ވަކި ގައުމެއްގެ ޕަޕެޓަކަށް ވުމަކީ ދިވެހި ރާއްޔިތުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށާއި އެ ސިޔާސަތު މި ތިން އަހަރުގެ ތެރޭގައި ވަޅުލައި ފަސްއަޅުއްވައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނޭޝަން ޗެޓް ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ފާކިސްތާނަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ 11 އަހަރު ފަހުން ރާއްޖޭގެ ވެރިއަކު ޕާކީސްތާނަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމެވެ.
ރައީސް ވިދާޅުވީ މީގެ ކުރިން ރައީސް މައުމޫނުގެ ދައުރުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު އޮތީ ވަރަށް ބޮޑަށް ހަމަ އުސޫލުން ވަކި ކޮޅަކަށް ނުޖެހި ކަމަށެވެ. ރާއްޖެއަށް ފައިދާ ހުރި ގޮތްތައް ހޯދުމަށް މަސައްކަތް ކުރުމަކީ މި ސަރުކާރުގެ ވެސް ސިޔާސަތު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ވަކި ގައުމެއްގެ ޕަޕެޓަކަށް ވެގެން މަސައްކަތް ކުރުމުގެ ސިޔާސަތު ދެން އަލުން އަނބުރާ ނާންނާނެ ކަމަށާއި އެ ފުރުސަތު ރައްޔިތުން ނުވެސް ދޭނެ ކަމަށެވެ. އަބަދުވެސް ބައްލަވަނީ ދިވެހީންގެ މަންފާއަށް ކަމަށާއި ދޭދޭ ގައުމުތަކުގެ ދެމެދަށް ވަނުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫނުް ކަމަށް ވެސް ވިދާޅުވިއެވެ. ވަކި އަތަކަށް ޖެހި ވަކި ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ އެއީ ގަބޫލުކުރައްވާނެ ކަމެއް ނޫން ކަމަށާއި އެކަން މިހާރު ރާއްޖޭގައި ވެސް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޕާކިސްތާނު ދަތުރުފުޅުގެ ތެރެއިން އެއްބަސްވެވުނު ކަންކަމަކީ ދެ ގައުމަށްވެސް ފައިދާ ކުރާނެ ކަންތައްތަކެއް ކަމަށާއި، އެއީ އިގްތިސޯދީ ގޮތުން ހާއްސަގޮތެއްގައި ފައިދާކުރާނެ ދަތުރެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އެގޮތުން ބައިލެޓްރަލް ޓްރޭޑް 200 މިލިއަނަށް އިތުރު ކުރުމަށް މަޝްވަރާތައް ކުރެވުނު ކަމަށާއި މި އަހަރު ކުރެވެނީ 13 މިލިއަން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އެގޮތުން ކަނޑަމަގުން ދެ ގައުމުގެ ދެމެދުގައި މުދާ އުފުލުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށެވެ. އަދި ޑައިރެކްޓް އެއާ ކަނެސްޓިވިޓީ ގާއިމްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް ވިދާޅުވިއެވެ.
”އެހެންވީމާ ކަނޑުމަގުންނާއި ވައިގެ މަގުން ސީދާ ގުޅިގެން ދިޔުމަކީ މިދެންނަވި ގޮތަށް ޓްރޭޑް އިތުރު ކުރުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅު އިރާދަކުރެއްވިއްޔާ. ދެން ވިޔަފާރި ފުޅާ ކުރުމަށްޓަކައި ރާއްޖޭގެ ވިޔަފާރިވެރިން ރާއްޖެއަށް ރާއްޖޭގެ ވިޔަފާރިވެރިން ޕާކިސްތާނުގައި ވިޔަފާރި ކުރުމުގެ ފިރުސަތު ލިބޭގޮތަށް ހެދުމަކީ އަޅުގަނޑުމެންގެން ތެރޭގައި ހެދުނު ވަރަށް މުހިންމު އެއްބަސްވުމެއް. ދެން ވެސް ވަރަށް މުހިންމު އެމްއޯޔޫތަކުގައި ސޮއި ކުރެވުނު. 20 އެމްއޯޔޫގައި ސޮއި ކުރެވުނު،“
ރައީސް ވިދާޅުވީ އެ އެއްބަސްވުންތަކުގައި ވާ ކަންތައްތަކަކީ ހަގީގަތްތަކަށް ހައްދަވާނެ ކަންތައްތަކެއް ކަމަށާއި އެ ފައިދާ ރައްޔިތުންނަށް ވާނެ ކަމަށެވެ. އެގޮތުން ތައުލީމާއި މަތީ ތައުލީމާއި، އެކި ފަންނުތަކާއި، ކުޅިވަރާއި އަދި ސިއްހީ ދާއިރާ އާއި އިގްތިސޯދީ އިޖްތިމާއީ ހުރިހާ ދާއިރާއަކުންވެސް މަޝްވަރާކުރެވުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

