ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ކޯލުތަކެއް ކަމަށް ބުނާ އޯޑިއޯތަކުގެ މައްސަލަ ހައިކޯޓުގެ ރަޖިސްޓްރާ ބަލައިނުގަތް!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. އާރަށުގެ މައްސަލައިގެ ޝަރީއަތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އޯޑިއޯ ރެކޯޑިންތަކެއް ކަމަށް ބުނާ އޯޑިއޯތަކެއް ހެކީގެ ގޮތުގައި ބަލައިގަތް މައްސަލަ އިސްތިއުނާފުކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަންނަން ހައިކޯޓުގެ ރަޖިސްޓްރާ ނިންމަވައިފިއެވެ.

އާރަށު މައްސަލައިގެ ތެރެއިން ދައުލަތުން ވަނީ ރައީސް ޔާމީނާ ދެކޮޅަށް އެމަނިކުފާނުގެ ކޯލް ރެކޯޑިންތަކެއް ކަމަށް ބުނާ އޯޑިއޯ ރެކޯޑިންތަކެއް ހުށަހަޅާފައެވެ. އެ ރެކޯޑިންތައް ބަލައިނުގަތުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ޝަރީއަތުގެ ކުރިން ދަށު ކޯޓުގައި ވެސް އެދުނު ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ ނިންމަވާފައިވަނީ އެ އޯޑިއޯ ރެކޯޑިންތައް ހެކީގެ ގޮތުގައި ބަލައިގަތުމަށެވެ.

އެ ރެކޯޑިންތައް ބަލައިގަތުމަށް ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅީ އޮކްޓޯބަރު 28 ވަނަ ދުވަހުއެވެ. ހައިކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަންނަން ނިންމަވާފައިވަނީ ނޮވެމްބަރު އެއް ވަނަ ދުވަހުއެވެ. ރަޖިސްޓްރާގެ ނިންމުން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފުކުރުމުގެ ފުރުސަތު ރައީސް ޔާމީނަށް ލިބިގެންދާނެއެވެ.

ރައީސް ޔާމީންގެ ވަކީލް ހަމްޒާ ލަތީފް މީގެ ކުރިން ”ސަންގަށް“ ވިދާޅުވީ، 2013 ވަނަ އަހަރުގެ އެ އޯޑިއޯތަކުގެ އެނަލިސިސް ރިޕޯޓެއް ހުށަހަޅާނެ ކަމަށް ދައުލަތުން ބުނި ނަމަވެސް އެފަދަ ރިޕޯޓެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށާއި އެފަދަ ރިޕޯޓެއް ހެދެން ނެތް ކަމަށް ދައުލަތުން ބުނެފައިވާކަމަށެވެ. ހަމްޒާ ވިދާޅުވި ގޮތުގައި، 2015 ވަނަ އަހަރު ކުރި ކަމަށް ބުނާ ކުށެއް ސާބިތުކުރަން ކާކުކަން ކަށަވަރުނުކުރެވޭ 2013 ވަނަ އަހަރުގެ އޯޑިއޯތަކެއް، އެލަނިސިސް ރިޕޯޓެއް ހުށަހެޅުމަކާ ނުލައި ދަށު ކޯޓަށް ބަލައިގަނެފައިވަނީ ގޯސްކޮށެވެ. އަދި އެ ރެކޯޑިންތައް ބަލައިގަތުމުން އިންސާފުވެރިކަން ގެއްލޭ ކަމަށާއި އެމަނިކުފާނާ މެދު ނުބައި ތަސައްވުރެއް އުފެދިދާނެކަމަށް ވިދާޅުވިއެވެ.

އާރަށުގެ މައްސަލައިގައި އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާތަކުގެ ދިފާއުގައި ރައީސް ޔާމީން ސާބިތުކުރަން މަސައްކަތްކުރައްވަނީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ސައްހަ ޑޮލަރު މާރުކުރުމުގެ މުއާމަލާތަކުން ލިބުނު ފައިސާ ކަމެވެ. އެ ފައިސާގެ މުގާބިލުގައި އެއަށް ވާ ވަރަށް ދިވެހި ރުފިޔާ، އެ މައްސަލައިގައި ދެން ދައުވާ އުފުލާފައިވާ ޔޫސުފް ނައީމަށް ހަވާލުކުރީ ނަގުދު ފައިސާއިން ކަމަށާއި އެ ފައިސާ ގުނުމަށްފަހު ގެންދިޔައީ މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ކަމަށް މީގެ ކުރިން ވެސް ޔާމީންގެ ފަރާތްޕުޅުން ބުނެފައިވެއެވެ.

ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުގައި ޝަރީއަތް ހިންގަމުން މިދަނީ ދެވަނަ ފަހަރަށެވެ. އެ މައްސަލައިގައި މީގެ ކުރިން ކުށް ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބަލަން އެންގީ ހައިކޯޓުންނެވެ. ދައުލަތުން އެ މައްސަލައިގައި ދަށު ކޯޓުގައި ހުށަހެޅި އާ ހެކިތައް ބަލައިގަތީ ގޯސްކޮށް ކަމަށް ހައިކޯޓުން ނިންމިއިރު، އެ ހެކިތައް ބަލައިގަތުމާ ގުޅޭ ބައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވެސް ނިންމާފައިވަނީ ހައިކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: