ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ހިންގާ ޝަރީއަތުގައި މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.
އެ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގެ ބީ12 ސެކްޝަނުގައި ތާވަލުކުރީ މިއަދުގެ 13:00 އަށެވެ. އެ އަޑުއެހުމަކީ ކޯޓަށް ހާޒިރުވެގެން ބާއްވާ ގޮތަށް ހަމަޖެހުނު އަޑުއެހުމެއް ނަމަވެސްް، އެ ކޯޓުން ބުނެފައިވަނީ ސައުދު ކޯޓަށް ހާޒިރުނުވުމުގެ ސަބަބުން މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ”ސަންގަށް“ ވިދާޅުވި ގޮތުގައި، އޭނާ މިއަދުގެ އަޑުއެހުމަށް ހާޒިރުނުވެވޭނެކަން އެންގީ މިއަދު ހެނދުނު 10:00 ހާއިރު ކަމަށެވެ. އަދި މައްސަލައިގެ އަޑުއެހުމެއް ނޮވެމްބަރު އެއް ވަނަ ދުވަަހަށް ތާވަލުކޮށްފައިވާ ކަމަށާއި، އެ އަޑުއެހުމަށް މަގުބޫލު އުޒުރެއް ނެތި ހާޒިރުނުވެއްޖެނަމަ ފުލުހުންގެ ބަންދުގައި ބަަހައްޓައިގެން ކޯޓަށް ހާޒިރުކުރާނެ ކަމަށް ވިދާޅުވިއެވެ.
ތިނަދޫ ސިޓީ ކައުންސިލުގެ ސޯޝަލް މީޑިއާ ޕޭޖުން ފެންނަ ގޮތުގައި މިއަދު ސައުދު ހުންނެވީ ތިނަދޫގައެވެ. އަދި އޭނާ ވަނީ ތިނަދޫ ސިޓީގެ މިހާރުގެ ހާލަތާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެ ސިޓީގެ ފުލުހުންނާއެކު ބައްދަލުވުމެއް ވެސް ބާއްވައިފައެވެ.
ސައުދުގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލައަކީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމުގެ ބޭނުމުގައި، އެ ރަށުގެ އާބާދީގެ އަދަދުތަކާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ދޮގު އަދި ސައްހަނޫން މައުލޫމާތުތަކެއް ހުށަހަޅާފައިވާކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައެކެވެ. ސައުދުގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ.
އެ ދެ ކުށުގެ އަސާސީ އަދަބު އެއްކޮށްލުމުން އަންނަނީ ޖުމުލަ 2 އަހަރާއި 1 މަސްދުވަހުގެ ޖަލު ހުކުމެކެވެ. އެގޮތުން، އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅިފައިވާއިރު، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.
އެ މައްސަލައިގެ އިތުރުން، ގާނޫނާ ހިލާފަށް ތިނަދޫގެ ބިމެއް ދޫކުރި ކަމަށް ބުނާ މައްސަލައިގައި ސައުދު އާއި ތިނަދޫ ކައުންސިލުގެ ކުރީގެ މެމްބަރުންތަކެއްގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައެވެ.

