ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިބްރާހިމް ދީދީގެ ސުވާލެއް: ”އެމްޑީޕީގެ ދެ ދައުރުގައި އައްޑޫގެ ކަރަންޓާއި ފެނާއި މަގުތަކުގެ މައްސަލަ ހައްލުނުކުރީ ކީއްވެ؟“

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ/ ސަންގު ޓީވީ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީން ވޭތުވެދިޔަ މާޒީގައި ދެ ދައުރުގެ ވެރިކަން ކޮށްފައިވާއިރު، އައްޑޫ ސިޓީގެ ކަރަންޓާއި ފެނުގެ މައްސަލަ އަދި ލިންކް ރޯޑު މަރާމާތުކޮށް އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުނުކުރެވުނީ ކީއްވެގެންތޯ ސުވާލު އުފައްދަވައި، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ އެމްޑީޕީއަށް ފާޑުކިޔުން އަމާޒުކުރައްވައިފިއެވެ.

ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިބްރާހިމް ދީދީ ވިދާޅުވީ، އިދިކޮޅު އެމްޑީޕީން ދައްކާ ވާހަކައާއި އަމަލާ ދިމާނުވާ ކަމަށެވެ. އެގޮތުން މިއަދު ގިނަ ރައްޔިތުންގެ ހަނދާނުގައި ކަންކަން ހުރި ނަމަވެސް، ވަކި ބައެއްގެ އަވައިގައި ޖެހިފައި ތިބި ބަޔަކަށް އެ ހަގީގަތްތައް އަޑުއަހަން ބޭނުން ނުވާ ކަމަށާއި، ނަމަވެސް އަސްލު ހަގީގަތް އެބޭފުޅުންނަށް ވެސް ވަރަށް ސާފުކޮށް އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމުގެ މާޒީއަށް އަލިއަޅުއްވާލައްވަމުން އިބްރާހިމް ދީދީ ވިދާޅުވީ، 2008 ވަނަ އަހަރު ވެރިކަމަށް އައިސް ދައުރުގެ މެދުތެރެއިން އިސްތިއުފާ ދިން ނަމަވެސް، ޖުމްލަކޮށް ދިހަ އަހަރުގެ ދައުރެއް އެ ޕާޓީއަށް ރައްޔިތުން ދިން ކަމަށެވެ. އެ މުއްދަތުގައި ދައުލަތުގެ ބޮޑެތި ބަޖެޓުތައް ހޭދަކުރެވުނުއިރު، އައްޑޫގެ ކަރަންޓާއި ފެނުގެ އަސާސީ މައްސަލަތައް ހައްލުނުކުރެވުނީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

”އެމްޑިޕީއަށް  ދެދައުރު ރައްޔިތުން ދިން. ދައުލަތުގެ ބަޖެޓުވެސް ވަރަށް ގިނައިން ދިން. ކީއްވެގެންތޯ އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ އެބޭފުޅުން ހައްލު ނުކުރެއްވީ؟ ކީއްވެގެންތޯ ފެނުގެ މައްސަލަ ހައްލު ނުކުރެއްވީ؟ ކީއްވެގެންތޯ މަގު ނެހެދީ؟ އައްޑޫ ރައްޔިތުން ބޭނުންވާ ކަންކަން ނުކޮށްދީފައި މިހާރު ކީއްކުރަންތޯ އެވާހަކަ ދައްކަނީ؟“ އިބްރާހިމް ދީދީ

މީގެ އިތުރުން، ރާއްޖޭގެ ދަރަނި 120 ބިލިއަނަށް ވުރެ މައްޗަށް އަރައި، ބޮޑެތި ލޯނުތަކާއި ދައުލަތުގެ އާމްދަނީ ހުސްކުރިއިރު ވެސް އައްޑޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް، އައްޑޫގެ ފަތުރުވެރިކަން ފުޅާކޮށް، ވަޒީފާގެ ފުރުސަތުތަކާއި ޔުނިވަރސިޓީތައް ގާއިމުކޮށްނުދެވުނީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވިއެވެ. ރައްޔިތުންގެ މެޖޯރިޓީ އެމްޑީޕީ ސަރުކާރުގައި އޮތް އިރު އެ ހުރިހާ ކަމެއް ނުކޮށް މިހާރު އެ ވާހަކަތައް ދައްކަވަނީ ކޮން ބޭނުމެއްގައިތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

މީގެ އިތުރުން، އައްޑޫގެ މޭޔަރު އަލީ ނިޒާރަށް ފާޑުވިދާޅުވަމުން އިބްރާހިމް ދީދީ ވިދާޅުވީ، ދާދި ފަހުން އޭނާ އައްޑޫއަށް ކުރެއްވި ދަތުރުފުޅެއްގައި މޭޔަރާއި ބައްދަލުވުމުން މި ސަރުކާރުން ލާމަރުކަޒީ ނިޒާމު ފުނޑާލައިފިކަމަށް ވިދާޅުވި ކަމަށެވެ.

”ހަމަ ކޮންމެ ފަހަރަކު ވެސް ނިޒާރު ވިދާޅުވާ ވާހަކައެއް މިއީ. ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ވިދާޅުވީ ފުނޑާލައިފިޔޭ، މި ސަރުކާރު އައުމުން ވެސް ވިދާޅުވަނީ ފުނޑާލައިފިޔޭ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ކުރިން އެ ނިޒާމު ނުފުނޑި އޮތްއިރު، އަމިއްލަ ސަރުކާރަކާއި، މަޖިލިސް މެޖޯރިޓީ އަދި ކައުންސިލް އޮވެގެން ކީއްވެގެންތޯ އެކަންކަން ނުކުރެވުނީ؟“ އިބްރާހިމް ދީދީ

އައްޑޫގެ ލިންކް ރޯޑާއި ގުޅުވާ ދެކެވޭ ވާހަކަތަކަށް އިޝާރަތްކުރައްވާ އިބްރާހިމް ދީދީ ވަނީ އޭނާ ދާދި ފަހުން އައްޑޫ ފޭދޫގައި މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ ޗައިނާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި އިސްވެރިންނާ ބައްދަލުކުރެއްވި ކަމަށް ވިދާޅުވެފައެވެ. އަދި 2027 ވަނަ އަހަރު ނިމުމުގެ ކުރިން ލިންކް ރޯޑު ހިމެނޭހެން މަގުތައް ހަދައި ނިންމޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ސާފު ޓާގެޓަކާއެކު ކަމަށާއި، އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރު ރައީސް ޑރ. މުއިއްޒު ދެވަނަ ދައުރަކަށް ހުވާކުރައްވަން ވާއިރަށް، އައްޑޫގެ މަގުތައް ހެދި، ކަރަންޓާއި ފެނުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނެސްދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: