ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓާޝަރީ ހޮސްޕިޓަލްތައް އެއް ބޯޑެއްގެ ދަށަށް ބަދަލުކޮށްފި

ދަރުމަވަންތަ ހޮސްޕިޓަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އާއި އަތޮޅުތަކުގެ ފަސް ރީޖަނަލް ހޮސްޕިޓަލެއްގެ ގަވަނިން ބޯޑު އުވާލައި، ”މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް“ (އެމްޓީއެޗްޖީ) ގެ ނަމުގައި އާ ބޯޑެއް ސަރުކާރުން މިއަދު އުފައްދައިފިއެވެ. މި ބަދަލަކީ ރާއްޖޭގެ މައި ހޮސްޕިޓަލްތައް ހިންގުމުގެ ވައްޓަފާޅިއަށް ގެނެވުނު ބޮޑު އިސްލާހީ ފިޔަވަޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކުރި ގޮތުގައި، މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ ޓާޝަރީ ހޮސްޕިޓަލްތަކާއި އެ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ ހޮސްޕިޓަލްތައް އެއް ގަވަނިން ބޯޑެއްގެ ބެލުމުގެ ދަށުން، ’ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލް‘ އަކަށް އިންތިޒާމުކޮށް ހިންގުމެވެ. މި މޮޑެލްގެ ސަބަބުން ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ބޭނުންކުރުމަށާއި، އިދާރީ ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު އެއް ހަމައެއްގައި ހިފެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ބަޔާންކުރެއެވެ.

މި ނިންމުމާ ގުޅިގެން މީގެ ކުރިން ވަކިވަކިން ހިންގަމުން އައި ހަ ބޯޑެއް ވަނީ ރަސްމީކޮށް އުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ބޯޑު
  • ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ގަވަނިން ބޯޑު
  • ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ގަވަނިން ބޯޑު
  • ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ ގަވަނިން ބޯޑު
  • ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ގަވަނިން ބޯޑު
  • އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ގަވަނިން ބޯޑު

ރައީސް އޮފީހުން ބަޔާންކުރި ގޮތުގައި، އަލަށް އެކުލަވާލި އެމްޓީއެޗްޖީގެ ގަވަނިން ބޯޑު މަސައްކަތް ކުރާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ސީދާ އެ މަނިކުފާނަށް ޖަވާބުދާރީވާ ގޮތަށެވެ. އަދި އިދާރީ ގޮތުން މި ބޯޑު ގާއިމުވެފައި އޮންނާނީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުގައެވެ.

މި ބޯޑުގެ އިސްވެރިންގެ ތަފްސީލު ވެސް ސަރުކާރުން ވަނީ އާންމުކޮށްފައެވެ. އެގޮތުން ބޯޑުގެ ޗެއާޕާސަނަކަށް އައްޔަންކުރައްވާފައިވަނީ ޑރ. އަބްދުލްއަޒީޒު ޔޫސުފެވެ. އަދި ވައިސް ޗެއާޕާސަނަކަށް ހަމަޖައްސަވާފައިވަނީ ހުސެން ސަލީމެވެ. މީގެ އިތުރުން، މި ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ސަރުކާރުގެ މައި ހޮސްޕިޓަލްތަކާއި އެކި ސަރަހައްދުތަކުގެ ރީޖަނަލް ހޮސްޕިޓަލުތަކުގެ އިސް ވެރިންނާއި ފަންނީ މުވައްޒަފުންނެވެ. މިއީ ސިއްހީ ޚިދުމަތުގެ ދާއިރާގެ ތަޖުރިބާކާރުންގެ ލަފައާއި އިރުޝާދު އެންމެ ފުރިހަމަ ގޮތުގައި ހިންގުމުގެ ނިޒާމަށް ގެނައުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.

އަލަށް އުފެއްދި އެމްޓީއެޗްޖީގެ ބެލުމުގެ ދަށުން މާލެ ސަރަހައްދުގެ މައި ހޮސްޕިޓަލްތަކާއި، ޚާއްސަ ސިއްހީ މަރުކަޒުތަކުގެ އިތުރުން އަތޮޅުތަކުގެ މުހިންމު ހޮސްޕިޓަލްތައް ބަލަހައްޓަމުން ގެންދާނެއެވެ. އެ ތަންތަނަކީ:

  • ދަރުމަވަންތަ ހޮސްޕިޓަލް
  • އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)
  • ހުޅުމާލެ ހޮސްޕިޓަލް
  • ވިލިމާލެ ހޮސްޕިޓަލް
  • މޯލްޑިވިއަން ބްލަޑް ސާވިސަސް އަދި އެތަނުން ހިންގާ ތެލަސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓަރު
  • ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
  • ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
  • ލ. ގަން ރީޖަނަލް ހޮސްޕިޓަލް
  • ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
  • ފުވައްމުލަކު ހޮސްޕިޓަލް
  • އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް

މި ބަދަލާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ޓާޝަރީ އަދި ސަރަހައްދީ ހޮސްޕިޓަލްތަކުގެ ހިންގުން އެއް އަމާޒަކަށް ވާސިލުވެ، މާލެއެކޭ އެއްފަދައިން އަތޮޅުތަކުގައި ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ބޭސްފަރުވާއަށް މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރެވިގެންދާނެ ކަމަށް ސަރުކާރުން ގަބޫލު ކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: