހަރު ކަސްޓަމްސްއަށް ލިބުނު ފައިސާ އާއި އެ ފައިސާއިން ކުރެވުނު ޚަރަދުތަކުގެ ބަޔާންތައް ތައްޔާރުކޮށްފައިވަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށެވެ.

އެގޮތުން، އެ އިދާރާގެ ހިސާބުތައް ތައްޔާރުކޮށްފައިވަނީ އިންޓަރނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަރޑްސް ގެ ކޭޝް ބޭސިސް އޮފް އެކައުންޓިންގއާ އެއްގޮތްވާ ގޮތުގެ މަތިން ތެދުވެރިކަމާއެކު ހަގީގަތް ހާމަވާ ފަދަ ގޮތަކަށެވެ. މީގެ މާނައަކީ ފައިސާ ވަދެ ނުކުތް ގޮތުގެ ރެކޯޑުތައް ހަމައަށް ބަލަހައްޓާފައި ހުރި ނަމަވެސް، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ އިދާރީ ހިންގުމުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި، ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާގެ ތަފްސީލުތައް ދުވަހުން ދުވަހަށް މުރާޖައާކޮށް، ގިނަ ދުވަސްވީ ބާކީތައް އަވަހަށް ހޯދުމަށް ހަރުދަނާ އުސޫލުތަކެއް ކަނޑައަޅަންޖެހޭ ކަމަށް އޮޑިޓުން ލަފާދެއެވެ. ވަކިން ހާއްސަކޮށް، ގަވާއިދާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅައި، މާލިއްޔަތު ގަވާއިދާ އެއްގޮތަށް އެ ފައިސާ ދައުލަތަށް ދެއްކުމަށް ބާރުއެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ދައުލަތުގެ އާމްދަނީގެ ބޮޑު ބައެއް ބިނާވެފައިވަނީ ކަސްޓަމްސް މެދުވެރިކޮށް ލިބޭ ފައިސާއަށް ކަމަށްވާއިރު، މިފަދަ ބޮޑެތި އަދަދުތައް ނުލިބި ހުރުމަކީ ދައުލަތުގެ މާލީ ނިޒާމުގެ ހިންގުމަށް ހުރަސްއެޅި، ބަޖެޓުގެ ދަރަނި އިތުރުވުމަށް މަގުފަހިވާނެ ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: