ރެފްރިޖަރޭޓެޑް ސީ ވޯޓާ (އާރްއެސްޑަބްލިޔު) ފައިނޭންސިން ފެސިލިޓީގެ ލިމިޓް އެއްވެސް ރަހުނަކާ ނުލައި ހަތަރު މިލިއަން ރުފިޔާއާ ހަމައަށް ބޮޑުކޮށް، އުޅަނދުތަކުގައި އިންޖީނު އެޅުމަށް ފައިނޭންސް ދޫކުރާ ގޮތަށް އެސްއެމްއީ ޑިޖިޓަލުން ހަމަޖައްސައިފިއެވެ.
އެސްއެމްއީ ޑިޖިޓަލުން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.
މި ފެސިލިޓީގެ ދަށުން މިހާތަނަށް ފައިނޭންސް ދޫކުރަމުން އައީ މަސްދޯނިފަހަރުގައި އާރްއެސްޑަބްލިޔު ސިސްޓަމާއި، ޖެންސެޓް އަދި ސޯލާ ޕެނަލް ހަރުކުރުމަށެވެ. ނަމަވެސް އަލަށް ގެނައި ބަދަލާއެކު، އުޅަނދުތަކުގައި އަލަށް އިންޖީނު އެޅުމަށާއި އިންޖީނު ބަދަލުކުރުމަށްވެސް ލުއި ގޮތެއްގައި ފައިނޭންސް ލިބޭނެއެވެ. މި ސްކީމަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި، މިނިސްޓްރީ އޮފް ފިނޭންސާއި، ލައިވްސް އެންޑް ލައިވްލިހޫޑް ފަންޑް (އެލްއެލްއެފް) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގުޅިގެން އެސްއެމްއީ ޑިޖިޓަލުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އެއްވެސް ރަހުނަކާ ނުލައި ދޫކުރާ މި ފެސިލިޓީގެ އަހަރީ ފައިދާގެ ރޭޓަކީ 6 ޕަސެންޓެވެ. ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭއިރު، އޭގެ ތެރޭގައި 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއްވެސް ހިމެނެއެވެ. މި ފެސިލިޓީގެ މައިގަނޑު އަމާޒަކީ، މަސްވެރިން އައިސް ހޯދުމަށް ކުރާ ބޮޑު ހޭދަ ކުޑަކޮށްދިނުމާއި، ބާނާ މަހުގެ ތާޒާކަން ދަމަހައްޓައި، އޭގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް މަސްވެރިންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.
މި މަޝްރޫއާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި އެކަމަށްދާ ބޮޑު ހަރަދު ކަމަށެވެ. އެހެންކަމުން ދޯނިފަހަރުގައި އާރްއެސްޑަބްލިޔު ސިސްޓަމްތައް ގާއިމުކުރުމުން އައިސް ޕްލާންޓްތަކަށް ބަރޯސާވާ މިންވަރު ކުޑަވެ، ތެލަށް ކުރާ ހޭދަ ސަލާމަތްވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އުޅަނދުފަހަރު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ މަސްވެރިންނަށް ލިބޭ ސާފު އާމްދަނީ އިތުރުވެ، މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
މި ބަދަލާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ އޮޑިވެރިންނާއި މަސްވެރިންނަށް މަސްވެރިކަމުން ލިބޭ މާލީ މަންފާ އިތުރުކުރުމަށް ލިބިގެންދިޔަ އަގުހުރި ފުރުސަތެއް ކަމަށެވެ.
އާރްއެސްޑަބްލިޔު ފައިނޭންސިން ފެސިލިޓީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މި ސްކީމަށް ކުރިމަތިލެވޭނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓުގައިވާ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށެވެ.

