ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތަކުގެ ތެރެއިން 48 ބިމެއް ގަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓުން ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ”ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލު“ގެ ދަށުން ވިއްކުމަށް ކަނޑައަޅާފައިވާ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނެވެރިންނަށާއި އެ ބިންތަކާއި އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކުގެ ތެރެއިން އެ ބިންތައް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ އިއުލާނެއްގައި ވަނީ 2011 ވަނަ އަހަރު ހިންގެވި “ވެށިފަހި މާލެ ޕްރޮގްރާމު“ ގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލު އެކުލަވާލައި 28 ޖޫން 2021 ގައި ވަނީ ގެޒެޓުކުރެވިފާ ކަމަށާއި މި އުސޫލުގެ ދަށުން ބިންތައް ގަންނަން ޝައުގުވެރިވާ، އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނެވެރިންނަށާއި އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކަށް 08 ނޮވެންބަރު 2026 ވާ އާދީއްތަ ދުވަހުން ފެށިގެން އެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި ބިން ވިއްކާނީ އަކަފޫޓަކަށް -/2000 ރުފިޔާގެ މަގުންނެވެ. މި ބިންތައް ވިއްކުމުގައި އަމަލުކުރާނީ ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލާ އެއްގޮތަށް ކަމަށް ވެސް ބުނެފައިވެއެވެ.
މިނިސްޓްރީގެ އިއުލާނުގައި މާފަންނުގެ 21 ބިމަކާއި މައްޗަންގޯޅީގެ 10 ބިމަކާއި ހެންވޭރުގެ ނުވަ ބިމަކާއި ގަލޮޅުގެ ހަތް ބިން ވިއްކުމަށް ހިމަނާފައިވެއެވެ. އޭގެ އިތުރުން ވިލިނގިލީގެ ބިމެއް ވެސް ހިމެނެއެވެ.
ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލުގައިވާ ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވާ އެންމެހާ ލިޔެކިޔުންތަކާއެކު 08 ޑިސެންބަރު 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށް އެދިފައިފައިވެއެވެ.
ވެށިފަހި ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލުގައިވާ ފޯމާއި ވިއްކާ ބިމުގެ ޗާރޓު އެ މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓުން 08 ނޮވެންބަރު 2026 ވާ އާދީއްތަ ދުވަހުން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.

