ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފަހި މާހައުލެއް ގާއިމްކޮށްދެއްވާނެކަމަށާއި، މިހާރަށް ވުރެ ބޮޑަށް އެކަމަށް އިސްކަން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
”ރައްޔިތުންގެ އަޑު“ ޕްރޮގްރާމުގައި އާންމު ރައްޔިތަކު ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށްފައިވާއިރުު ނުކުޅުދުންތެރިކަން ހުންނަ ފަރާތަކުން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅޭގޮތުން އެ ޕްރޮގްރާމްގައި ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން ނުކުޅުދުންތެރިކަން ހުންނަ މީހުންގެ މަރުކަޒުގެ ހާލަތު ހުރީ އެންމެ ރަނގަޅަށް ނޫންކަމަށް ފާހަގަކޮށް އެ މައްސަލަ ހައްލުކުރަން ކަންބޮޑުވުން ފާޅުކުރި މީހާ އެދިފައިވެއެވެ. އަދި ވަޒީފާގެ ފުރުސަތުތައް ލިބުމުގައި ހުރި ދަތިތައް ހިއްސާކޮށްފައިވެއެވެ. އެގޮތުން އިންޓަރންޝިޕް ފުރިހަމަކޮށް، އިންޓަރވިއުތަކަށް ދިޔަނަމަވެސް އޭގެ ފަހުން ފުރުސަތުތައް ނުލިބޭތީ، އެ ކަންބޮޑުވުން އޭނާ ވަނީ ރައީސާ ހިއްސާކުރައްވާފައެވެ.
އެކަމާ ގުޅިގެން ރައީސް ވިދާޅުވީ އެއްވެސް ފަރާތެއް ބާކީ ނުކޮށް ވަޒީފާގެ ފުރުސަތުތައް ހޯދައިދެއްވުމަކީ އެ މަނިކުފާނު ވަރަށް އިސްކަން ދެއްވާ ސިޔާސަތެއް ކަމަށެވެ. އެގޮތުން ކުންފުނިތަކުގެ ވެރިންނަށްވެސް ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހި ވަޒީފާގެ މާހައުލެއް ގާއިމްކޮށްދެއްވުމަށް ދަންނަވާފައިވާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް އިތުރު މަސައްކަތްތަކެއް ސަރުކާރުން ކުރައްވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެންމެން ޝާމިލްވާ މުޖުތަމައުއެއް ބިނާކުރުމަކީ ސަރުކާރުގެ އެންމެ އިސް އެއް މަގްސަދުކަމަށް ރައީސް ވިދާޅުވިއެވެ.
އަންނަ އަހަރު ޝާމިލު މުޖުތަމައެއް ބިނާކުރުމުގެ ގައުމީ މަޝްރޫއެއް ފަށަން ސަރުކާރުން ވަނީ ނިންމަވާފައެވެ. މިއީ ރާއްޖޭގައި ނާޒުކު އާބާދީތައް ބާރުވެރިކުރުވުމަށްޓަކައި ޝާމިލު މުޖުތަމައެއް ބިނާކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. ރައީސް ވިދާޅުވީ އެ މަޝްރޫއުގެ ބޭނުމަކީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުންކަމަށެވެ.

