ރައީސް ޑރ. މުހައްމަދު މުއިއްޒުއަކީ މުރުތައްދުވެފައިވާ މުނާފިގެއް ކަމަށް ބުނި މައްސަލައިގައި މީހެއްގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާގެ ޝަރީއަތުގެ ކުރީގެ މަރުހަލާގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުންތައް ދައުވާ ލިބޭ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
މި އަހަރުގެ މެއި 2 ވަނަ ދުވަހު އާޓިފިޝަލް ބީޗު ސަރަހައްދުގައި އިދިކޮޅު ޕީއެންއެފްއިން ބޭއްވި މުޒާހަރާއެއްގެ ތެެރެއިން ރައީސް މުއިއްޒުއަކީ ”މުރުތައްދުވެފައިވާ މީހެއް ކަމަށާއި މުނާފިގެއް“ ކަމަށް ބުނި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ، ސ. ފޭދޫ، ޕިކްނިކްހައުސް، އަހްމަދު ފާއިޒްގެ މައްޗަށެވެ.
އެނާގެ މައްޗަށް އުފުލާފައިވަނީ އާންމު ތަނެއްގައި މުސްލިމަކާ މެދު އެމީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުމުގެ ކުށުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުގައި އެ މައްސަލައިގެ ޝަރީއަތުގެ ކުރިން ފާއިޒްގެ ފަރާތުން ހުށަހެޅި ފަސް ހުށަހެޅުމެއް ބަލައިނުގަތުމަށް މި މަހުގެ 15 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނިންމާފައިވާއިރު، އެ ކޯޓުން ވަނީ ދައުލަތުން ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުން ބަަލައިގެންފައެވެ. ފާއިޒުުގެ ފަރާތުން އެ ދެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރަން ހުށަހަޅާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.
އެ މައްސަލައިގައި ފާއިޒްގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައި، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ސީޣާގައި އޮތް ގޮތުން ގާނޫނުލްއުގޫބާތުގައި ކުށް ބަޔާންކުރާ މާއްދާގައިވާ ކުށުގެ ރުކުންތައް ފުރިހަމަނުވާތީ މައްސަލަ މައުޟޫއީ ގޮތުން ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައިދިނުމަށް އެދުން ހިމެނެއެވެ.
އޭގެ އިތުރުން، ދައުވާ ސީޣާގައި އޭނާގެ މައްޗަށް ދައުވާކުރާ ސަބަބުތަކުގެ ތެރޭގައި ރައީސް މުއިއްޒަކީ ”މުނާފިގެއްކަމަށް ބުނެފައިވާތީ“، އެ ސަބަބު ހިމަނާފައިވާއިރު، އެއީ ގާނޫނުލްއުގޫބާތުގެ ހަވާލާދީފައިވާ މާއްދާއިން ކުށަކަށް ނުވާތީ އެބައި ދައުވާއިން އުނިކުރުމަށް އެދިފައިވެއެވެ. އަދި ފުލުހުންގެ ކޮންސްޓެބަލްއެއްގެ ޝަފަހީ އަދި ކިތާބީ ހެކި ބަލައިނުގަނެވޭނެ ކަމަށް ކަނޑައަޅައިދިނުމަށާއި ދައުލަތުން ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ވީޑިއޯއެއް ހެކީގެ ގޮތުގައި ބަލައިނުގަނެވޭނެކަމަށް ކަނޑައަޅައި އެ ވީޑިއޯ ހެކިތަކުގެ ތެރެއިން އުނިކުރުމަށް ވެސް އެދިފައިވެއެވެ.
ދައުވާއިން ދިފާއުވުމަށް ޝަރީއަތުން ދީފައިވަނީ ތިން ދުވަހުގެ މުއްދަތެއް ކަމުން، އިތުރު ހެކިތައް ހުށަހަޅަން ފުރުސަތު ބޭނުންވާތީ އެކަމަށް ވެސް ފާއިޒްގެ ފަރާތުން އެދިފައިވެއެވެ.
2 މެއި 2026 ވަނަ ދުވަހު މުޒާހަރާ ހިނގަމުންދިޔަ ވަގުތު އެތަނުގައި ތިބި ދެ ފުލުހުންގެ ހެކިބަސް ނަފީކުރުމަށް ފާއިޒްގެ ފަރާތުން ދިފާއީ ހެކީގެ ގޮތުގައި ފަސް މީހަކު ހުށަހެޅިނަމަވެސް، ޝަރީއަތުގެ ކުރީގެ މަރުހަލާގައި ދައުލަތުން ވަނީ އެ ހެކީން ބަލައިނުގަތުމަށް އެދިފައެވެ. ޝަރީއަތުން ނިންމާފައިވަނީ، ފާއިޒުގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ދައުވާއާ ގުޅުމެއް ހުރި ހެކިތަކެއްކަން ހެކި ހުށަހެޅި ފޯމުގައި ތަފްސީލީ ގޮތެއްގައި ބަޔާންކޮށްފައިނުވާތީ އެ ހެކިތައް ބަލައިނުގަތުމަށެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ މުޒައްމިލް ނާސިރުއެވެ. ހައިކޯޓަށް ފާއިޒްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލަ އެ ކޯޓުގައި އަދި ރަޖިސްޓްރީކޮށްފައި ނުވެއެވެ.

