ދިވެހި ފަސްގަނޑުގެ މިނިވަންކަންމަތީ ދެމިއޮތުމަށް ދިވެހި ސިފައިން ދެއްކި ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ ފުން އިބުރަތްތަކެއް ލިބިގަންނަންޖެހޭ މުހިންމު ފިލާވަޅުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ފަޚުރުވެރި ދިވެހި ސިފައިންނަށާއި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނުގެ މެސެޖުގައި، ދިވެހި ޤައުމުގެ ދިފާޢުގައި ޖާނުން ފިދާވެގެންދިޔަ މަތިވެރި އަބްޠާލުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދިވަޑައިގެން ދުޢާ ދަންނަވާފައިވެއެވެ.
ނަޞްރުގެ ދުވަހަކީ 1988 ނޮވެމްބަރު 3 ގައި ދިވެހިންގެ މަދު ބަޔަކާއި ބޭރުގެ ޓެރަރިސްޓް ޖަމާޢަތެއް ގުޅިގެން ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ވައްޓާލުމަށް މާލެއަށް ދިން ނުރައްކާތެރި ޢުދުވާނީ ޙަމަލާއިން ޤައުމު ސަލާމަތްވެ، ދިވެހިން ހޯދި ފަޚުރުވެރި ނަޞްރު ފާހަގަކުރާ ދުވަހެވެ. ސްރީލަންކާގެ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ޕްލޮޓް ޖަމާޢަތުގެ ކުލީ ސިފައިންނާއެކު ދިން މި ޢުދުވާނުގައި ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމުގައި 19 ދިވެއްސަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހި ސިފައިންގެ 8 ބޭކަލަކާއި ޢާންމު ރައްޔިތުންގެ 11 މީހުންނެވެ.
ރާއްޖޭގައި ނަޞްރުގެ ދުވަސް ރަސްމީ ގޮތުން ފާހަގަކުރަން ފަށާފައިވަނީ 1989 ނޮވެމްބަރު 3 ވަނަ ދުވަހުން ފެށިގެންނެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ސިފައިން ދެއްކި މަތިވެރި ހިތްވަރާއި ޤައުމީ ޖިހާދުން ޢިބްރަތް ޙާޞިލުކޮށް، ޤައުމަށްޓަކައި ޝަހީދުވި އަގުހުރި އަބްޠާލުންގެ ޤުރުބާނީގެ ހަނދާންތައް އައުކޮށް، ދިވެހިންގެ މެދުގައިވާ ޤައުމީ އެއްބައިވަންތަކަން ހަރުދަނާކަމާއެކު ދެމެހެއްޓުމެވެ.

