ވ. އަތޮޅު އަލިމަތާ ކައިރިން ގެއްލިގެން ހޯދަމުންދިޔަ އިޓަލީގެ ޑައިވަރުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނިކޮށް ހާލު ދެރަވެގެން ފަރުވާދެނިކޮށް ނިޔާވި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީގެ ހިތްވަރާއި ގުރުބާނީގެ އަގުވަޒަންކޮށް، އިޓަލީ ސަރުކާރުން، ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު އަރުވައި، އެކަމުގެ މެޑަލް އޭނާގެ އާއިލާ ހަވާލުކޮށްފިއެވެ.
”ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ“ މެޑަލް މަހުދީގެ އާއިލާއާ ހަވާލުކުރީ ރާއްޖެއާއި އިޓަލީއާ ދެމެދު އޮތް ހާރިޖީ ގުޅުމަށް 60 އަހަރު ފުރުމާއި، އެ ގައުމުގެ 80 ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައެވެ. މިއީ ފާހަގަކޮށްލެވޭ ފަދަ ހިތްވަރުގަދަ ހިދުމަތްތަކަށް އިޓަލީ ސަރުކާރުން އަރުވާ ޝަރަފުވެރި ރަން މެޑަލެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ މަހުދީގެ ހިތްވަރާއި ގުރުބާނީގެ އަގުވަޒަންކޮށް، އިޓަލީ ސަރުކާރުން، ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު އަރުވާފައެވެ. ޝަރަފުގެ މެޑަލް ހަވާލުކޮށްދެއްވީ އިޓަލީވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެމިއާނޯ ފްރެޑްރިޗް އަދި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދެވެ. އާއިލާގެ ފަރާތުން މެޑަލްއާ ހަވާލުވީ މަހުދީގެ ދެ ދަރިންނެވެ. މި ރަސްމިއްޔާތުގައި މަހުދީގެ އާއިލާގެ ގިނަ މެންބަރުން ބައިވެރިވިއެވެ.
މަހުދީގެ ގުރުބާނީގެ އަގުވަޒަންކޮށް، އިޓަލީގެ އެންމެ މަތީ ޝަރަފު އޭނާއަށް އަރުވާފައިވާއިރު މަހުދީގެ އާއިލާއަށް އެހީތެރިވުމަށް ހާއްސަ ފަންޑު ހޯދުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށްވެސް ސްރީލަންކާގައި ހުންނަ އިޓަލީ އެމްބަސީން ވަނީ އޮކްޓޯބަރު 28ގައި ހާމަކޮށްފައެވެ.
އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން، މަހުދީގެ ހަނދާނުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓްގެ މައުލޫމާތުވެސް އެމްބަސީން ވަނީ އާންމުކޮށްފައެވެ.
އެމްއެންޑީއެފްއިން ބުނެފައިވާ ގޮތުގައި، މަހުދީ ނިޔާވީ ކަނޑު އަޑިން މީހުން ހޯދުމުގެ ހިދުމަތުގައި އުޅެނިކޮށް ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވުމާ ގުޅިގެން، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މެއި މަހުގެ 16ވަނަ ދުވަހުއެވެ. އޭނާގެ ނިޔާވި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން އަދިވެސް ދަނީ ތަހުގީގުކުރަމުންނެވެ.

