ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެރިން ޕޮލިސްގެ ހެޑްގެ މަޤާމުގައި ހުރި އާދަމް އިޔާޒު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

މެރިން ޕޮލިސްގެ ހެޑްގެ މަޤާމުގައި ހުންނެވި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް އިޔާޒު ފުލުހުންގެ ވަޒީފާއިން ވަކިކުރީ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް ކަނޑައަޅައި، ދަށު ކޯޓުތަކުން ކޮށްފައިވާ ޙުކުމްތައް ދަމަހައްޓައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މައްސަލަ ނިންމައިފިއެވެ. ސުޕްރީމް ކޯޓުން އިއްޔެ މި ޙުކުމް އިއްވާފައިވަނީ 2023 ވަނަ އަހަރު އާދަމް އިޔާޒުގެ ފަރާތުން އެ ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައިގައެވެ.

މި މައްސަލައިގެ ފެށުމަކީ 2015 ވަނަ އަހަރު ފުލުހުންގެ ”ޕޮލިސް 20“ ލޯންޗު ފަރަށް އެރުމާ ގުޅިގެން ހިނގައިދިޔަ ހާދިސާއެކެވެ. އެ ލޯންޗު ފުންކުރުމާއި، ކަފުޖެހުމާއި، މަރާމާތުކުރުމުގެ އިތުރުން އިންޝުއަރެންސް ފައިސާއާ ގުޅޭ މުޢާމަލާތްތަކުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާއި ޕޮލިސް ފައިނޭންސް ޑިޕާޓްމަންޓުގެ އުޞޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާ ކަމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ސާބިތުވުމާ ގުޅިގެން، 2018 ވަނަ އަހަރު އިޔާޒު ވަނީ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައެވެ. އަދި ފުލުހުންގެ އިސްތިއުނާފު ކޮމިޓީން ވެސް އެ ނިންމުމަށް ތާއީދުކުރިއެވެ.

ވަޒީފާއިން ވަކިކުރި މައްސަލައިގައި ވަޒީފާ އަނބުރާ ހޯދުމަށާއި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އާދަމް އިޔާޒު ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅިއެވެ. ނަމަވެސް، ސިވިލް ކޯޓުން ނިންމީ އޭނާ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާތީ، ވަޒީފާ އަލުން ދިނުމަށާއި ބަދަލު ނަގައިދިނުމަށް އަމުރުކުރެވެން ނެތް ކަމަށެވެ.

އެ މައްސަލަ ހައިކޯޓުގައި އިޔާޒުގެ ފަރާތުން އިސްތިއުނާފު ކުރުމުން، 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހައިކޯޓުން ވެސް ނިންމީ ސިވިލް ކޯޓުގެ ޙުކުމް ރަނގަޅު ކަމަށެވެ. ހައިކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ، މައްސަލައިގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަކޮށްފައިވާ ކަމަށާއި، ދަށު ކޯޓުގައި އިޔާޒުގެ ފަރާތުން ހުށަހެޅި ހެކިން ހާޒިރުކުރި ނަމަވެސް އެ ހެކިބަހަށް މާބޮޑު ބުރަދަނެއް ދެވެން ނެތް ކަމަށެވެ.

ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން އާދަމް އިޔާޒުގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކުރީ، ޑިސިޕްލިނަރީ ބޯޑުގެ ތަޙްޤީޤު ރަނގަޅު ނޫންކަން ސާބިތުކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި ހެކިން ހާޒިރުނުކޮށް އަދި އެ ހެކިން ހާޒިރުނުކުރި ސަބަބު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންނުކުރުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން ލިބިދޭ އިންޞާފުން ޝަރީޢަތްކުރުމުގެ ޙައްޤާ ޚިލާފު ކަމެއް ކަމަށެވެ. އަދި މެރީޑިއަމް ސަރވިސަސް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކާ ވެސް ޚިލާފު ކަމެއް ކަމަށް އޭނާ ބުނެފައިވެއެވެ. މީގެ އިތުރުން، އޭނާއާމެދު ފިޔަވަޅު އަޅާފައިވަނީ އިންޞާފުވެރިކޮށް ނޫން ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ފުރަތަމަ ރިޕޯޓުގައި ބުނެފައިވާތީ އެ ނިންމުމަށް ރިޢާޔަތްކުރަންޖެހޭނެ ކަމަށް ވެސް ފާހަގަކުރިއެވެ.

ދައުލަތުގެ ފަރާތުން މި ވާހަކަތަކަށް ރައްދުދެމުން ފާހަގަކުރީ، މި މައްސަލައިގައި އުފައްދާފައިވާ ނުކުތާތަކަކީ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވޭނެ މިންގަނޑުތަކުގެ ތެރެއަށް ފެތޭ ކަންކަން ނޫން ކަމަށެވެ. އަދި ހައިކޯޓުގައި އެދިފައިނުވާ ފަރުވާއަކަށް ސުޕްރީމް ކޯޓުގައި އެދިފައިވާ ކަމަށާއި، އެންއައިސީގެ ފުރަތަމަ ނިންމުން އެ ކޮމިޝަނުން ފަހުން މުރާޖަޢާކޮށް މައްސަލަ ކުރިއަށް ނުގެންދަން ނިންމާފައިވާކަން ވެސް ދައުލަތުން ފާހަގަކުރިއެވެ.

ސުޕްރީމް ކޯޓުން މައްސަލަ ބެލުމަށްފަހު ނިންމީ، ދަށު ކޯޓުން މައްސަލަ ނިންމުމުގައި ހެކިން ހާޒިރުނުކުރި ނަމަވެސް، މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކޮށްފައިވާ އިޖުރާއަތްތަކަށް ބަލާއިރު މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާ ކަމަށެވެ. އަދި އަޑުއެހުންތައް ނިމުނު ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނިންމުމެއް ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް، އިސްތިއުނާފީ މަރުޙަލާގައި އަލަށް ހެކި ބަލައިގަތުމުގެ ޤާނޫނީ ހަމަތަކަށް ބަލާއިރު އެއަށް ރިޢާޔަތްކުރެވެން ނެތް ކަމަށް ކޯޓުން ފާހަގަކުރިއެވެ.

އެހެންކަމުން، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް އިޔާޒު ފުލުހުންގެ ވަޒީފާއިން ވަކިކުރުމުގައި ޤާނޫނީ އެއްވެސް ފުށުއެރުމެއް ނެތް ކަމަށާއި، ސިވިލް ކޯޓާއި ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ކަނޑައަޅައި، ދަށު ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: