އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހަށް މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ހަމަވާތީ އިންހާބު ބޭއްވޭނެ ފަދަ މާހައުލެއް ނެތުމުން މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލްގެ ބަހުސްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ވެސް ބޭއްވުމަށް ނިންމައިފިއެވެ.
މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާ ނިންމަވާލަްވަމުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކުރުމާއި މެދު އުފެދިފައިވާ ހިޔާލްތަފާތުވުމަށާއި އަދި ކައުންސިލްތަކުގެ ދައުރު ހަމަވާތީ ދިމާވާނެ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދޭނެ ކަމަށާއި އެކަމަށްޓަކައި މަޖިލީހުގެ ޖަލްސާއެއް މިރޭ 9:00 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
މީގެކުރިން ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ކައުންސިލްތަކުގެ ދައުރު ދަންމާނީތޯ ނުވަތަ ނޫންތޯ މި މަހުގެ 28 ގެ ކުރިން މަޖިލީހުން ގޮތެއް ނިންމާނެ ކަމަށެވެ.
މިރޭ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމާފައުވާއިރު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ބައްދަލުވުމުގައި ނިންމާފައު ވަނީ ގާނޫނުއަސާސީ އިސްލާހު ކުރުމަށެވެ. ނަމަވެސް ގާނޫނުއަސާސީ އިސްލާހު ކުރަން ފެންނަ ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގައި ވޯޓު ދެއްވީ 42 މެމްބަރުންނެވެ. އަދި ގާނޫނުއަސާސީ އިސްލާހު ކުރުމާއި މެދު އުފެދިފައިވާ ހިޔާލްތަފާތުވުންތަކާއި ގުޅިގެން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ވެސް މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅާފައެވެ.

