ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްގީކުރުމަށްޓަކައި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާކަން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ހާމަކުރައްވައިފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ޒަރީރު ވިދާޅުވީ، ދިވެހީންގެ މެދުގައި ދުޅަހެޔޮ މުޖުތަމައެއް ބިނާވެފައި އޮތުމަކީ މި ސަރުކާރުން އަބަދުވެސް އަހަންމިއްޔަތުކަން ދޭ ކަމެއް ކަމަށެވެ.
އެގޮތުން، އާއިލާތަކާއި ރައްޓެހިންނާ އެކުގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްގީކުރުމަށް ބެޖެޓުގައި ހިމަނާފައިވާ ކަމަށް ޒަރީރު ވިދާޅުވިއެވެ.
އެހެންނަމަވެސް، އެކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވަނީ ކިހާ އަދަދެއް ކަމެއް ޒަރީރު ހާމައެއް ނުކުރައްވައެވެ.
”ދިވެހީންގެ މެދުގައި ދުޅަހެޔޮ ބަދަހި މުޖުތަމައެއް ބިނާވެފައި އޮތުމަކީ މި ސަރުކާރުން އަބަދުވެސް އަހަންމިއްޔަތުކަން ދޭކަމެއް. އާއިލާތަކާއި ރައްޓެހިންނަށް އެކުގައި ވަގުތު ހޭދަކޮށް، ހިތްހަމަޖައްސާލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްގީކުރުމަށް ބަޖެޓުގައި ވާނީ ހިމަނާފައި.“ ޒަރީރު
ހުރިހާ އަތޮޅެއްގައި ވެސް ޕިކްނިކް އައިލެންޑް ތަރައްގީކުރައްވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ، މިދިޔަ އަހަރުގެ އޮގަަސްޓް 19ގައި އއ. މަތިވެރިއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ބޭއްވި ޖަލްސާގައެވެ.
އެ ދުވަހު ރައީސް ވިދާޅުވީ، ޕިކްނިކް ދާނެ ރަށެއް ތަރައްގީކޮށްދިނުމަށް އެދި ވަރަށް ގިނަ ރަށްތަކުން ހުށަހަޅާ ކަމަށެވެ. އެހެންވެ، އެ އަތޮޅެއްގެ ރައްޔިތުންނާއި އެ އަތޮޅެއްގެ ރައްޔިތުންގެ އެކިއެކި ގެސްޓުހައުސްތަކަށް ބޭނުންކުރެވޭ ގޮތަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕިކްނިކް އައިލެންޑެއް ތަރައްގީކޮށްދޭން ނިންމެވީ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

