ނަސްރުގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ބޭއްވުމަށްޓަކައި މިއަދު ޖުމްހޫރީ މައިދާނާއި އެ ސަރަހައްދުގެ މަގުތަކުގެ އިތުރުން ކަނޑުގެ ސަރަހައްދު ބަންދުކުރަން ނިންމައިފިއެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މި ހަރަކާތްތަކާ ގުޅިގެން ފަތިހުން ފެށިގެން ރެއާ ހަމައަށް އެކި ވަގުތުތަކުގައި އެ ސަރަހައްދުތަކުގެ ޓްރެފިކަށް ބަދަލުތަކެއް އަންނާނެއެވެ.
އެގޮތުން ޖަމާއަތުގައި ކުރެވޭ ފަތިސް ނަމާދާއި ޝަހީދުންގެ ބިނާގައި ދިދަ ނެގުމުގެ ރަސްމިއްޔާތަށް ފަތިހު 04:00 އިން ފެށިގެން އެ ހަރަކާތްތައް ނިމެންދެން، އިސްލާމީ މަރުކަޒާއި ޝަހީދުންގެ ބިނާ ހިމެނޭ ސަރަހައްދުގެ މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުވާނެއެވެ. އަދި މެންދުރުފަހު 01:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މިލިޓަރީ ޑިސްޕްލޭއަށް ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތަކުގެ އިތުރުން ފަޅާއި ކަނޑުގެ ސަރަހައްދުވެސް ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މިރޭ 06:30 ގައި ބާއްވާ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާއަށްވެސް ޖުމްހޫރީ މައިދާން ވަށައިގެންވާ މަގުތަކާއި އެ ސަރަހައްދުގެ ފަޅު ބަންދުވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 3 ވަނަ ދުވަސް ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 1988 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއިން ގައުމާއި މިނިވަންކަން އަދި މާތްވެގެންވާ އިސްލާމްދީން ދިފާއުކުރުމަށް ދިވެހި ސިފައިން ކުރި މަތިވެރި ޖިހާދާއި ވީ ގުރުބާނީގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. އެ ދުވަހު ސިފައިން ދައްކުވައިދިން ހިތްވަރުގަދަކަމުގެ ނަމޫނާ ފާހަގަކޮށް، ޝަހީދުވި އަބްތާލުންގެ ހަނދާން އާކުރުމަށް ކޮންމެ އަހަރަކުވެސް ހާއްސަ ރަސްމިއްޔާތުތަކާއި އަސްކަރީ ހަރަކާތްތައް މާލެއާއި އަތޮޅުތަކުގައި ކުރިއަށްގެންދެއެވެ.

