މަގުތަކުގައި ފުލުހުން ފެށި ޓްރެފިކް އޮޕަރޭޝަންތަކާއެކު، މަގުމަތީގައި ހިނގާ ޓްރެފިކް އެކްސިޑެންޓުކުގެ އަދަދު 36 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަގުތަކުގައި ފުލުހުން ފާރަވެރިވާ މިންވަރު އިތުރުކޮށް، ހިންގުނު ހަރަކާތްތަކާ ގުޅިގެން ރިޕޯޓްކުރެވޭ އެކްސިޑެންޓްތަކުގެ އަދަދު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް މަދުވެފައެވެ.
2026 އޮކްޓޫބަރު 8 ގައި ފެށި ”އޮޕަރޭޝަން ރެކްލެސް ޑްރައިވިންގ“ ގެ ނަތީޖާއަށް ބަލާއިރު، މި އޮޕަރޭޝަން ފެށުމުގެ ކުރީގެ 20 ދުވަހާ އަޅާބަލާއިރު އޮޕަރޭޝަން ފެށިފަހުން ވޭތުވެދިޔަ 20 ދުވަހުގެ ތެރޭގައި އެކްސިޑެންޓްތައް 36 އިންސައްތަ މަދުކުރެވިފައިވާ ކަމަށާއި އެއީ އޮޕަރޭޝަންގެ ކުރިން ހިނގި 117 އެކްސިޑެންޓާ އަޅާބަލާއިރު 43 އެކްސިޑެންޓްގެ މަދުވުމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މުއްދަތުގައި ހިނގާފައިވަނީ ޖުމްލަ 74 އެކްސިޑެންޓެވެ. ހުޅުމާލެ ފަދަ ދިގު އަދި ފުޅާ މަގުތަކެއް އޮންނަ ތަނެއްގައި ހިނގާ އެކްސިޑެންޓްތަކުން މިފަދަ ބޮޑު ދަށްވުމެއް ފެނުމަކީ، ރައްޔިތުން މަގުމައްޗަށް ދޭ ސަމާލުކަން އިތުރުވަމުން އަންނަކަމުގެ ހެއްކެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ހަމައެއާއެކު، ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުން މާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުން ވެސް މިފަދަ ހެޔޮ ނަތީޖާތަކެއް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މާލޭގެ މަގުތަކުގައި 2026 ސެޕްޓެންބަރު 21 އިން އޮކްޓޫބަރު 7 ގެ ނިޔަލަށް 128 އެކްސިޑެންޓް ހިނގާފައިވާއިރު، ހާއްސަ ފިޔަވަޅުތަކާއެކު އޮކްޓޫބަރު 8 އިން 24 ގެ ނިޔަލަށް އެ އަދަދު 106 އަށް ދަށްކުރެވިފައިވާ ކަމަށާއި މިއީ 22 އެކްސިޑެންޓްގެ ދަށްވުމެއް ނުވަތަ ގާތްގަނޑަކަށް 17.2 އިންސައްތައިގެ ހެޔޮ ބަދަލެއް ކަމަށް ބުނެފައިވެއެވެ. މި ހިސާބުތަކަކީ އަދި މަސައްކަތުގެ ނިމުމެއް ނޫން ނަމަވެސް، އެންމެންގެ މަސައްކަތުން ރަނގަޅު މިސްރާބަކަށް ދަތުރުކުރެވޭ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންތަކުން ފެންނަމުންދާ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރުންނަކީ ޒިންމާދާރުކަމާއެކު އުޅަނދު ދުއްވާ އެންމެހައި ރައްޔިތުން ކަމަށެވެ. މަގުމަތީގެ ނިޝާންތަކަށާއި ދުވެލީގެ މިންގަނޑުތަކަށް ބޯލަނބައި، ފުލުހުން ޖަހާ ޗެކްޕޮއިންޓްތަކުގައި ފުރިހަމަ އެއްބާރުލުން ދެއްވާ ރައްޔިތުންގެ ސަބަބުން މަގުތަކުގެ ރައްކާތެރިކަން ދަނީ އިތުރުވަމުން ކަމަށް އެ މުވައްސަސާއިން ބުނެފައިވެއެވެ.
ހުޅުމާލޭގެ އޮޕަރޭޝަނަށް ބަލާއިރު، 2026 އޮކްޓޫބަރު 8 އިން 27 އަށް ޖުމްލަ 3,151 އުޅަނދު (2,800 ސައިކަލާއި 351 ހަތަރުފުރޮޅުލީ އުޅަނދު) ޗެކްކޮށްފައިވެއެވެ. މީގެ ތެރެއިން 808 ފަރާތަކަށް (735 ސައިކަލު ދުއްވި ފަރާތަށާއި 73 ހަތަރުފުރޮޅުލީ އުޅަނދު ދުއްވި ފަރާތަށް) ވަނީ ފިޔަވަޅު އެޅުމުގެ ބަދަލުގައި ނަސޭހަތްތެރިވެ، ވިސްނައިދީފައެވެ. އެހެންނަމަވެސް، އެހެން މީހުންގެ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތްގޮތަށް ދުއްވި 23 އުޅަނދަކަށާއި (20 ސައިކަލު، 3 ހަތަރުފުރޮޅުލީ އުޅަނދު)، އެ ކެޓެގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް 85 ފަރާތެއް ޖޫރިމަނާކޮށް، 145 އުޅަނދު ވަނީ ޓޯކޮށްފައެވެ.
މާލޭގެ މަގުތަކުގައި ވެސް ޓްރެފިކް ފުލުހުން ދަނީ އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅަމުން ކަމަށް އެ މުވައްސަސާއިން ބުނެފައިވެއެވެ. ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވި 600 މައްސަލައަކާއި، ނުރައްކާތެރިކޮށް ދުއްވި 19 މައްސަލައެއް ފާހަގަކުރެވިފައިވާއިރު، ތަކުރާރުކޮށް ނުރައްކާތެރިކޮށް ދުއްވާ 13 ފަރާތަކަށް ނަސޭހަތް ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އާންމު މަގުތަކުގައި ބާރަށް ދުއްވި ފަރާތްތަކުގެ ތެރެއިން އެކި ކުންފުނިތަކާއި އިދާރާތަކަށް ނިސްބަތްވާ 23 ފަރާތެއްގެ މައުލޫމާތު އެ ތަންތަނާ ހިއްސާކޮށް، އެ މުއައްސަސާތައް މެދުވެރިކޮށް ވެސް ޒިންމާކުރުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން، އުޅަނދުގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަނުވުމުގެ 371 މައްސަލައަކާއި، ދަތުރުފަތުރަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ 171 މައްސަލައަކަށް ވަނީ ފިޔަވަޅު އަޅާފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

