ދިވެހި ރައްޔިތުންނަށް އުފުލަންޖެހޭ މާލީ އަދި ދިރިއުޅުމުގެ ތަކުލީފުތައް ކުޑަކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި، ބާޒާރުގައި މުދަލުގެ އަގު އުފުލުނަނުދީ ހިފެހެއްޓުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު މުހައްމަދު ސައީދު ފާހަގަކުރެއްވި ގޮތުގައި، ހަނޑުލާއި ހަކުރާއި ފުށަކީ ހަމައެކަނި އަސާސީ މުދާ ކަމަށް ބަލައިގެން ދިވެހި ސަރުކާރުތަކުން ސިޔާސަތުތައް އެކަށައަޅަމުން އަންނަތާ ފަސްދޮޅަހަކަށް އަހަރު ވެއްޖެއެވެ. މި ދިގު މުއްދަތުގެ ތެރޭގައި ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށާއި ދުވަހުން ދުވަހަށް ބޭނުންކުރާ ތަކެއްޗަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، ޒަމާނާ އެއްގޮތަށް އަސާސީ މުދަލުގެ ލިސްޓު އަދާހަމަކުރެވިފައި ނެތް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ކަމަކީ ރައްޔިތުންގެ ޒަމާނީ ދިރިއުޅުމުގެ ބޭނުންތަކާ އެއްހަމަވާ ގޮތަށް މި ލިސްޓު އިސްލާހުކުރެއްވުމެވެ.
އެގޮތުން ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ އެއްގޮތަށް، 10 ބާވަތެއްގެ މޭވާއާއި، 10 ބާވަތެއްގެ ތަރުކާރީގެ އިތުރުން މުގާއި، ކުކުޅު ބިހާއި، ކާށި ހިމަނައިގެން ޖުމްލަ 26 ބާވަތެއް އަސާސީ މުދަލުގެ ގޮތުގައި މިހާރު ވަނީ ރަސްމީކޮށް ކަނޑައަޅާފައެވެ.
މި ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ ސަރުކާރެއްގެ އަދި ވެރިންގެ މައިގަނޑު މަސްއޫލިއްޔަތަކީ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތައް ދެނެގަނެ، އެކަންކަމަށް ރިއާޔަތްކޮށް ސިޔާސަތުތަކަށް ބަދަލުގެނައުން ކަމަށެވެ. އަދި މި ސަރުކާރުން އެ މަސައްކަތް އަމަލީ ގޮތުން ކުރަމުންދާ ކަމަށާއި، ނަމަވެސް މީގެ ކުރީގެ ސަރުކާރުތަކުން އެކަމަށް އެކަށީގެންވާ ސަމާލުކަމެއް ދީފައިނުވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އިދިކޮޅު އެމްޑީޕީން ދެ ދައުރެއްގައި ވެރިކަން ކުރިއިރު، މުދަލުގެ އަގު އަތްފޯރާ ފަށަށް ގެނައުމުގެ ނަމުގައި ތަފާތު ޝިއާރުތައް ބޭނުންކުރި ނަމަވެސް، އަގު ކޮންޓްރޯލްކޮށް ހިފެހެއްޓުމަށް އެކަށޭނަ ހަރުދަނާ ސިޔާސަތުތަކެއް އެކަށައަޅައި ތަންފީޒުކޮށްފައި ނުވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގު އުފުލިގެން ދިޔުމުން، ދުނިޔޭގެ އިގުތިސާދަށް އަންނަ ލޮޅުންތަކުގެ އަސަރު ރާއްޖެއަށްވެސް ކުރާނެ ކަމަށް ބުނެ އެއިރުގެ ވެރިން ވާހަކަދެއްކެވިކަން ވަޒީރު ހަނދާންކޮށްދެއްވިއެވެ.
ދުނިޔޭގެ ބާޒާރުގެ އަސަރު ރާއްޖެއަށް ފޯރުމަކީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ނަމަވެސް، ޒިންމާދާރު ސަރުކާރެއްގެ ދައުރަކީ ބޭރުގެ ލޮޅުންތަކުން ރައްޔިތުންނަށް ކުރާ ނޭދެވޭ އަސަރު އެންމެ ކުޑަވާނެ ގޮތަކަށް ސިޔާސަތުތައް ބައްޓަންކުރުން ކަމަށާއި، އެ އަމާޒަށް ވާސިލުވުމަށް އެމްޑީޕީގެ ވެރިކަމުގައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.
ބާޒާރުގެ ހާލަތު ދެނެގަނެ ރައްޔިތުން ހިމާޔަތްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތަފްސީލު ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، އަލަށް އެކުލަވައިލި އަސާސީ 26 ބާވަތުގެ އިތުރުން ތުއްތުކުދިންގެ ކިރު ފަދަ މުހިންމު ތަކެތި ހިމެނޭހެން ޖުމްލަ 80 ބާވަތެއްގެ މުދަލުގެ އަގު ސަރުކާރުން މިހާރު ގަވާއިދުން މޮނީޓާކޮށް ބަލަހައްޓަމުން ގެންދާ ކަމަށެވެ.
ދުނިޔޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، ހާއްސަކޮށް ހޮރްމުޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ބައިނަލްއަގުވާމީ ވިޔަފާރިއަށާއި މުދަލުގެ އަގުތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދިވެހި ރައްޔިތުން އުފުލަންޖެހޭ ބުރަ ވީހާވެސް ކުޑަކުރުމަކީ މި މޮނީޓަރިން ނިޒާމުގެ މައިގަނޑު ބޭނުން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
މެދުއިރުމައްޗާއި މި ސަރަހައްދުގެ އެހެން ގައުމުތަކުގައިވެސް ބާޒާރުގެ ހާލަތު ދެނެގަނެ އަސާސީ ބާވަތްތައް ކަނޑައަޅައިގެން އަޅަމުންދާ ފިޔަވަޅުތަކާ އެއްގޮތަށް، ދިވެހި ސަރުކާރުންވެސް ރައްޔިތުންގެ ފައިދާއަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

