އެމެރިކާގައި ބޭއްވި މިޑްޓާމް އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯދައި، އެ ޤައުމުގެ ޤާނޫނުހަދާ މަޖިލިސް ނުވަތަ ކޮންގްރެސްގެ ދެ ގެކަމަށްވާ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓިކް ޕާޓީން ކާމިޔާބުކޮށްފިއެވެ.
މި އިންތިޚާބީ ކާމިޔާބީއާއެކު ޑިމޮކްރެޓިކް ޕާޓީއަށް ބޮޑު އުފާވެރިކަމެއް ލިބިފައިވީ ނަމަވެސް، ކެމްޕޭނުގައި ވެފައިވާ ވައުދުތައް ފުއްދުމުގައި އެ ޕާޓީއަށް ގިނަގުނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މި އިންތިޚާބުގައި ޑިމޮކްރެޓުން މައިގަނޑު ގޮތެއްގައި ކެމްޕޭން ކޮށްފައިވަނީ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށާއި، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށެވެ.
މީގެ އިތުރުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، ހިޖުރަކުރުމާ ގުޅޭގޮތުން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކަށް ހުރަސްއެޅުމަކީވެސް އެ ޕާޓީގެ މުހިންމު އަމާޒުތަކެކެވެ. އިންތިޚާބުގެ ނަތީޖާއާއެކު ހައުސްގެ ޑިމޮކްރެޓިކް ލީޑަރު ހަކީމް ޖެފްރީސް ކުރިއަށް އޮތް 120 ވަނަ ކޮންގްރެސްގެ ރިޔާސަތަށް ނުވަތަ ހައުސް ސްޕީކަރުގެ މަޤާމަށް ވަޑައިގަންނަވާނެ ކަމަށް ވަނީ ބެލެވިފައެވެ.
އިންތިޚާބު ކާމިޔާބުވި ނަމަވެސް، އަންނަ ޖެނުއަރީ މަހާ ހަމައަށް ޑިމޮކްރެޓުންނަށް ކޮންގްރެސްގެ ކޮންޓްރޯލް ރަސްމީކޮށް ނުލިބޭނެއެވެ. އަދި ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ އެއްބާރުލުމެއް ނެތި ޤާނޫނުތައް ފާސްކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ސެނެޓުން ގިނަ ބިލުތައް ފާސްކުރުމަށް މަދުވެގެން 60 ވޯޓު ބޭނުންވާއިރު، ބިލެއް ފާސްކުރެވުނު ކަމުގައި ވިޔަސް ރައީސް ޓްރަމްޕް އެ ބިލެއް ވީޓޯ ކުރުމުގެ ފުރުސަތު ބޮޑެވެ. ޓްރަމްޕް ވަނީ ޑިމޮކްރެޓުން ހުށަހަޅާ ކޮންމެ ބިލެއް ވީޓޯ ކުރައްވާނެ ކަމުގެ އިންޒާރު މިހާރުވެސް ދެއްވާފައެވެ.
ނަމަވެސް ކޮންގްރެސްގެ ކޮންޓްރޯލް ލިބުމުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެހެނިހެން ބާރުތަކެއް ޑިމޮކްރެޓުންނަށް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ސެނެޓުން މަޤާމުތަކަށް މީހުން ޢައްޔަންކުރުމުގައި ރުހުން ދިނުމުގެ ބާރާއި، ކޮމިޓީތައް މެދުވެރިކޮށް ސަރުކާރުގެ ކަންކަން ތަޙުޤީޤުކޮށް ބެލުމުގެ ބާރު ހިމެނެއެވެ.
މީޑިއާ ރި]ޯޓުތައް ބުނާ ގޮތުގައި މި އިންތިޚާބުގައި ވޯޓުލީ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ ތަކެތީގެ އަގުބޮޑުވުމެވެ. އެހެންކަމުން ހަކަތައާއި، ބޯހިޔާވަހިކަމާއި، ސިއްޙީ ޚިދުމަތްތަކާއި އަދި ކާބޯތަކެތީގެ އަގުތައް ތިރިކުރުމަށް ޑިމޮކްރެޓުން ވަނީ ވައުދުވެފައެވެ. ސެންޓަރ ފޮރ އިކޮނޮމިކް އެންޑް ޕޮލިސީ ރިސާޗްގެ އިޤްތިޞާދީ މާހިރެއް ކަމަށްވާ ޑީން ބޭކަރއާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ޑިމޮކްރެޓުންނަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ސަރުކާރަށް ބާރުއެޅުމެވެ.
މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ހިނގަމުންދާ މި ހަނގުރާމައިގެ ސަބަބުން ތެލާއި ގޭހުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. މީގެ މައިގަނޑު ސަބަބަކީ ތެޔޮ އުފުލާ މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް އީރާނުން ހުރަސްއަޅަމުން ދިއުމެވެ.
އަލްޖަޒީރާގައި ރި]ޮޓުކޮށްފައިވާ ގޮތުގައި ކޮންގްރެސްގެ ތަޙުޤީޤީ ބާރުތަކާއި ބެލެހެއްޓުމުގެ ނިޒާމު ބޭނުންކޮށްގެން މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓްރަމްޕްގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރެވިއްޖެނަމަ، ތެލުގެ އަގު ހެޔޮވެ، ޢާންމު ރައްޔިތުންގެ ޖީބަށް އޭގެ ލުއިކަން ލިބިގެންދާނެ ކަމަށް އިޤްތިޞާދީ މާހިރުން ދެކެއެވެ.
އަލްޖަޒީރާގެ ރިޕޯޓުގައިވާ ގޮތުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ޑިމޮކްރެޓުންނަށް ކުރިމަތިވާނެ އެންމެ ބޮޑު އިމްތިޙާނަކީ ސަރުކާރުގެ ހުރަސްތަކާއެކުވެސް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމެވެ. ޤާނޫނުތައް ހެދުމުގައި ރައީސް ޓްރަމްޕްގެ ވީޓޯގެ ބާރާއި ސެނެޓުގެ ހުރަސްތައް އޮތް ނަމަވެސް، ސަރުކާރުގެ ނިންމުންތައް ވަރުގަދައަށް މޮނިޓަރކޮށް، ސިޔާސަތުތަކަށް ބަދަލު ގެނައުމަށް ބާރުއެޅުމުގެ ފުރުސަތު ކޮންގްރެސްގެ އަޣުލަބިއްޔަތާއެކު ޑިމޮކްރެޓުންނަށް ވަނީ ތަނަވަސްވެފައެވެ.

